އީދު ދުވަހު އުފާ ކުރުމާއި، އުފާ ފާޅު ކުރުމަކީ ހުއްދަ ކަމެއް ކަމަށް މިއަދުގެ ހުކުތު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އަރަފާތު ދުވަހުގެ މާތް ކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ ވޭތުކުރަމުން މި ދަނީ ހައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި، މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތައް ކަމަށެވެ. އަދި މިއީ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށާއި، ހެޔޮ އަމަލު ގިނަކުރަންވީ ދުވަސްތައް ކަމަށް ޚުތުބަގައި ވެއެވެ. އަދި އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް ޚުތުބާގައި ވެއެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "ހެޔޮ އަމަލު ކުރުމަށް، ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަށްވުރެ ﷲގެ ހަޒްރަތުަ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ".

ޙުތުބާގައި ވިދާޅުވެފައި ވަނީ، ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތް ދުވަސް ކަމަށެވެ. އެ ދުވަހު ހަރަފާތު ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވާ ދެއްވާކަމަށްވެސް ޚުތުބާގަައި ވެއެވެ.

"އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި މުއްތި ކުރެއްވުމުގެ ދުވަހެވެ". ޚުތުބާގައި ވެއެވެ.

ޚުތުބާގައިވާގޮތުން މާތްﷲގެ އޯގާވަންތަކަމާއި، ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް އަރަފާތު ދުވަހުގެ ސަވާބުން މަހްރޫމް ނުވެއެވެ. އެހެންކަމުން ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހުގެ ރޯދަ ހިފުން މޮޅު އިތުރުވެގެންވާ ކަަމަށް ބަޔާންކޮށްފައި ވެއެވެ.

"އަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ސާބިތުވެއެވެ"،

ޚުތުބާގައި ވިދާޅުވެފައި ވަނީ އަރަފާތް ދުވަހު ފާފަ ފުއްސެވުން އެދި ގިނގިނައިން ދުއާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މާތްﷲއަށް ހަނދުމަކޮށް އެކަލާނގެ ހަޒްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެއް ކަމެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.

"އިންސާނާ އާފިލުކަމުން ދުރުކޮށް، މާތް ﷲއާ ގުޅުވައިދޭ އެންމެ މުހިއްމު އެއް ވަސީލަތީ ދުއާކޮށް، އެކަލާނގެ
މަތީން ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު ގުޅުން ދަމަހައްޓައިދޭ ވަސީލަތެވެ. އަރަފާތު ދުވަހަކީ ދުއާ އިޖާބަ ކުރެއްވުމުގެ ދުވަހެވެ. އެހެންކަމުން އެދުވަހު ދުއާ ކުރުން ގިނަ ކުރަންޖެހެއެވެ". ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވަނީ މި މަހު އަންނަ މަތިވެރި ދެވަނަ ދުވަހަކީ އަޟްހާ އީދު ދުވަސް ކަމަށް ބަޔާންކޮށްފައެވެ. އަދި އެ ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށް ޚުތުބަގައި ވެއެވެ.

އެގޮތުން އީދުގެ ދުވަސްތަކަކީ މުސްލިމުން އުފާކޮށް، އުފާ ފާޅުރުމުގެ ދުވަސްތައް ކަމަށް ޚުތުބާގައި ވެއެވެ.
އަދި ގާތްތިމާގެ މީހުންނާއި، ރަހްމަތްތެރިންނަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިޔުމުގެ ދުވަސްތައް ކަމަށާއި، އީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަވެ، ހެޔޮ ދުއާ އާއި، އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަން ޖެހޭ ކަމަށް ޚުތުބާގައި ވެއެވެެ.

އަދި އީދު ދުވަހު އެކަކު އަނެކަކާއި، ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ ދުވަސް ކަމަށާއި، އީދު ނަމާދަށް ފަހު ގާތްތިމާގެ މީހުންނާއި ރަހްމަތްތެރީންނަށް އީދުގެ ތަހުނިޔާ ކިޔުމާއި، އީދު ސަލާން ކުރުން މުސްތަހައްބު ވެގެންވާ ކަމަށް ޚުތުބާގައި ވެެއެވެ.

"އީދު ދުވަހު އުފާ ކުރުމާއި، އުފާ ފާޅު ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އީދު ދުވަހުގެ ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަހްލާގީ އިމުން ބޭރު ނުވާ ގޮތަށެވެ. އަދި ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންނަށްވެސް ގެއްލުމާއި އުނދަގޫ ނުވާނެ ގޮތަށެވެ. އަދި އާއްމު މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއިވެސް ހިލާފު ނުވާ ގޮތުގެ މަތިންނެވެ". ޚުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިޔާޒު އަހްމަދު

    އެއީ ލާދީނީ ކަންކަން ނުކޮށް އީދު ކުޅެން ހުއްދައީ

  2. ކަލޯ

    ދީނުގައި އަންގަވާފައިވާ ގޮތަށް އީދު ދުވަހު އުފާ ކުރެވިދާނެ. އެކަމް އަލްމަގިރި ނުކުޅެވޭނެ. ގުރޫޕް ކުޅި ނުކުޅެވޭނެ. ރާ ނުބޮވޭނެ. މަސްތު ނުވެވޭނެ. ފާފަ ނުކުރެވޭނެ.

    8
    1
  3. މަޚްޠޫބު

    ދީނުގެ ޙުދޫދުތަކުގެ ތެރެއިން އީދު ދުވަހު އުފާ ކުރުމާއި، އުފާ ފާޅު ކުރުމަކީ ހުއްދަ ކަމެއް - ޚުތުބާ

    10
  4. ސުމަން

    އަލަމް ގިރި ސަލާމް ބުނި