ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ތަފާތު އެއް މެންބަރަކަށް ކާށިދޫ ދާއިރާގެ މެންބަރު، ޑިއާރުޕީގެ ލީޑަރު، އަބްދުﷲ ޖާބިރު ވާނެއެވެ. ވަޒީރުންނާ ސުވާލު ކުރެއްވުމަށް އެންމެ ގިނައިން ހުށަހެޅުއްވި އެއް މެންބަރަކީ ޖާބިރެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތައް ފިޔަވައި ދެން އެންމެ ގިނަ ބިލް ހުށަހެޅުއްވީ ވެސް ޖާބިރެވެ. މައްސަލަތަކާއި ގަރާރުތައް ވެސް އެންމެ ގިނައިން ހުށަހެޅުއްވި މެންބަރަކަށް ޖާބިރު ވާނެއެވެ. މަޖިލީހުގައި ޖޯޝާއި ފޯރީގައި ދައްކަވާ މޮޅު ވާހަކަތަކުން ފެށިގެން ހެދުން ތުރުކުރެއްވުމުގައި ވެސް ޖާބިރު ތަފާތެވެ.

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުން ނާކާމިޔާބުވުމަށް ފަހު ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރާއްޖޭގެ ތާރީހުގައި މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ މެންބަރު ކަމުގައިވާ ޖާބިރު ތަޅުމުގައި ދައްކަވާ ވާހަކަފުޅުތަކުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އޮންނަނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކާއި ދުވަސްވީ، ބަދަލެއްނުވާ އުސޫލުތަކާ ދެކޮޅަށް ފާޅުގައި ޗެލެންޖް ކުރެއްވުމެވެ. "ވަގުތުން ވަގުތަށް" އޮޕަރޭޓްކޮށް ނެރެވޭ ހައްލުތައް ވިދާޅުވުމުގެ އިތުރަށް ރާއްޖެ ތަރައްގީ ކޮށްލާނެ ގޮތުގެ ތަފާތު ތަސައްވުރުތައް ވެސް ދެއްވަމުން ގެންދެވިއެވެ.

ގޭމިން އެންޑް އެންޓަޓެއިންމަންޓް ޓޫރިޒަމް

އަންނަ އަހަރަށް ލާފަކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގެ ހަރަދުތައް ބޮޑުކަމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޔޮޓް ޓުއާސްގެ ޗެއާމަން ޖާބިރު ވިދާޅުވަނީ އެ ބަޖެޓްގެ ހަރަދު އަދި މާ ކުޑަ ކަމަށެވެ. ބަޖެޓް އެއަށް ވުރެ ވެސް ބޮޑު ކުރަން ޖެހޭ ކަމަށެވެ. ދެން އޮންނާނީ ބަޖެޓަށް ފައިނޭންސް ކުރުން ކަމަށެވެ. އެކަމަށްޓަކައި އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވެއެވެ.

ޖާބިރު ހުށަހަޅުއްވާ ހިޔާލެއް އޮތެވެ. މަޖިލީހަށް ހުށަހެޅުނު އެކި މައްސަލަތަކަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ގޭމިން އެންޑް އެންޓަޓެއިންމަންޓް ޓުއަރިޒަމް ތައާރަފް ކުރުމެވެ. ކަނޑު އަޑީގައާއި ފަޅުތައް މަތީގައި ސިޓީތައް ގާއިމްކޮށް ގޭމިން ވަސީލަތްތައް ގާއިމް ކުރުމެވެ. އަދި ގޭމިން ފަންނާނުން ރާއްޖެ ގެނެސް ފަތުރުވެރިން އެ މުބާރާތްތައް ބެލުމަށް ގެނައުމާއި އެ ވަސީލަތްތައް ބޭނުން ކުރުމަށް ފަތުރުވެރިންނަށް އެ ތަކެތި އިޝްތިހާރު ކުރުމަށް ހިޔާލު ދެއްވިއެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ފަޔާ ޑްރޯންއާއި ފަޔާ ރެސްކިއު ހެލިކޮޕްޓަރު

މުޅި ރާއްޖޭގެ އާބާދީ މާލެއަށް ބަރޯސާވާން ޖެހިފައި އޮތުމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެހެންވެ މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުމުން ވަގުތުން އެ ތަނަކަށް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ދެވުން ވަނީ ދަތި ކަމަކަށް ވެފައެވެ. ބައެއް އަލިފާނުގެ ހާދިސާތައް ކުދި ގޯޅިތަކުގައި ހިނގުމުން ފަޔާ ލޮރީއަށް އެ ގޯޅިއެއް ތެރެއަށް ވަންނަން ވެސް ގިނަ މަސައްކަތް ކުރަން ޖެހިފައި ހުއްޓެވެ. ފުރަތަމަ ޖެހެނީ ގޯޅި ވަށައިގެން ހުރި ދުއްވާ އުޅަނދުތަކާއި ގޯޅި ތެރޭ ހުރި އުޅަނދުތައް ދުރުކުރަން ޖެހެއެވެ.

މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ހިނގަން ޖެހޭ އޮޕަރޭޝަންތައް ހިންގުމުގައި ސަރުކާރު ލަސް ކަމަށް ވިދާޅުވެ ޖާބިރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެންމެ ފަހުގެ ޓެކްލޮނޮޖީ ބޭނުން ނުކުރާތީއެވެ. އެފަދަ ވަސީލަތްތައް ހޯދަން ނޫޅޭތީއެވެ. އެ ވަރުގެ ވިސްނުމެއް ވެސް ނެތީމައެވެ. އެފަދަ ތަކެތި ހޯދަން އިންވެސްޓް ނުކުރާތީއެވެ. ބަޖެޓް ފޮތެއް ކޮންމެ އަހަރަކު ފާަސްކުރާއިރު އެފަދަ ވަސީލަތްތަކަށް ފޮތުން ޖާގަ ނުދޭތީއެވެ.

މާލެ ސަރަހައްދުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިއިރު އަލިފާނުގެ ހާދިސާ ހިނގި ތަނަށް އެޓެންޑް ވާން ފަޔާ ލޮރީއަށް ވަގުތު ނެގި ކަމަށް ސަރުކާރާއި އެމްއެންޑީއެފްގެ އިސް ބޭފުޅުން ވިދާޅުވުމުން ޖާބިރު އެއަށް ރައްދު ދެއްްވިއެވެ. އޭނާ ވިދާޅުވީ މަތިން ދުއްވާފައި ގެންދެވޭނެ ފެން ޖަހާ ޑްރޯން މި ޒަމާނުގައި ލިބެން ހުރި ކަމަށެވެ. އަދި ވިދާޅުވީ ހެލިކޮޕްޓަރެއް އޮތަސް މަތިން ދުއްވާފައި ގޮސް އަލިފާނުގެ ހާދިސާ ހިނގި ތަނަށް ފެން ޖަހާލެވުނިސް ކަމަށެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކޭބަލް ކާރު ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުމުގެ ތަސައްވުރު

ކ. ކާށިދޫ އާއި ކ. ގާފަރާ ދެމެދު ކޭބަލް ކާރު އަޅައި އޭގެ ދަތުރުފަތުރު ފެށުމަކީ ޖާބިރުގެ ކެމްޕޭން ވައުދެކެވެ. ޖާބިރު ގަބޫލު ކުރައްވާ ގޮތުގައި އެއީ ވަރަށް ކާމިޔާބު ޕްލޭނެކެވެ. އަދި އެއީ ހަރަދުކުޑަ ދެމެހެޓެއްނިވި ގޮތެކެވެ. މި ކަން ކާމިޔާބު ކުރުމަށްޓަކައި އޭގެ ޕްލޭންތަކުގެ ކަރުދާސް ތައްޔާރުކޮށް ސަރުކާރަށް ވެސް ހުށަހެޅިއެވެ.

އެކަމަކު ސަރުކާރުން ގަބޫލު ކުރަނީ އެއީ ދެމެހެއްޓެނިވި ވިސްނުމެއް ނޫން ކަމަށެވެ. މަޖިލީހުގެ ޖަލްސާއެއްގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކާށިދޫއިން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. ވަޒީރެއްގެ ހައިސިއްޔަތުން މިފަދަ މަސައްކަތަކީ ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކައަށް ޖާބިރު އެ ދުވަހު ވެސް ރައްދު ދެއްވިއެވެ. ޖާބިރު ވިދާޅުވީ ޕެރިހުން ލަންޑަނަށް ދަތުރު ކުރަމުން ދަނީ ކަޑަލުން ކަމަށެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޭބަލް ކާރުން ދަތުރު ކުރާ ކަމަށެވެ. މި ސަރުކާރުގައި އެ ވަރުގެ ކަންކަނ ްކުރެވޭ ވަރުގެ ވިސްނުން ނެތުމަކީ އެ ކަން ނުކުރެވޭނެ ކަމަކަށް ވުން ނޫން ކަމަށެވެ. ރައްޔިތުންނަށް ކަންކަން ހާމަ ކުރަން ހުންނަވައި ވަޒީރުން އޮޅުވާލައިގެން ވާހަކަ ނުދެއްކެވުމަށް ޖާބިރު ގޮވާލެއްވިއެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޖަޒީރާ ރާއްޖެއެއް ނޫން، ތަރައްގީ ރާއްޖެއެއް ބޭނުންވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭންގެ މައިގަނޑު ވިސްނުމަކަށް އޮންނަން ވާނީ "ޖަޒީރާ ރާއްޖެ" ނޫން ކަމަށެވެ. "ޖަޒީރާ ރާއްޖެ" އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ޝިއާރެވެ. އެމަނިކުފާނު ރައްޔިތުންނަށް ހުށަހެޅުއްވީ ހަމަހަމަ ކަމާއެކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއް ތަރައްގީކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރުމަށެވެ.

އެކަމަކު ޖާބިރު ވިދާޅުވާ ގޮތުގައި އެ ޝިއާރަކީ މީގެ އެތައް ސަތޭކަ އަހަރު ފަހަތަށް ރާއްޖެ ގެންދިއުމެވެ. ތިމާވެށީގެ ނަމުގައި ރާއްޖެއަށް ގެންނަން ޖެހޭ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނުގެނެސް ހިފަހައްޓަލައިގެން ތިބުމަށެވެ. އެކަމަކު ރާއްޖެއަށް ތަރައްގީގެ ބޮޑު ތަސައްވުރެއް ބޭނުންވާ ކަމަށް އޭނާާ ވިދާޅުވެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކުރުމެވެ. ރާއްޖެ ވާންވީ ތަރައްގީ ރާއްޖެއަކަށް ކަމަށެވެ. އެމެރިކާގެ ނިއުޔޯކާއި ވޮޝިންޓަންގެ އިތުރުން ސިންގަޕޫރުގެ ތަރައްގީގެ ތަސައްވުރުގެ ނަމޫނާއަކަށް ކަމަށް ޖާބިރު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މުޅިން ތަފާތު ސަރުބަތެއްގެ އާވިގަނޑު އެ ބޭރުކޮށްލެއްވީ! ދެން ކޮބައިތަ ކޭބަލް ކާރު!

    16
    1
  2. އޭނާ

    ވާ ހަކަދެއްކުމުގެ ފަންނަކީ އިސްލާމީ ޢިލްމުވެރިން ރަސޫލާ صلي الله عليه وسلم އާއި އެކަލޭގެފާނުގެ ސަ ހާބީންގެ އަރިހ ހުން މިއަދާ ހަމަޔަށްވެސް ވާރުތަކުރައްވަމުން ގެންދަވާ ތަރިކައެއް....
    ޖާބިރުމެން ކަ ހަލަ ދޮގު ހަދާ ލާއިންސާނީ ދެއްކުންތެރި ލާދީނީ މީ ހުން އޭނާގެ ދާއިރާ ނުވަތަ ދިވެ ހިންގެ ހިތްތަކާ ކުޅެން ޢައިރު މުސްލިމު ވާ ހަކަދެއްކުންތެރިން ކޮޕީކޮއް ކިތަންމެ ވަރަކަށް ބޮލާ މޫނާ އަތާ ހަރަކާތްކޮއް ޖޯޝް ހުންނަ ތަންތަނަށް އަޑަށް ބާރުލާ މަޑުމައިތިރި ތަންތަނަށް އަޑު މަޑުކޮއް ހެދިޔެއްކަމަކު އޭނާގެ އެ ހުރި ދޮގުވެރިކަމަކީ ތެދެއް ހެދިޔަސް މި ހާރު ދިވެ ހިން މީނާގެ ވާ ހަކަތައް ޤަބޫލުނުކުރާނެކަމެވެ.....
    މީ މިކަމުގެ ހަޤީޤަތް އޮތްގޮތް....

    16
    1
  3. މިސޮރު

    ޥަގުތަށް ކެރޭނެތަ ތަރައްގީގެ އަސްލުމާނަ ދަސްކުރަން...ދަރާ ވިކިގެން ބިނާތައް ހެދުން އެއީ ތަރައްގީ ތޯ...ރައްޔިތު މީހާ ހުރީ ނުކައި ބަލިވީމަ ބޭސް ނުކުރެވި...މީ ހަގީގަތް...ތިކަހަލަ ޒިންމާދާރު ނޫސްވެރިކަން މުޖުތަމައު ފަސާދަކޮށްލާނެކަން ނުވިސްނެނީތޯ

    5
    1
  4. ޢަލަި

    ޢަންނި ބޭނުންވާ އެތި ސީދާ މަޖިލިސް ތަޅުމުގަ ގޮވާލަން ބަހައްޓާ ޕަޕެޓް ޖާބރ

  5. ފޭކް

    ގުރައިދޫ ބަލާލަދީބަލަ ކޮންމެވެސަ ބޭފުޅެއް ޖާގައެއް އިންތޯ