ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވޑައިގެންފައިވާ، ވައުދު ފުއްދެވުމުގައި ދައްކަވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި، ގާބިލްކަމާއި ހުޝިޔާރުކަން ކަމުގައި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި ސަރުކާރުގެ އަދި ރާއްޖޭގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމުގައިވާ ރަސްމާލެ ހިއްކައި އެ ތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒު އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވުމާ ގުޅިގެންނެވެ.

އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ފައްޓަވައި ދެއްވި ރަސްމާލެ މަޝްރޫއަކީ މިހާތަނަށް ދިވެހީންގެ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މަޝްރޫއު ނިމިގެންދާ އިރު ދިވެހީންގެ ރާއްޖެއިން ފެނިގެންދާނީ އަމާން ރައްކާތެރި ހިތްފަސޭހަ ހުރިހާ ގޮތަކުން ފައްކާވެފައިވާ ފުރިހަމަ ރަސްމާލެ އެއް." އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވައުދު ފުއްދެވުމުގައި ރައީސް މުއިއްޒު ދައްކަވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ގާބިލްކަމާއި ހުޝިޔާރުކަން ކަމަށެވެ. އަދި ފަސް އެނބުރި ބެލުމެއްނެތި ދިވެހީންދާނީ އެ މަނިކުފާނާއެކު ކުރިއަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުން ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލެއާއި ފުށިދިއްގަރު ފަޅުން ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް ޕްލޭންކޮށްފައިވާނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތެއްގައި އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މެދުގައި ތިން މީޓަރު އުސްމިން އަދި އަރިމަތީގައި ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ވެސް އެ ތަނުގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.