ހައްޖު މަހުގެ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާއި، މުސްލިމުންނަށް މާތް ﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައި ވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ހައްޖު މަހުގެ 10 ދުވަހުގެ މާތްކަމާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވީ، ﷲ ތައާލާގެ ހަޒްރަތުގައި އެންމެ ލޯބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަަމަށެވެ. އެ މައްސަރުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށް ޚުތުބާގައި ވެއެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ 10 ދުވަސް ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

އަދި މި ދުވަސްތަކުގައި ކުރެވެން އޮތް ސާލިހް އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނޭ ކަަމަށް ޚުތުބާގައި ވެއެވެ.

"މާތްﷲ އަށް ތަގުވާވަރުވެ، މި ދުވަސްތަކުގައި ހެޔޮ އަމަލު ކުރުން ގިނަ ކުރާށެވެ. އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަކުރައްވާ ކޮންމެ އެއްެޗެއް މާތް ކުރައްވައި، ހިޔާރު ކުރައްވާ ރަސްކަލާނގެއެވެ". ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ، މުސްލިމުންނަަކީ އެ މީހުންގެ އަމަލުތަކާއި، ވަގުތުތަކާއި، ﷲގެ ބަރަކާތް ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭ ބައެެއް ކަމަށެވެ. އަދި ކުރާ އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ ﷲއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތަކާއި، ހޭދަ ކުރާ ވަގުތުތައް ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޙުތުބާގައި ވިދާޅުވެފައިވާގޮތުގައި، ރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އަދި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތްﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށް ދެއްވާފައިވާ ކަމަށް ޚުތުބާގައި ވެއެވެ.

"މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދިނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބެއެވެ. އެމީހުންގެ ހަޔާތް އަމާންކަމާއި ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށް ވެދެއެވެ. އެމީހުންގެ ސުލޫކާއި އަހްލާގު ތިވެތި އުސޫލުކަމުގައި ވެދެއެވެ. އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ". ޙުތުބާގައި ވެއެވެ.