ކޮންމެ އަހަރެއްގެ މާޗް މަހުގެ 21 ވަނަ ދުވަސް ހާއްސަ ވެގެން ދަނީ މުޅި ދުނިޔޭގައި ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަސް (ޑަބްލިއުޑީއެސްޑީ) އެވެ. މި ދުވަސް ފާހަގަކުރުމުގެ ހާއްސަ ދެ މަގްސަދެއް އެބައޮވެއެވެ. ފުރަތަމަ ކަމަކީ ޑައުން ސިންޑްރޯމްއާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމެވެ. ދެވަނަ ކަމަކީ ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހައްގުތަކާއި އެމީހުންގެ ދުޅަހެޔޮކަމަށް ވަކާލާތުކުރުމެވެ.

ޑައުން ސިންޑްރޯމް ދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އުފާފާޅުކުރަނީ އެއްގޮތް ނުވާ އިސްޓާކީނު ލައިގެންނެވެ. މި މަޖާ ސަގާފަތުގައި ހާއްސަ މާނައެއް އެކުލެވިގެންވެއެވެ. ކްރޮމޮސޯމްތައް، މައިކްރޯސްކޯޕެއްގެ ދަށުން ފެއްނައިރު ތަންކޮޅެއް އިސްޓާކީނާއި ވައްތަރުވެއެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ކްރޮމޮސޯމް 21 ގެ އިތުރު ނަކަލެއް ހުރުމުން، އެއްގޮތް ނުވާ އިސްޓާކީނު ރަމްޒުކުރަނީ މި ޖެނެޓިކް ތަފާތުއެވެ.

އެކަމަކު އުފެދޭ ސުވާލަކީ ޑައުން ސިންޑްރޯމް އަކީ ސީދާ ކޮން އެއްޗެއް ހެއްޔެވެ؟

ޑައުން ސިންޑްރޯމް އަކީ މީހެއްގެ ކްރޮމޮސޯމް 21 ގެ އިތުރު ނަކަލެއް ހުރުމުން ދިމާވާ ޖެނެޓިކް ހާލަތެކެވެ. ޑައުން ސިންޑްރޯމް އަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހަކަށް އަސަރު ފޯރުވާ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރެކެވެ. އެއީ އިޖުތިމާއީ އަދި މުއާމަލާތްކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމެކެވެ. ޑައުން ސިންޑްރޯމްގައި މީހެއްގެ ގައިގައި އިތުރު ކްރޮމޮސޯމެއް ނުވަތަ ކްރޮމޮސޯމްގެ އިތުރު ތަންކޮޅެއް ހުރެއެވެ. މިކަން ބަދަލުވަމުން ދަނީ މީހާގެ ހަށިގަނޑާއި ސިކުނޑި ތަރައްޤީވަމުންދާވަރަކަށެވެ. ޑައުން ސިންޑްރޯމްގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޫނުމަތިން ވަކި ސިފަތަކެއް ފާހަގަވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިވުމާއި، ސިކުނޑީގެ ތަރައްޤީ ލަސްވުން ހިމެނެއެވެ. ޑައުން ސިންޑްރޯމް އަށް ފަރުވާ ލިބޭ ބައެއް ގޮތްތަކަކީ ސްޕީޗް ތެރަޕީ އާއި ކަސްރަތު އަދި ހާއްސަ ތައުލީމެވެ. ޑައުން ސިންޑްރޯމް ހުންނަ މީހެއްގެ އުމުރަކީ އާންމުކޮށް 60 އަހަރެވެ.

ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ޑައުން ސިންޑްރޯމް އަކީ ބައްޔެއް ނޫންކަމެވެ. މިއީ ހަނދާން ބެހެއްޓުން މުހިންމުކަމެކެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ ކަމަށާއި، އެމީހުންގެ ޚާއްޞަ ޤާބިލުކަން އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އަދި ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަކީ މި ވަރުގަދަ ކަންތައްތައް ފާހަގަކޮށް، ގޯސް ޚިޔާލުތައް ނައްތާލުމަށް ލިބޭ ފުރުސަތެކެވެ.

ތާރީހުގެ ތެރެއިން މި ދުވަސް ބަލާލަމާ ހިނގާ!

އދ. އިން ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 2011 ވަނަ އަހަރުއެވެ. މި ތާރީޚަކީ މާޗް 21 (ނުވަތަ 3/21) އެވެ. މި ތާރީހް ހޮވާފައިވަނީ 21 ވަނަ ކްރޮމޮސޯމްގެ ޓްރިޕްލިކޭޝަން ދައްކުވައިދޭތީއެވެ. ކްރޮމޮސޯމް 21 އަދި މާޗް މަހަކީ އަހަރުގެ 3 ވަނަ މަހައްވުމުން މި ތާރީހަކީ އިތުރު ތަފްސީލަކަށް ނުގޮސް ޑައުން ސިންޑްރޯމް ސިފަކޮށްދޭ ފުރިހަމަ ތާރީހެކެވެ. އޭގެ ފަހުން މިދުވަސް ވެފައިވަނީ މުޅި ދުނިޔޭގައިވެސް މި ކަމާއި މެދު ގަބޫލުކުރެވޭ ގޯސް ގަބޫލުކުރުންތަކަށް ގޮންޖަހާ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ދުވަހެއްގެ ގޮތުގައިއެވެ.

2011 ވަނަ އަހަރަށްފަހު ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރަނީ ވަކި ޝިއާރަކަށެވެ. އެގޮތުން މިއަހަރުގެ ޝިއާރަކީ "އެންޑް ދަ ސްޓިރިއޯޓައިޕްސް" އެވެ. މި ކެމްޕޭންގެ މަގުސަދަކީ ޑައުން ސިންޑްރޯމްއާ ބެހޭ ގޮތުން ޒަމާނާ ނުގުޅޭ ތަސައްވުރުތަކާއި، ކޮށިވިސްނުންތައް ނައްތާލާ ފަރުދުންގެ ގާބިލްކަން ފުޅާކޮށް އެކަންކަން ފާހަގަކުރުމެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަކީ ހަމައެކަނި ހޭލުންތެރިކުރުވުމަށްވުރެ މާ ބޮޑު ދުވަހެކެވެ. އެއީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ހަމަހަމަކަމާއި ފަހި ފުރުސަތުތައް ހުރިހާ ދާއިރާއެއް ހިމެނޭހެން ރައްކާތެރި މުޖުތަމައުއެއް އުފެއްދުމަށް މަސައްކަތްކޮށް ގޮވާލާ ގޮވާލުމެކެވެ.

ޑައުން ސިންޑްރޯމް ހުއްނަ ފަރާތަކަށް ތައުލީމު ލިބުމުގައި ހުރި ހުރަސްތައް ނައްތާލެވެން އެބަޖެހެއެވެ. ފެންވަރު ރަގަނޅު ތައުލީމު ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ މަގު އެފަރާތަކަށް ފަހި ކޮށްދޭން އެބަޖެހެއެވެ. ވަޒީފާތަކުގެ ފުރުސަތުތައް ލިބެންއެބަޖެހެއެވެ. އަދި މާނަހުރި އެކަށީގެންވާ ވަޒީފާއެއް ހޯދުމާއި ކެރިއަރ ޑިވެލޮޕްމަންޓަށް ފުރުސަތުތައް ފަހިކޮށްދިނުން މިއީ މިއަދު ކުރުން މުހިންމު ކަންތައްތަކެކެވެ. މީގެއިތުރުން މުޖުތަމަޢުތަކުގެ ތެރޭގައި އެފަރުދުންނަށް އިޖްތިމާއީ ބައިވެރިވުން އިތުރުކޮށްދީ، ނިސްބަތްވުމާއި ބަލައިގަތުމުގެ އިޙްސާސް އެމީހުންގެ މެދުގައި އުފައްދަންއެބަޖެހެއެވެ. އަދި އެމީހެއްގެ މުޅި އުމުރުގައި އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ ކަމުގެ ޔަގީންކަން ލިއްބައިދޭ ހައްޓައް ފަސޭހަ، ސިއްހީ ނިޒާމެއް އެފަރާތަކަށް ކަށަވަރުވާން އެބަޖެހެއެވެ.

މިއަދި ނިމުނީކީނޫނެވެ! ޒިންމާ ފެށިގެން އަންނަނީ ތިބާއާއި ހިސާބުންނެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތަކަށް އެހީވުމަށް ތިބާއަށްވެސް ކުރެވިދާނެ ކަންކަން އެބަހުރިއެވެ.

އެގޮތުން ޑައުން ސިންޑްރޯމް އާއި ބެހޭ މައުލޫމާތު ނޭޝަނަލް ޑައުން ސިންޑްރޯމް ސޮސައިޓީ ނުވަތަ ޑައުން ސިންޑްރޯމް އިންޓަނޭޝަނަލް ފަދަ މަޝްހޫރު މަސްދަރުތަކުން ހޯއްދަވާށެވެ. އަދި އަމިއްލަ ނަފްސުގެ އިތުރުން އެހެންމީހުންނާއި އެމައުލޫމާތު ހިއްސާކޮށް މީސް މީޑިއާގައި ވެސް މިކަމަށް މީހުން ހޭލުންތެރިކުރެވިދާނެއެވެ. މީގެ އިތުރުން ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި ހިތްހެޔޮކަމާއި އިހްސާންތެރި ކަމާއި އެކު ވާހަކަދައްކާ އެފަރާތް ތަކުގެ ކާމިޔާބީގެ ވާހަކަތައް ހިއްސާކޮށް އެކާމިޔާބީތައް ފާހަގަކުރުމާއި، ޑައުން ސިންޑްރޯމް ހުންނަ ފަރުދުންގެ ޚާއްޞަ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެވިދާނެއެވެ. ކޮށްލެވޭ މިކަހަލަ ކުޑަކުޑަ ކަމަކުން ވެސް ނިކުންނަ ނަތީޖާ ވަރަށް ވެސް ފޮނި ވެދާނެއެވެ.

އެންމެން އެކުގައި މަސައްކަތްކޮށްގެން ކަންކަން ރަނގަޅު ކުރުމަށް އަތުކުރިއޮޅާލަމާތޯއެވެ! ޑައުން ސިއިންޑްރޯމް އަކީ މީހާ އެކަހެރިކުރާ ތަފާތެއެއްނޫނެވެ! އެއިން ކޮންމެ ފަރުދަކަށްވެސް ތިބާއަށް ލިބޭ މިންވަރަށް ހައްގުތައް ލިބިގެންވެއެވެ! ތަފާތަކީ އުފެދުމުގައި ތިބާއަށް ވުރެ އަނެކާ ތަފާތުވުމެވެ. ވިސްނުމާއި ފިކުރު އެއްގޮތް ނުވުވުން އެއީ މައްސަލައެއްނޫނެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިބާގެ ރޯލު ވެސް އެބައޮތެވެ.