އެމްޑީޕީ އަށް ވެރިކަން ލިބި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ކަށަވަރު ވުމާއި އެކު ކުރިން ވެސް ޔަގީންވެފައި އޮތީ ޝަރުޢީ ދާއިރާ އެފުށް މިފުށަށް ޖަހާލާނެއެވެ. އެމަސައްކަތް މިހާރު އެމްޑީޕީ އިން މިވަނީ ފަށާފައެވެ. ނަމަވެސް ސުވާލަކީ އެހެން ބަޔަކު ބޭނުންވާ ޙުކުމެއް ޝަރުޢީ ދާއިރާ އިން ކުރި ނަމަވެސް އެއީ އެބަޔަކު ޝަރުޢީ ދާއިރާ އަށް އަތް ބާނައިގެން، ނުފޫޒު ބޭނުން ކޮށްގެން ކުރި ޙުކުމަކަށް ވެފައި އެމްޑީޕީ އިން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް އެއީ ހަމައާއި އިންސާފަށް ވަނީ ކީއްވެ ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޝަރުޢީ ދާއިރާ އާއި ދެކޮޅަށް ކުރި "ފުރަތަމަ ބޮޑުހަނގުރާމަ" އަކީ ސުޕްރީމް ކޯޓުގައި ތަޅުއަޅުވައިގެން، އެމްޑީޕީ އިން ބޭނުންވާ ބަޔަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގެންނަން ހިންގި ޣައިރު ދުސްތޫރީ އަމަލެވެ. ޤާނޫނީ ގޮތުން ސަރުކާރުން އުފުލަން ޖެހޭ ޒިންމާތަކެއް ގަސްދުގައި ނުއުފުލާ މަޑުކުރުމަށް ފަހު، އިންތިގާބީ ބާބު ހުއްޖަތެއް ކަމުގައި ދައްކައިގެން އެމްޑީޕީގެ ސަރުކާރުން ބޭނުންވި ބަޔަކު އެފަހަރު ފަނޑިޔާރު ކަމަށް ގެނައެވެ. އެމްޑީޕީ އިން ބޭނުންވި ގޮތައް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ނުނެގުނު ނަމަވެސް އެކަން ކުރުމާއި ދާދި ގާތައް އެފަހަރު ވެސް ދިޔައެވެ.

ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިގެން އެމްޑީޕީގެ ސަރުކާރުން ކުރަން ބޭނުންވި ކަމެއް ބޭނުންވި ގޮތައް ކުރުމުން އެކަންވީ ހަމައާއި އިންސާފަށެވެ.

ހުރިހާ ކަމެއްގެ ހަނދާންތައް އާނުކޮށް، ދެން ނަޝީދުގެ ސަރުކާރުން ޝަރުޢީ ދާއިރާ އާއި ދެކޮޅަށް ކުރި "ދެވަނަ ބޮޑު ހަނގުރާމައިގެ" ހަނދާންތައް އާކޮށްލަން ހިނގާށެވެ. ހައްޔަރު ކުރަން ސަރުކާރުން ބޭނުންވި ދެބޭފުޅަކު ކަމުގައިވާ ޑރ.މުހައްމަދު ޖަމީލް އަހްމަދާއި، ސަންދާނު އަހައްމައިދީ ހައްޔަރު ކުރަން ކޯޓުން އަމުރު ނުކުރުމުން ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވަގަށް ނެގިއެވެ.

އޭނާ ދޫކޮށްލަން، ކްރިމިނަލް ކޯޓާއި، ހައިކޯޓާއި، ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. މިއަދު ކޯޓުން ކޮންމެ ގޮތަކަށް މައްސަލަ ނިންމާފައި އޮތް ނަމަވެސް އަބްދުﷲ ގާޒީ ވަގަށް ނަަގައިގެން ގެންގޮސް ރަހީނު ކުރިކަމާއި، އެކަން ކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވެގެން، އެމަނިކުފާނުގެ ސީދާ އޯޑަރަށް ކަމާއި މެދު އެއްވެސް ދިވެހި ރައްޔިތަކު ސުވާލެއް ނުއުފައްދާނެއެވެ.

ނަމަވެސް އަބްދުﷲ ގާޒީ ރަހީނުކޮށް، ވަގަށް ނެގުން އެއީ ވެސް އެމްޑީޕީ އިން ކުރުމުން ހަމައާއި އިންސާފުން ކޮށްފައިވާ ކަމަކަށްވެ ނިމުނީއެވެ.

މިފަހަރު ޝަރުޢީ ދާއިރާ އާއި ދެކޮޅަށް އެމްޑީޕީ އިން ފެށި ހަނގުރާމައިގެ ފުރަތަމަ އަމާޒަކަށްވީ ނަޝީދަށް 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ހުރަސް އެޅުނު ޙުކުމް ނެރުއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ. އެމްޑީޕީ އިން އެފަނޑިޔާރުގެ ދުވަސް ދުއްވާލަން ނިކުތުމުން އެއީ ހަމައާއި އިންސާފަށް މިއޮތީ ވެފައެވެ.

އަދި އެފަނޑިޔާރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުގައި ނަޝީދު ބައިވެރިވެ ވަޑައިގަތުމާއި، ނަޝީދުގެ ޤާނޫނީ ވަކީލު ބައިވެރިވެ ވަޑައިގަތުމާއި، އެވަކީލުގެ ކުންފުނީގެ ބައިވެރިޔާ ބައިވެރިވުން ވެސް އެއީ އިންސާފު ކަމަށް ވެއްޖެއެވެ.

ސުޕްރީމް ކޯޓަކީ ޝަރުޢީ ދާއިރާގެ އެންމެ ފަހު ބަސް ބުނާ މުއައްސަސާ އެވެ. ހިތްހަމަ ޖެހުނަސް ނުޖެހުނަސް ސުޕްރީމް ކޯޓުގެ ނިންމުމަކަށް ތަބާވުމަކީ ކޮންމެ މީހަކު ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމަކަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ނިންމުމުން ސަރުކާރަށް ތާއިދުކުރާ އެކޮމިޝަންގެ މެންބަރުން މިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފާޅުގައި ގޮންޖަހާފައެވެ. ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމާއި، އެއީ ބާތިލް އަމުރެއް ކަމަށް ވެސް މިނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތިއްބެވި ސަރުކާރަށް ތާއިދުކުރާ މެންބަރުންނެވެ.

އެމްޑީޕީގެ ކުލަ އާއި ވަސް އެބޭފުޅުންގެ ގައިގައި ހުރެ، އެމްޑީޕީގެ ސިޔާސަތު އެބޭފުޅުން ތަންފީޒު ކުރުމުން މިއީ ހަމައާއި އިންސާފު ކަމަށްވެ ނިމިއްޖެއެވެ.

އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހަމަތަކެއް ކޮންމެ ކަމެއްގައި ވެސް ހުރެއެވެ. ޤާނޫނުތައް ލިޔެ އެމައްޗަށް އަމަލު ކުރަން އެންމެން އިޤުރާރުވެގެން ތިބެނީ ޤާނޫނާއި ހިލާފު އަމަލެއް ކޮށްފިނަމަ އަދަބު ލިބެން ޖެހޭނެ ކަމަށް ގަބޫލު ކޮށްގެންނެވެ. އެހެންކަމުން އެމްޑީޕީ އިން ކުރި ނަމަވެސް ގޯސް ވާނީ ގޯހަށެވެ. ޝަރުޢީ ދާއިރާ އިން އެހެން ބަޔަކާއި އެއްކޮޅަށް ކުރާ ޙުކުމަކީ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކުރި ޙުކުމަކަށް ވެފައި "ރޮނޑެއްގެ ހަން ދަމާލާ ގޮތައް" އެމްޑީޕީ އިން ޝަރުޢީ ދާއިރާގެ ދުވަސް ދުއްވާލުން އެއީ ހަމައާއި އިންސާފު ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ.

އެމްޑީޕީ އިން ވެސް ޝަރުޢީ ދާއިރާ އަށް އަތް ނުބާނާ، ޝަރުޢީ ދާއިރާ އިސްލާހު ކުރެވިދާނެއެވެ. އުސޫލެއްގެ ތެރެއިން ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދީގެން ތުހުމަތުތަކެއް ނުކުރެވޭ ގޮތައް ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވިދާނެއެވެ. ޤާނޫނާއި ހިލާފު އަމަލެއް ކޮށްފި ފަނޑިޔާރަކު ވެސް މަގާމުން ދުރު ކުރެވެން ޖެހޭނެއެވެ. ނަމަވެސް އެކަން ވެސް ކުރަން ޖެހޭނީ ޤާނޫނީ ގޮތުން އޭނާ އަށް ލިބިދެވޭ ޙައްޤުތަކެއް ކަށަވަރު ކޮށްދިނުމަށް ފަހު، ޤާނޫނީ އިމުގެ ތެރެއިންނެވެ.

މިއަދު އެމްޑީޕީ އިން ބޭނުންވާ ގޮތަކަށް ޝަރުޢީ ދާއިރާ ކޮށައި މަށާލުމަކީ އެމްޑީޕީ އިން ގަބޫލު ކުރާ އިންސާފު ގާއިމް ކުރުން ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރި ނަމަވެސް ރާއްޖޭގައި ބާކީ ތިބި ތިންލައްކަ އަށް ވުރެ ގިނަ މީހުން އެކަން ގަބޫލެއް ނުކުރާނެއެވެ. އެހެންކަމުން އެކަން އެމްޑީޕީ އިން ގަބޫލު ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. މޑޕކުއްޖާ

  ޔާމީންވެސް ސުޕްރީޓްކޯޓްގެ އަމުރަކަށް ތަބާއެއްނުވޭ.. މިފަހަރު ރައްޔިތުން ނެރެގެންވެސް ތިތަން ސާފްކުރާނެ.. އެޖެންޑާ 19 އަށް ހުރަސް އަޅާ އެންމެން އެއްފަރާތްކުރާނެ.. 7 ފެބްރުއަރީ 2012 ގެ ބަޢާވާތްވެސް ތަޙުޤީޤް ކުރާނެ...

  23
  154
 2. ބޯހަލާކު 14 ޖޫން 2019

  ހުރިހާ މުއައްސަސާ އުވާލަންވީޢެމް ޑީ ޕީން ހުރިހާކަމެއް ވާނެ

  16
  73
 3. ތައްޚާން.

  ނަވާޒުގެ ލިޔުމުގަ ތިކަން ކިތަންމެ ރަގަޅަށް ފާހަގަ ކޮށްފަ އޮތަސް ނުވިސްނޭ ބަޔަކަށް ވިސްނޭނީ ކޮން އެއްޗެއްތޯއެވެ؟ ތައުލީމެއް ލިބިފަ ހުރުމަކީ އަދި ކަންކަން ވިސްނޭނެ ސަބަބެއްނޫނެވެ. އެހެނީ މުރަގަ ގަސްދޮށު މާލިމީއޭ ކިޔާ އަޑު އަހާނެއެވެ.

  120
  8
 4. އެމަންޖެ

  ބަޔަކު ތެޅެނީ ބާރުލިބިގެން ނޯލަ....

  128
  4
 5. ޞޭބެ

  ވަރަށް މޮޅު ލިއުމެއް

  45
  1
 6. ޢުލާ

  މިހާރު އަންނި އެއުޅެނީ 7ފެބްރުއަރީގަ އުޅުނުހެން ބޮލައްތެޔޮއަރައިގެން

  49
  2
 7. ބަރުގޮނު

  ރޯމާދުވާލުގެ އިރު ފަދައިން ތިޔަ ޙަޤީޤަތްތައް ފެންނަން ހުއްޓަސް އެމް.ޑީ.ޕީ މެމްބަރުންނަކަށް ނުފެންނާނެ. ނަޝީދުގެ މުޅި މަސައްކަތަކީ އޭނާއަށް ޙުކުމް އިއްވި ފަޑިޔާރު ފޮޅިއްސާލުން. ޖުޑިސަރީއާ ސްޕްރީމްކޯޓާ ދެމެދު މިހިގާ ކަންތައްގަޑަކީ ނަޝީދާ އޭނާ ބުނާހާ އެއްޗަކަށް އާނހޫ ކިޔާ ބަޔަކު ޖުޑިސަރީގައި ތިބެގެން ހިންގުވާ ކަންތައްގަޑެއް. މިހާރުގެ ރައީސަށާ އެމް.ޑީ.ޕީ އަށް މެޖޯރިޓީ ތާއީދު ލިބުނީ އުއްމީދު ތަކެއް ރަޢިއްޔަތުން ކުރާތީ. ނަޝީދުގެ މި ކަންތައް ދާ ގޮތަކުން ރަޢިއްޔަތުން ކުރި އިތުބާރަށް އުނިއިތުރު އަންނާނެ. މިކަން ރައީސް ހަދުމަ ބަހައްޓަވާނެ ކަމަށް ހީކުރަން. ނަޝީދު ޖަހާހާ ލަގިރިއެއް ޖަހަން ދޫވެފައި އޮތިއްޔާ ރަޢިއްޔަތުން މާ ހިތްހަމައެއް ނުޖެހޭނެ.

  45
  3
 8. ކޮހުރަތު ކަމަނާ

  ޢެމްޑީޕީ އަށް ހުރިހާ ބާރެއް ލިބިފައިއޮތްއިރު ތިއްތި ކޮށްއުޅޭކަށް ނޭގުނު! ތިޔަޕާޓީ އަދިވެސް އެއްމެ މަގުބޫލު ޕާޓީ! އެކަމަކު ތަސައްރަފް ފުދޭ ކަމެއް ކުރަން ނޭގުނު! ކަންކަން ކުރަން ނޭގި އަޗާ ތަޅާ ރައްޔިތުންނަށް ތުރާ ޖައްސާ ނަމަ ދައްތަ ދޭ ނަސޭހަތަކީ ކަންކުރަން ދައްނަ ބަޔަކާ ޒައާމަތު ހަވާލުކުރުން.

  45
  2
 9. އަލީ

  ރަނގަޅު ވާހަކައެއް. އެބޭފުޅުން މީގެ ކުރިން ދުވީ މަސްލަހަތި ފުށު އެރުމޭ، މާއްްދާއާއި ޙިލާފޭ، ނިޒާމީ ނުކުތާ އޭ ކިޔަމުން. އެކަމަކު ބާރު ލިބުނީމަ މި މީހުންގެ ކަންކަން ކުރިއަށް ވުރެ ނުބައި. ޔާމީނުގެ ވެރިކަމުގެ ފަހު ކޮޅު ސުޕުރީމް ކޯޓުން ނެރުނު އަމުރުގަ ޖޭއެސްސީ އޮތް، އެކަމަކު ޔާމީނު އެ އަމުރުގެ މަތިން ޖޭ އެސްސީ ބާއްވާ ނޫޅޭ. އޭގެ ބަދަލުގަ އެހެން ގޮތެއް ހޯދީ. މި މީހުން މިއުޅެނީ ގާނޫނަކީ މި މީހުން ބުނާ ގޮތް ކަމަށް ހަދައިގެން. ލިޔެފަ އޮތް ގާނޫނު ބާއްވާފަ.

  35
 10. ޝަހީދު

  ޝަރުޢީ ދާއިރާ އިސްލާޙު ކުރުމުގެ ތެދު ތިޔަތެއް އެމް.ޑީ.ޕީގެ ބޭފުޅުންގެ ހުރިނަމަ، އެދާއިރާގެ ހިންގުމާއި އޮނިގަނޑު ރިފޯމް ކުރުމަށް ޤާނޫނުތައް އިޞްލާހުކޮށް، އެދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ތަޢުލީމާއި ތަމްރީނު ދިނީހެވެ. ނަމަވެސް، މިއަދު މި ފެންނަނީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމުގެ ނަމުގައި، ޤާނޫނުތަކުގެ އިމުން ބޭރުން ހަމައެއް ލަމައެއް ނެތި، ބަދަލު ހިފުމުގެ ރޫޙުގައި މުޅި ޝަރުޢީ ނިޒާފު ފުނޑާލަން އުޅޭ ތަނެވެ. މިއަށް ކިޔަނީ ފަސާދައެވެ.

  17
 11. ކިނބޫ

  "ޔާމީންވެސް ސުޕްރީޓްކޯޓްގެ އަމުރަކަށް ތަބާއެއްނުވޭ.." އޭރު އެކަމާ ރުޅިގަދަވެގެން މޑޕކއތ މެނއ އުޅުނީ އެކަން ގޯސް ވެގެނެއް ނޫން ދޯ؟ ޔާމީނަށް އޮތް ހަސަދައަކުން ތެޅި އަނގައެއް އެހެންނު. ވީމާ، ބޭނުމަކީ އިސްލާހު ކުރުން ނޫން ކަމާއި ވަކިބައެއްގެ ބާރު ގަދަކޮށް ޖަނގަލީ އުސޫލުން ހަމައެއްލަމައެއް ނެތި އުޅުންކަމަށް އަމިއްލައަށްވެސް ތިޔަ އިއުތިރާފް ވެވެނީ. ދެން ތިބުނާ ރައްޔިތުން ނެރެންވީނު ކިހިނެއްތޯ ވަނީ ބަލާލަން.

  10
 12. Anonymous

  ޔާﷲ ދިވެހިރާއްޖޭގަ ހަމައާއި އިންސާފު ޤާއިމު ކޮށްދެއްވާފާންދޭވެ. ޢަދި އަމިއްލަ އެދުމަށް ހަމައިން ބޭރުން އަދުލު އިންސާފު މުގުރާލާ މީހުން ބަލިކަށި ކުރައްވާ ފާންދޭވެ. އާމީން.

  52
 13. މައި ފޭވް ވަގުތު

  ސަޅި ލިޔުމެއް

  39
  3
 14. ޒާން

  ލާދީނީ ނަޝީދު ކޮއްފިއްޔާ އޯކޭވާނެ، ހުރިހާ ނައިބް ރައީސުންނައް ދައުރު ފުރިހަމަ ނުވާތީ އިނާޔަތް ނުލިބޭ، ދައުރު ހަމަ ނުވިއަސް ނަޝީދުއަށް ލިބޭ މިކަން ނޫހުގަ ޖަހާދީބަލަ

  21
 15. ޢަފީ

  އެނގޭކަމަކީ އަންނި ޖަހާހާބެރަކައް އިބޫ ނުނަށާނުކަން.

  15
  31
 16. ފެނޯތޯ މިހާރު

  މިއަދު މިހެންވީވެސް ސުޕްރިމް ކޯޓުގެ ސަބަބުން. ޤާޒީއަކު ވަގަށްނެގި މީހާ (އަންނި) އެއްވެސް ކުށެއް ނުކުރާކަމަށް ބުނެ ޙުކުމް ބާޠިލު ކުރުން މިހުރިހާވެސް މައްސަލައަކީ.

  71
  2
 17. ޖޮއްބެ

  ގާނޫނާ ގަވައިދުތަކުގެ ބޭރުންވެސް ރީނދޫ ކަލްޓް އެދޭގޮތަށް ކުރާކަންކަން އެމީހުންނަށް ހަމަ ރަނގަޅެވެ. މިސާލަކަށް ކެރަފާ ނަޝީދު އޭނާގެ މަށްޗަށް ކުރެވިފައިވާ 13 އަހަރުގެ ޖަލުހުކުމުން ސަލާމަތްވެ ބަރީއަވި ބަރީއަވުން ހަމަ ބަރާބަރެވެ. ގޯސްވީ ހުކުމްކުރި ފަނޑިޔާރެވެ.

  32
 18. އަދީބް

  އަދި ޔާމީނު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު ވަގަށްނެގި މައްސަލަވެސް ބަލަންވާނެ

  10
  33
 19. އަދަމް

  އަމިއްލަ އެދުން ބޮޑު އިންސާފެއް ނެތް ލަދުކުޑަ މީހެއް

  21
  2
 20. ކާޅު.

  ރައްޔިތުންނޭ ވިސްނާ . މިއީ 7 ފެބްރުއަރީ ގައި ހިގިފަދަ ކަންތައްގަނޑެއް އަނެއްކާވެސް ހިންގަފާނެތޯ ނުވަތަ ނޫންތޯ ބެލުމައް އިންޑިއާ ގެބަހައް ހިންގާ ކަންތައްގަނޑެއް. މިއީ ޖޭއެސްސީ ވެސް ކޯޓުތައްވެސް ހިއްސާވެގެން ވާނުވާބަލަން ކުޅޭ ޑްރާމާއެއް. މިޑްރާމާތައް ސީރީސް ތަކެއްގޮތައް ދޭތެރެދޭތެރެއިންފެންނަމުންދާއިރު ރައްޔިތުން ހިލިނުގަންފިއްޔާ ސްޓެޕް ބައި ސްޓެޕް އިންޑިއާގެ ސިއްރުއެޖެންޑާގެ ދަށުން ހިންގަންބޭނުންވާކަންކަން ފުރިހަމަ ކުރަމުންގެންދާނެ.

  16
  1
 21. ވޮއިސް އޮފް ހުވަދޫ

  ޗަރުކޭސް ޏަޝީދު މިގެން ގުޅޭ ބަދަލު ހިފުމުގެ ރޫހު ، މި އީ މިގައުމުގެ ހަލާކު ، ތިޔާހެން ބަދަލު ހިފަހިފަ ހުއްޓާ 5 އަހަރު ނިމޭނީ އިންޝާ ﷲ ، ސޯލިހިބޭ ގައުމް ބިނާކޮށް ދީ ، ބަދަލު ހިފުމަކީ ، ބަދަހި ގުޅުން ކެނޑި ގައުމް އޮރިޔާން ވުން ، މިސޯރަށް ޖާގަ ނުދީ ، ގައުމް ނަޝީދަށް ވުރެ އިސްކުރޭ .

  11
  2
 22. އެމްޑީޕީ މީހާ

  1 ފެބްރުއަރީ ގައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ކުރި ހުކުމް ޔާމީނު ކިއްވެ ތަންފީޒުނުކުރީ. ޔާމީނު ސުޕްރިމް ކޯޓްގެ ފުރާޅުނަގާފަ ނެގީ ފަންޑިޔާރު ވަގައް. އެމް.ޑީ.ޕީ އިން މިއުޅެނީ ޝަރުޢީ ނިޒާމް ހަރުދަނާކޮށް ތާހިރު ކުރަން. ސާފުވެއްޖެތަ ނަވާޒް؟

  2
  11
 23. މުހަންނިދު މަންސޫރުއްލީބީ

  މަގޭ ދައްތަ ކުޑައިރު މަގޭ ދައްތައާ ބެހުނު މީހާ އަދިވެސް އެބަހުރިތަ އިސްގާޒީ ކަމުގަ؟

 24. ނުރަބޯ

  ދެންހަމަ ތިޔަހުރިހާ ކަމެއް އެނގިހުރި ހާލުގައި އެމްޑީޕީ އަށް ވެރިކަންދީފަ ނުވިތާކަށް މަޖުލިހުގެ މެޖޯރިޓީ ދިނީމާ އެބުނީ އެމްޑީޕީ ދާން ބޭނުންވާ މަގަކުން ތާށޭނޫންތޯ؟

 25. އެސޮރު

  އަޅާނުލާ! މި ފަހަރު ބޭނުންވަނީ ބާރުތައް ދީގެން ގޯސް ހައްދުވަން. ކުރީ ފަހަރު ގޯސް ހެދީ ބާރު ނެތި. އެބާރުތައް އެއީ އަހަރމެން އެޅުވި ފަންޏެއް. އެމްޑީޕީ ގެ ލާދީނީ އަދި ގައުމިއްޔަތާ ދެކޮޅު ފިކުރު މުޅީ ގައުމުން އަބަދުގެ އަބދަށް ފުހެލުމަށް ރައްޔިތުންނަށް ވިސްނަން ފުރްސަތާ ވަގުތު ހޯދުން މި ފަހަރު ބޭނުމަކީ.

  3
  1