ފާހިޝް އަމަލުތަކަށް ހިތްވަރުދީ އުޅޭ މީހުންނާއި، އެކަންކަން މަނާ ނުކުރުމަށް މަސައްކަތް ކުރާ މީހުންގެ މައްޗަަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅުވެއްޖެއެވެ.

ފާހިޝް އަމަލުތަކާއި ދުރުހެލިވުމާއި ގުޅޭގޮތުން އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، މި ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އެއީ ހަގީގަތެއްކަން ބަޔާން ކުރައްވާ މާތްﷲގެ ވަހީ ކުރެއްވި ބަސްފުޅެއްގައި މާނައިގައި ވަނީ" މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކުވުމަށެވެ. އެއީ އެއުރެން "ތައުބާވެ" ރުޖޫއަވުމަށްޓަކައެވެ.

މި މާނައަށް ވިސްނާލާއިރު، އިންސާނުން ދިރިއުޅޭ ވެށި ތަޢައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ އިންސާނާ ކޮށް އުޅޭ އަމަލުތަކުގެ ސަބަބުން އެނގޭ ކަމަށް ޚުތުބާގައި ވެއެވެ އަދި އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފްސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފްކޮށް ތާހިރުކޮށްފިނަމަ އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެ ކަން އެގޭ ކަމަށް ހުތުބާގައި ވެއެވެ.

އަދި މާﷲގެ އަމުރުފުޅުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓައިފިނަމަ، މުޖުތަމައު އިސްލާހުވެ، ބަލިތަކާއި ދުރުވެ، ސިއްހަތު ރައްކާތެރިކަން ލިބޭނެ ކަމަށް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ. އަދި ﷲ ނަހީކުރައްވާފައިކަންކަމަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ ކަމަށް ވެއެވެ.

ޙުތުބާގައި ވިދާޅުވެފައި ވަނީ، ޒިނޭ އާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާއި ގާތް ނުވުމަށް މާތްﷲ އަންގާވާފައި ވަނީ، އެކަންކަމުގެ ނުބައިކަމާއި، އޭގެ ސަބަބުން ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ސަބަބުން ކަމަށެވެ.

އިތުރަށް ޚުތުބާގައި ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުކޮށް އުޅުނު މީހުންގެ މައްޗަށް، ﷲގެ ކޯފާ އާއި އަޒާބު ފޮނުއްވައި އެ މީހުންގެ ހަލާކު ކުރެއްވި ގޮތުގެ މައްޗަށް އަލު އަޅުވާލައްވާފައެވެ. އަދި މިފަދަ ވާހަކަތަކުން އިބްރަތް ހޯދުމަށްވެސް ނަސޭހަތްތެރިވެފައި ވެއެވެ.

ފާހިޝް އަމަލުތައް ހިތްވަރުދީ އުޅޭ މީހުންނާއި، އެކަންކަން މަނާ ނުކުރުމަށް މަސައްކަތް ކުރާ މީހުންގެ މައްޗަަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވާއިރު، އެފަދަ ކަންކަމަށް ފެތުރުމަށް ލޯބި ކުރާ މީހުންނަށް ހުރި އަޒާމުގެ ވާހަކަވެސް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށް ޚުތުބާގައި ވެއެވެ.

"ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، އަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން ދަންނާށެވެ. ދެދުނިޔެއާއި އާޙިރަތުގައި ވޭންދެނިވި އަޒާބު އެ މީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭނެތެވެ".

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    މިއީ އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަންވެގެންކުޅޭކުޅިއެކެވެ. ބަލަގަ ޚުތުބާގަ އެވާހަކަކިއާލީމައެނިމުނީހެއްޔެވެ. ކޮބައިހޭ މިގައުމުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ރައީސަށް މިކަންކުރިމީހުންނަށް އަދަބުދިނުމަށް ގޮވާލައި އަދި އަމަލުނުކޮށްފިނަމަ މިނިސްޓަރު އިސްތިއުފާދޭންޖެހެއެވެ.

  2. އަބުދުﷲ

    ގުރުއާނުގެ އަސްރު ސޫރަތުގަ އަންގަވަނީ ހުރިހާ ގޯސްކަންތައް މަނާކުރުމައް. ..... އިލްމުވެރިންނޭ ކިޔައިގެން ޒަމާންގަނޑެއްވަންދެން ތަގުރީރުދީ ރައްޔިތުންގެ އިތުބާރު ހޯދައިގެން މަގާމްތަކައްގޮސް މިކުރާ ނުބައިކަންތައްތަކައް އާދައިގެ މީހަކު އެފަދަ ކަމެއް ކުރުމުން ލިބޭ އަދަބައްވުރެ ބޮޑު އަދަބެއް ލިބެންޖެހޭނެ. އެއީ މުޅި އިސްލާމްދީނުގެ އިތުބާރާ ގަދަރު ވެއްޔާ މޮޑޭ ބައެއް. އެމީހުންނާ އިދިކޮޅައް ކުރެވޭ މަސައްކަތް މާކުޑަ. އިސްލާމީ ގައުމުތަކުގަ ކަރެޕްޝަން އަށަގަނެފަވަނީ މިފަދަ މުނާފިގުން ވެރިންނާ ގުޅިގެން ހިންގާ އަމިއްލައެދުމުގެ ޖަރީމާތަކުން. ރައްޔިތުްން ކުރަންޖެހޭ އެއްމެ މުހިއްމު ކަމަކީ މިކަހަލަ މުނާފިގުން ސިޔާސީދާއިރާއިން ވަގުތުން ބޭރުކޮއް ކުޑަކުދިންނާބެހޭ މީހުންނާ އެއްޖިންސުން އުޅޭމީހުން ފަޟީހަތް ކުރާފަދައިން މިކަހަލަ މީހުން ފަޟީހަތް ކޮއް ގައުމު މިމީހުންގެ ކިބައިން ސަލާމަތްކުރުން.