ރަސޫލުކަމާއި ނަބީކަމަށް ދައުވާ ކުރާ މީހުން ފައުޅު ވުމަކީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ކުރިން ހިނގާފައިވާ އަދި މުސްތަގުބަލުގައިވެސް ހިނގާފާނެ ޢަލާމާތެއްގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ކަމެކެވެ.

އެގޮތުން ޖަމިއްޔަތުލް ސަލަފުން އިސްގަނައިގެން ރަމަޞާން މަހަށް އަމާޒުކޮށްގެން ފުރުޤާން މިސްކިތުގައި އަސުރު ނަމާދަށް ފަހު ސިސްސިލާކޮށް ދެމުންގެންދާ ދަރުސްތަކުގެ ތެރެއިން މިއަދުގެ ދަރުހުގައި އަލިއަޅުވާލައިފައިވަނީ އުންމަތުގެ ބައެއް ދޮގުވެރިން ނުވަތަ ނަބީކަމަށް ދައުވާކުރި ބައެއް ދައްޖާލުންނަށެވެ.

އަދި ރަސޫލާ މުޙައްމަދުއް ސައްލައްﷲ ޢަލައިވި ވަސައްލަމަ އެއް ހަދީޡްފުޅަށްވުރެ ގިނަ ހަދީޡްފުޅުގައި ޤިޔާމަތްވުމުގެ ކުރިން ފާޅުވާނެ ބައެއް ދޮގުވެރިންގެ ވާހަކަ ބަޔާން ކުރައްވާފައިވާ ކަމަށް މިއަދުގެ ދަރުސް ދެއްވި ޝައިހް އަލީ ޒާހިރު ބިން ޝައީދު ޤާސިމް ވިދާޅުވިއެވެ.

އަދި ދޮގަކީ އިސްލާމް ދީން ހަރާމް ކުރައްވާ ކަމެއް ކަމަށާއި އާންމު ދިރިއުޅުމުގައި ހަދާ ދޮގަށް ވުރެއް ރަސޫލު ކަމަށް ނުވަތަ ނަބީކަމަށް ދައުވާކުރުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމުގައި ޝައިހް އަލީ ޒާހިރު ވިދާޅުވިއެވެ.

އަދި ރަސޫލުކަމަށް ދައުވާކުރި މީހުންނަށް ދައްޖާލުންނޭ ކިޔެނީ އެމީހުންނަކީ ދޮގުހެދުމުގައި ހައްދު ފަހަނަ އަޅައިފައިވާ މީހުން ކަމަށްވާތީ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

އަދި ރަސޫލާ މުހައްމަދުއް ސައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް ރަސޫލުކަމަށް ދައުވާ ކުރި މީހުން ފާޅުވެގެން ގޮސްފައިވާ ކަމަށާއި އަދި އޭގެ ފަހުންވެސް އެކި އެކި ޒަމާންތަކުގައި އެކި މީހުން ރަސޫލު ކަމަށް ދައުވާ ކޮށްފައިވާ ކަމުގައި ޝައިހް އަލީ ޒާހިރު ވިދާޅުވިއެވެ.

އެގޮތުން 30 ދައްޖާލުން (ނަބީކަމަށް ދައުވާ ކުރާ) ދޮގުވެރިން ފައުޅުވުމަށް ދާން ދެން ގިޔާމަތް ނުވާނެ ކަމަށާއި އެންމެ ފަހުން ފާޅުވާނީ ލޯއަވަރު ދޮގުވެރިޔާ ކަމަށް ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް އިމާމް އަހުމަދު ރަޟިﷲ އަންހްގެ އަރިހުން ރިވާވެގެން އައިސްފައިވާކަމަށް ޝައިހް ވިދާޅުވިއެވެ

އަދިރަސޫލާގެ ޒަމާނުގައި ނަބީކަމަށް ދައުވާ ކުރެއްވީ މުސައިލަމަތުލް ކައްޒާބު ނަމަކަށް ކިޔާ ބޮޑު ދޮގުވެރިއެއް ކަމަށާއި އޭނާ އަކީ މީހުން މަގުފުރައްދަން އެތަކެއް މަސައްކަތްތަކެއް ކުރި މީހެއް ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

"އެކި އެކި ޒަމާނުގައި ވަނީ ދޮގުވެރި ދައްޖާލުން ފައުޅުވެފަ. އެގޮތުން ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަގެ ޒަމާނުގައި ރަސޫލުކަމަށް ދައުވާކޮށްފައިވަނީ މުސައިލަމަތުލް ކައްޒާބު ނަމަކަށް ކިޔާ ބޮޑު ދޮގުވެރިއެއް. އޭނާ ވަނީ އޭނާއަށް ވަހީ ބާއްވާލައްވާ ކަމަށާއި އޭނާ އަކީ ﷲގެ ރަސޫލެއް ކަމަށް ދައުވާ ކޮށްފަ. އަދި އޭނާ ވަނީ އެތަކެއް މީހުންގެ އޭނާގެ ކެހިވެރި މަޅީގައި ޖައްސައި އެތަކެއް ބަޔަކު މަގުފުރައްދާފަ. އަދި އޭނާ ވަނީ ޤުރުއާންގެ ސޫރަތްތަށް ފަދަ ސޫރަތްތަކެއް އަމިއްލައަށް އުފައްދައިގެން ގެނެސްފަ. ނަމަވެސް ގިނަ މީހުންނަށް އެ ސޫރަތްތަށްވީ ބޮޑު ޖޯކަކަށް" ޝައިހް އަލީ ޒާހިރު ވިދާޅުވިއެވެ.

އަދި މުސައިލަމަތުލް ކައްޒާބު މަރާލެވުނީ އޭނާއާއި ދެކޮޅަށް ރަސޫލާގެ އަސްހާބު ބޭކަލުން ކުރެއްވި "ޔަމާމާ" ހަނގުރާމައިގައި ކަމަށާއި އެ ހަނގުރާމައަކީ އިސްލާމީ ތާރީހުގައި ފަވާލެވޭނެ ހަނގުރާމައެއް ކަމަށްވެސް ޝައިހް ވަނީ ވިދާޅުވެފައެވެ.

"މުސައިލަމަތުލް ކައްޒާބު މަރާލެވުނީ ރަސޫލާގެ އަސްހާބު ބޭކަލުން އޭނާ އާއި ދެކޮޅަށް ކުރި "ޔަމާމާ" ހަނގުރާމައިގައި އަނިޔާވެރި ގޮތަކަށް. އެ ހަނގުރާމަ ކުރެވުނީ ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ގެ ހަޔާތްފުޅުގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށްވެސް އިލްމުވެރިން ވިދާޅުވޭ. ޔަމާމާ ހަނގުރާމައަކީ ތާރީހުގައި ފަވާލެވޭގެ ހަނގުރާމައެއް. އެއީ އެ ހަނގުރާމައިގައި މުސްލިމު އެތަކެއް ސަހާބީންނެއް ޝަހީދުވެފައިވާތީ" ޝައިހް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ޔަމަނު ކަރައިންވެސް ރަސޫލު ކަމަށް ދައުވާ ކުރި މީހެއްް ފައުޅު ވިކަމަށާއި އޭނާގެ ނަމަކީ އަލްއަސްވަދުލް އަންސީ ކަމަށް ޝައިހް ވިދާޅުވިއެވެ.

"މުސައިލަމަތުލް ކައްޒާބުގެ ފަހުން ޔަމަނު ކަރައިން ކަޅު މީހާ ކަމަށް މަޝްހޫރު އަލް އަސްވަދުލް އަންސީ ނަމަކަށް ކިޔާ މީހަކުވެސް ވަނީ ރަސޫލު ކަމަށް ދައުވާ ކޮށްފަ. އޭނާ އަކީ ޖާނާ މާލުގެ ގޮތުން ހައިބަތު ހުރި ވަރުގަދަ މީހެއް. އޭނާ ރަސޫލު ކަމަށް ދައުވާކޮށް އޭނާގެ މަޅީގައި މީހުން ޖައްސަމުން ދިޔައީ މުދަލާއި ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން" ޝައިހް ވިދާޅުވިއެވެ.

އަދި 1900ގެ އަހަރުތަކުގައިވެސް ރަސޫލުކަމަށް ދައުވާ ކުރި މީހުން ފާޅުވި ކަމަށް ޝައިހް ވިދާޅުވިއެވެ.

އެގޮތުން އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭސް އެއްތަނެއްގެ ގޮތުގައި އޮތް އިރު މިރުޒާ ގުލާމް އަހުމަދު ގާދިޔާ ނަމަކަށް ކިޔާ މީހަކުވެސް ރަސޫލު ކަމަށް ދައުވާ ކުރިކަމަށާއި އޭނާ އަކީ އެ ޒަމާނުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތް ކުރެއްވި މީހެއް ކަމަށް ޝައިހް ވިދާޅުވިއެވެ.

އަދި އޭނާ ރަސޫލު ކަމަށް ދައުވާ ކުރަން މެދުވެރިވީ ލިބިފައިވާ އިލްމެއްގެ ސަބަބުން ތިމަންނާއަކީ ރަސޫލެއް ކަމުގެ އިހްސާސް ކުރެވުމުން ކަމަށާއި އޭނާ އަކީ ފަހު ޒަމާނުގައި ފާޅުވާނެ ކަމަށް ވަހީ ބަސްފުޅު އައިސްފައިވާ އީސާގެ ފާނު ކަމަށްވެސް ދައުވާ ކުރި މީހެއް ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި އޭގެ ފަހުން އޭނާ އަކީ މުހައްމަދުގެފާނު ކަމަށްވެސް ދައުވާކުރެއްވި މީހެއް ކަމަށާއި އެންމެ ފަހުން އޭނާއަކީ އިލާހެއް ކަމަށްވެސް ދައުވާކޮށްފައިވާ މީހެއް ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި މިރުޖާ ގުލާމް ފަނާވެގެން ގޮސްފައިވަނީ އަނިޔާވެރި ގޮތަކަށް ކޮލެރާ ބަލީގައި އެކަނިމާ އެކަނި އޮތް ހާލުގައި ކަމަށްވެސް ޝައިހް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

އަދި 1990ގެ އަހަރުތަކުގައި ޕާކިސްތާނުގައިވެސް ރަސޫލު ކަމަށް ދައުވާ ކުރި މީހެއް ފާޅުވިކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

"ގިޔާމަތުގެ އަލާމާތްތަށް" މި ސުރުހީގެ ދަށުން ސިންސިލާކޮށް ދެމުން ގެންދާ ދަރުސްތަކުގެ ތެރެއިން މާދަމާ އޮންން ދަރުސްގައި ވާހަކަ ދައްކާނީ އުންމަތުގައި ފިތުނަ އުފައްދަން މަސައްކަތް ކުރި މީހުންނާއި ބެހޭ ގޮތުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދޫނިރާއްޖޭގައި އުޅޭ ނަބީކަމަށް ދަޢުވާކުރާ ދޮގުވެރިންގެ ހާލަތުވެސް ހުރީ ވަރަށް ނިކަމެތި ގޮތަކަށެވެ. އެމީހުން ވެސް ވަނީ ނަބީކަމަށް ދައުވާކުރި އެހެން މީހުންނެކޭ އެއްފަދައިންނެވެ. އެކަން އެމީހުންނަށް ނޭނގޭ ކަހަލައެވެ. ނަބީކަމަށް ދައުވާކުރުމަކީ ހާދަހާ ނުބައިކަން ބޮޑު ކަމެކެވެ. ނަބީކަމަށް ދައުވާކުރުމާއި ދޮގުހުވާ ކުރުމަކީ ވަގުތުން ކޯފާލައްވާ ކަންކަމުގެ ތެރެއިން ދެކަމެކެވެ.

  2. އެދުރުބެ

    ދޮގުވެރިން ހައްތާވެސް

    3
    2
  3. ދަ ރު ސް

    މި ދަރުސް ތަކުގެ އޯޑިއޯ ހިއްސާ ކުރުމަކީ ވަރަށް ރަނގަޅު ކަމެއް. ވަގުތު ނިއުސް އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ނޫހެއް. އެހެން ކަމުން އެފަދަ މައުލޫމާތުތަކުގެ ދަރުސް އަޑު އިވޭގޮތަށް ލުމަކީ ގިނަ އަދަދެއްގެ ބަޔަކަށް ފައިދާ ކުރާނެ ކަމެއް. މާތް ﷲ ވަގުތު ނިއުސް އަށް އަދަށް ވުރެން ފެހި މާދަމާއެއް މިންވަރު ކުރައްވާށި.. އާމީން

    16
    2