ﷲގެ އަމުރުފުޅުތަކާއި އެއްގޮތަށް އަމަލު ބަހައްޓައިފިނަމަ، މުޖުަތަމައު އިސްލާހްވެ ބަލިތަކާއި ދުރުވެ، ސިއްހަތާއި ރައްކާތެރިކަން ލިބޭނެކަމަށާއި، އެއާއި ހިލާފަށް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެެކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅުވެއްޖެއެވެ.

ފާޙިޝް ޢަމަލުތަކާއި ދުރުހެލިވުމާއި ގުޅޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، މި ބިންމަތީގައި ފަސާދަ އާއި ހުރިހާ ނުބައި ކަމެއް ފާޅުވަނީ އިންސާނުންގެ ނުބައިކަމުން ކަމަށެވެ. އަދި އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފްސު އިސްލާހްކޮށް، ދިރިއުޅޭ ވެށި ސާފްކޮށް ތާހިރުކޮށްފިނަމަ އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެ ކަމަށް ޙުތުބާގައި ވެއެވެ.

ޙުތުބާގައި ވިދާޅެފައި ވަނީ، ﷲގެ އަމުރުފުޅުތަކާއި އެއްގޮތަށް އަމަލު ބަހައްޓައިފިނަމަ، މުޖުަތަމައު އިސްލާހްވެ ބަލިތަކާއި ދުރުވެ، ސިއްހަތާއި ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

"އެއާއި ހިލާފަށް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެެއެވެ". މިއަދުގެ ޚުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، ބައެއް ފާފަތަކާއި ގާތް ނުވުމަށް ﷲ އަންގަވާފައި ވަނީ އެކަމުގެ ނުބައިކަމާއި، ދެދުނިޔެއަށް ކުރިމަތިވެދާނެ ގެއްލުން ބޮޑުކަމުން ކަމަށެވެ. އެގޮތުން ޒިނޭ އާ ގާތް ނުވުމަށް އަންގާފައިވެއެވެ.

ﷲގެ ވަހީބަސްފުޅެއްގެ މާނާގައިވެއެވެ.

"އަދި ތިޔަބައި މީހުން ޒިނޭއާ ގާތް ނުވާށެވެ. ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ".

ހުތުބާގައި ވިދާޅުވެފައި ވަނީ އެއްޗަކާއި ގާތްނުވާން ބުނެ އުޅެނީ އެ އެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވުމުން ކަމަށެވެ. އަދި ޒިނޭއާއި ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން ސުންޕާކަން ބޮޑުވެ، ނަސްލުއޮޅުން ބޮޅުންވެދާނެތީކަމަށް ހުތުބާގައި ވެއެވެ.

"ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ މިފަދަ ވާހަކަތަކުން ޢިބުރަތް ލިބިގަންނާށެވެ! ހިނދުކޮޅެއްގެ އުފަލާއި އަރާމަށް ޓަކައި މަޢުޞޫމު އަންހެނުންނާއި، ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި، ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި، މަކަރާއި ޙީލަތުން ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަށް އެ މީހުންނަށް މަޖުބޫރުކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙްރޫމު ނުކުރާށެވެ". ހުތުބާގައި ވެއެވެ.

ޙުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާ މެދު ވިސްނާލާއިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށެވެ. އަދި މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ، އިންސާނުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުންކަމަށްވެސް ޚުތުބާގައި ވެއެވެ.

"މާތް ކަނޑައަޅުއްވާފައިވާ ޝަރުޢީ ނިޒާމުން ބޭރުވުމުގެ ސަބަބުންނެވެ. އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގާ އެކިއެކި ޖިންސީ ގުޅުންތަކުގެ ތެރެއަށް ބަޔަކު ގެނބިގެން ދިއުމުގެ ސަބަބުންނެވެ". ޙުތުބާގައި ވެއެވެ.

ޙުތުބާގައި ވަނީ ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުން އިސްލާމް ދީނުގައި މަނާ ކުރައްވާފައި ވަނީ، ފާފަވެރިވުމުގެ އިތުރުން އެކަންކަމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އަޚްލާޤީ މައްސަލަތަކާއި، ނުރައްކާތެރި ވަބާތަކާއި، ބަލިތަކުން ވެސް ފަރުދުންނާއި މުޖުތަމަޢު ރައްކާތެރި ކުރެއްވުމަށްޓަކައި ކަމަށެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ރަޙިމުގެ ކެންސަރާއި، ލަދުވެތި ގުނަވަންތަކަށް ޖެހޭ ކިހުނު ބަލި ފަދަ ނުރައްކާތެރި އެތައް ބަލިތަކެއް ހިމެނެއެވެ.

އަދި އެ ފަދަ ބައެއް ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކު ކޮށްލާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބޭސް ކުރިޔަސް ޝިފާ ލިބުން ލަސްވެ، ގުނަވަންތައް ހަލާކުވެ، އެންމެ ފަހުން މަރާ ކުރިމަތިލާން ޖެހޭ ކަމަށް ޚުތުބާގައި ވެއެވެ.