ގެސްޓް ހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ޅ. ނައިފަރުގެ އަންހެނަކާއި އުމުރުން 21 އަހަރުގެ ގދ. ތިނަދޫ ފިރިހެނެއްގެ އިތުރުން އުމުރުން 46 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި ތިން މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި މާރާމާރީ ހިންގުމުގެ ތުހުމަތެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި ހެކީގެ ގޮތުގައި ފާހަކޮށްފައި ވަނީ އަނިޔާ ލިބުނު ފަރާތުން ބުނާބުނުމާއި ސީނަށް ދިޔަ ފުލުހުންގެ ހެކިބަސް ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ގެސްޓްހައުސް ތެރޭގައި ހުއްޓައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވާއިރު ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވެފައިވަނީ އަނިޔާ ލިބުނު ފަރާތުން ގެސްޓްހައުސް އަށް ދިއުމަށް އެދިފައި ވަނީ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ކަމަށެވެ. އަދި މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 21 އަހަރުގެ މީހާ އެކި ކަންކަމުގައި 23 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 12 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހައްޔަރު ކުރި އުމުރުން 46 އަހަރުގެ މީހާއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އޭނާ ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށެވެ. އަދި ހައްޔަރު ކުރިއިރު އޭނާގެ ކަރުގައި އަނިޔާ ލިބުނު ފަރާތުގެ ފަށެއް އޮތްކަން ވެސް އިންވެސްޓިގޭޝަން އޮފިސަރުން ފާހަގަކޮށްފައިވެއެވެ.