އިސްލާމް ކަމާއި ކާފިރުކަމާއި ދެމެދުގައިވާ ހުރަހަކީ ނަމާދު ކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ވިދާޅުވެއްޖެއެވެ.

"ނަމާދަކީ ދީނުގެ ތަބެވެ" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، ނަމާދަކީ އިސްލާމްދީން، އެ އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ތަނބު ކަމަށެވެ. އަދި އެއީ އަޅާ އާއި ކާފިރު ކަމާއި ދެމެދުގައިވާ ހުރަސް ކަމަށްވެސް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރާލައިފި ކަމަށާއި، ނަމާދު ގާއިމްކޮށްފި މީހާ ދީން ގާއިމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުތުބާގައި ވިދާޅުވެފައި ވަނީ، ނަމާދަކީ އޭގެ ސަބަބުން ފާފަތައް މާތްﷲ ފުއްސަވާދޭ ކަމެއް ކަމަށެވެ. އަދި ނަމާދަކީ ހިތައް ހަމަޖެހުން ލިބޭ ކަމެއް ކަމަށާއި، ކަންބޮޑުވުމާއި ހާސްވުން ފަދަ ކަންކަމުން ދުރުކޮށްދޭ އަޅުކަމެއް ކަމަށް ހުތުބާގައި ވެއެވެ.

އަދި ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުރުމަށް މުއުމިނުންގެ މައްޗަށް ފަރުޟު ކޮށްފައިވާ އަޅުކަމެއް ކަމަށްވެސް ހުތުބާގައި ވެއެވެ.

"ފަރުޟު ފަސް ނަމާދަކީ، ރަށުގެ ގާއިމްވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމެއްގެ ތެރޭގައިވާ މީހާގެ މައްޗަށްވެސް ފަރުޟު ކުރަައްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ހާލަތުގައި އާއި ބިރުވެރިކަމުގެ ހާލަތްތަކުގައިވެސް ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ. ބަލިމަޑުކަމުގެ ހާލަތުގައިވެސް ނަމާދު އަޅައިގެން ނުވާނެ އެވެ". ހުތުބާގައި ވެއެވެ.

ކިތަންމެ ބަލިބޮޑުވިޔަސް، ބަލި މީހާއަށް ނަމާދު އެޅުމެއް ނުވާއިރު، މިއަދު ފެންނަނީ މިއާ ހިލާފު މަންޒަރެއް ކަމަށް ހުތުބާގައި ވެއެވެ. އެގޮތުން ބައެއް މީހުން ބައްޔެއްވެލާއިރަށް ނަމާދު ދޫކޮށްލާ ކަމަށާއި، އެފަދަ މީހުންނަށް ނަމާދު ކުރުން ވަނީ އުފުލަން ޖެހިފައިވާ ބުރައަކަށް ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދު ގަޟާ ކުރުމުގެ ނިޔަތުގައެވެ. އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާ ނަމާދު އެޅުމަށް އޮތް އުޒުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ގަޟާ ކުރުމަށް ނިޔަތް ގަނެގެންވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ހުތުބާގައި ވަނީ މާތްﷲ ކަނޑައަޅާފައިވާ ވަގުތުތަކުގައި ފަރުޟު ނަމާދު އަދާ ކުރުމަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ނަމާދަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި ކަަމަށާއި، ﷲގެ ރުއްސެވުމާއި ފުއްސެވުމާއި ހަމައަށް ދަތުރު ކުރެވޭނީ ނަމާދަށް ރައްކާތެރިވެގެން ކަމަަށް ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަތްތޫރަ

    އިސްލާމް ކަމާ ކާފަރުކަމުގަ ހުރި ތަފާތު މިދުނިޔޭގަ ފާހަގަވާ އެއްވެސް ކަމެއް ނޯންނަކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އަދި ކޮންމެ ދީނެއްގެ ބަޔަކުވެސް މަރުވުމަށްފަހު ވާނެ ކަމަށް ބުނާ ކަންކަމަކީ އެކަން ދޮގުކުރެވޭނެ ނުވަތަ ތެދުކުރެވޭނެ އެއްވެސް ހެއްކެއްވާކަމެއް ނޫންކަމަށް ގަބޫލުކުރާ މީހުންވެސް ބައިވަރު

  2. އަންނި

    ތިކަމެއް ނޭނގޭ. ކިތަންމެ ނަމާދު ކުރިޔަސް ކާފަރު ކަމުގެ ލަގަބު ފިލާގޮތެއް ނުވާ ކިތަންމެ ފަހަރެއް އާދޭ.

  3. އަހުމަދު

    ނަމާދު އަޅާފަ ތިބޭނީ ހަމަ ކާފަރު މުރުތައްދުން.....