ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ރައިސް މުއިއްޒުގެ "ހަފްތާ 14" ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސް އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްސާކުރެއްވިއެވެ. އަދި އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާކުރެއްވިއެވެ.

"ހަފްތާ 14" ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، "ހަފްތާ 14" ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ "ހަފްތާ 14" ގެ ދުވަސްތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެެވެ.

މި ސަރުކާރުގެ "14 ހަފުތާގައި" ހިމެނެނީ ޖުމުލަ 98 ދުވަހެވެ. އެ ޕްލޭނުގައި ހިމަނާފައިވާ މަޝްރޫއުތައް ކަނޑައަޅާފައިވާ ބަރާބަރު މުއްދަތަށް ނިންމަން މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. އެ މަޝްރޫއުތަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެ ޕްލޭނުގައި އިސްކަން ދީފައިވާ ކަންކަމަށް ބަލާއިރު ބޯހިޔާވަހިކަމާއި އިގުތިސޯދާއި ތިމާވެށީގެ އިތުރުން ސިއްހީ ދުޅަހެޔޮ ކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު