ދޮގުހެދުމަކީ ކުށެއްނެތް އެތައް ބަޔެއްގެ އަނބުރު ނަގާލާ ނުރައްކާތެރި ހަތިޔާރެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ބުނާގޮތުން ދޮގުހެދުމުގެ ސަބަބުން އަދާވާތްތެރިކަން އުފެދިގެންދާއިރު އެއީ ކުށެއްނެތް އެތައް ބަޔެއްގެ އަނބުރު ނަގާލާ ނުރައްކާތެރި ހަތިޔާރެއް ކަމުގައި ނޫނީ ނުވެއެވެ. މިފަދަ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް މުސްލިމުންނަށް ވަނީ އަންގަވާފައެވެ. އަދި މިއީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ.

"އެންމެ ނުބައި އަދި އެންމެ ފާފަބޮޑު ދޮގަކީ އެކަމުން އެހެން މީހުންނަށް ގެއްލުން ލިބޭ ދޮގެކެވެ. ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް ކަމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ދޮގުހެކި ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަން ޚުތުބާއިން އެނގިގެންދެއެވެ. ޒާތީ ބޭނުމަކަށް ނޫނީ ރަހުމަތްތެރިއަކު ބުނެގެން ނުވަތަ އޮންނަ ދެކޮޅުވެރިކަމަކުން ނުވަތަ ލިބޭ ދުންޏަވީ މަންފާއެއް ލިބިގަތުމަށްޓަކައި އިންސާނުން ދޮގުހެކިދޭ ކަމަށް ކީރިތި ރަސޫލާ ވަނީ ހަދީސްކުރައްވާފައެވެ.

މިއީ މިއަދުގެ ހާލަތެވެ. އަނެކާ ވައްޓާލުމަށްޓަކައި ނުވަތަ ސަލާމަތްކުރުމަށްޓަކައި ދޮގުހެކި ދިނުން މިވަނީ އާންމުވެފައެވެ.

ޚުތުބާގައި ބުނާގޮތުން ދޮގުހެކި ދިނުމަކީ މީސްތަކުންގެ ހަޤުތައް އޮޅުވާލައި، އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. އެހެންކަމުން އެންމެ ބޮޑަށް ރައްކާތެރިވާންވީ ތެދުވެރިވުމަށް ކަމަށް ޚުތުބާގައި ބުނެއެވެ.

"ދޮގުހެދުމުގެ ސަބަބެއް ކަމުގައި ގިނަފަހަރަށް ވެފައި އޮންނަނީ ތިމާއަށް ބޮޑު ފައިދާއެއް ލިބިގަތުން ނުވަތަ ތުހުމަތަކުން ރެކުމެވެ. ނަމަވެސް ރަނގަޅަށް ބަލާ ވިސްނާއިރު ދޮގުހެދުމުން މުސްލިމަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއް ކަމަށާއި އެއީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި ސިފަ ކަމުގައި ޚުތުބާގައި ބުނެއެވެ.

އިސްލާމީ އުއްމަތުގެ ކުރީކޮޅުގައި މުސްލިމުން ނުހަނު ބާއްޖަވެރި ހަޔާތެއް ވޭތުކުރެއްވިކަން ފާހަގަކުރައްވަމުން ޚުތުބާގައި ބުނެފައިވަނީ އެ މުޖުތަމައުއަކީ ތެދުބުނުމާއި ހައްޤަށް ލޯބިކުރާ ބަޔެއް އުޅުނު ދުވަސްވަރެއް ކަމަށާއި އެބައިމީހުން އެކަކު އަނެކަކާ ކުރާ މުއާމަލާތުގައިވެސް ތެދުވެރިކަން އިސްކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ދަރިން ތަރުބިއްޔަތުކުރުމުގައި އޭރުގެ މުސްލިމުން ތެދުވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ.

ތެދުބުނުމަކީ އިސްލާމީ އަޚުލާޤީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަ ކަމަށާއި އެއީ ވަކިވަކި ފަރުދުންނާއި މުޅި އުއްމަތް ބާއްޖަވެރި ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް ސިފަ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ތެދުބުނުމުގެ އިތުރުން ތެދުވެރިންނާއެކީގައި އުޅުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"ތެދުބުނުމަކީ މާތްﷲ އެސިފަޔަށް ތައުރީފުގެ ބަސް ވަހީކުރައްވައި، އެ ސިފައިން އެންމެހައި މުސްލިމުން ޒީނަތްތެރިވުމަށް އިރުޝާދު ދެއްވާފައިވާ ސިފައެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މުޖުތަމައު ރަނގަޅު ގޮތުގައި އޮތުމަށްޓަކައި އަޚުލާޤީ މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ މިންގަނޑުގެ ތެރެއިން ނެއްޓިގެން ނުގޮސް މީސްތަކުންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރެވިއްޖެނަމަ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމިއޮންނާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.