(ފުވައްމުލައް ސިޓީ) ފުވައްމުލަކަކީ ބިން ރަނގަޅު ފެން ހެޔޮ ރަށެކެވެ. މި ރަށުގެ މަލަމަތިން ފެށިގެން ރަށުގެ އެންމެ އެތެރެވަރިއާ ހަމައަށް ވެސް ފެންނަނީ ފެހިކަމުން ޖަރީވެފައިވާ ގަހުގެ ސާލެކެވެ. ރަށުގައި މޭވާ ނޫނީ ތަރުކާރީ އަޅާ ޒާތުގެ ގަހެއް ނެތް ދިމާލެއް މަދުން ނޫނީ ފެންނާކަށް ނެތެވެ. ޗަކަބިންތައް ނިސްބަތުން ގިނަ މި ރަށަކީ އަލައިގެ ދަނޑުވެރިކަން މިހާރުވެސް ވަރަށް ފޯރިި އާއެކު ކުރާ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. މިހާރު މި ރަށުން ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ގިނައިން ފެންނަނީ އަލަ ކަމުގައި ވީނަމަވެސް ކުރިން މި ރަށަކީ ފަލަމަޑީގެ ރަސްކަމެއް އޮތް ރަށެކެވެ.

އަލަ އާއި ކައްޓަލަ އާއި ބަނބުކެޔޮ ގަސްތައް އިންދުމުގައި ފިސާރަ ކުޅަދާނަ ބަޔަކު މި ރަށުގައި އުޅެއެވެ. މި ބާވަތްތަކުގެ ތެރެއިން ބަނބުކެޔޮ ގަސްތައް މި ރަށުން ނެތިގެން ދިޔަ ގޮތުގެ ވާހަކަ އެނގޭ އުމުރުން ދުވަސްވީ ކިތަންމެ ބަޔަކު އެބަތިބިއެވެ. އުމުރުން ދުވަސްވީ މީހުންގެ ހަނދާނުގެ ސޮފްހާތައް ހުޅުވާލުމުން އެނގުނު ގޮތުގައި ބަނބުކެޔޮ ގަސްތައް އެއްކޮށްގެން ނެތި އެ ބާވަތް ނެތިގެން ދިޔަ ޒަމާނެއް ވެސް ދިޔައެވެ. "އެއްވާނަކަށް" ބަނބުކެޔޮ ގަސްތައް އިންދައި، އެ ގަސްތަކުގެ ފޮނި މީރުކަން ލިބިގަންނަމުން ދިޔަ އެތައް ބަޔަކު ވެސް އޭރުގައި ތިބިއެވެ.

ފުވައްމުލަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ކިޔައި ދިން ގޮތުގައި މީގެ ސާޅީހަކަށް އަހަރު ކުރިން އެ ރަށުގެ ބަނބުކެޔޮ ގަސްތައް މަރުވާން ފެށުމުގެ ކުރިން އެ ރަށަކީ ބަނބުކެޔޮ ތިޔާގި ރަށެކެވެ. ރަށަށް އަރައި ބީ ރައްޓެހިންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށާއި ކެއުމަށް ސުފުުރާ މަތި މުއްސަނދިކޮށްލަން ވެސް ބަނބުކެޔޮ ވަރެއް ނެތެވެ.

" ފެނު ކައްކާނެ. ތެލުލާނެ. ދެން ބަނބުކެޔޮ ހިއްކާފައި ފިހާނެ، ނާރޯއް ފަލޫދާ، ބަނބުކެޔޮ ހިތި، އަދި ބަނބުކެޔޮ ހަކުރު އަޅާ ފޮނިކޮށްގެންވެސް ކައި އުޅުނު. އޭރު މާ ބޮޑު ކަމެއް ނޫން ބަނބުކެޔޮ ހޯދުމަކީ. ބަނބުކެޔޮ ނެތް ހިސާބެއް ވެސް މަދުވާނެ. އެންމެ ފުރަތަމަ ނޭނގެ ގަސްތަކަށް ވާން ފެށި ގޮތެއް. މީހުން ކީ ސިހުރު ކަމެކޭ ވެސް. އެސްފިންނާއޭ ވެސް. ދެން އެކަމަކު މާ ލަސްތަކެއް ނުވެ އެނގިއްޖެ މިއުޅެނީ ދިރޭ އެއްޗެއްގެ އުނދަގޫކަން މި ގަސްތަކަށް ޖެހިގެން. ބަލަބަލާ ހުއްޓާ ގަސްތައް މަރުވެެގެން ދިއުން އެއީ ވަރަށް ހިތްދަތި އިހުސާސެއް،" އޭނާ ކިޔައިދިނެވެ.

ފުވައްމުލަކުގައި ހުރި ބަނބުކެޔޮ ގަސްތަކެއް. --- -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުވައްމުލަކު ބޮޑު ކަތީބުކަން ކުރެއްވި މުހައްމަދު ވަހީދު އަހުމަދު ވިދާޅުވި ގޮތުގައި ބަނބުކެޔޮ ގަސްތައް މަރުވާން ފެށީ ޒާތެއްގެ ފަންޏެއް އަޅައިގެންނެވެ. މިގޮތަށް ފަނި އަޅައިގެން ބަނބުކެޔޮ ގަސްތައް މަރުވާން ފެށީ 1980 ވަނަ އަަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަނިތައް އަޅަން މެދުވެރިވީ ސީދާ ސަބަބު ނޭނގުނު ނަމަވެސް، ބަނބުކެޔޮ ގަހުގައި ފަނި އެޅުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަސް އެއްކޮށް މަރުވެ، ފަނާވާ ކަމަށްވެއެވެ.

" ގާހުލި އެއަށް ކިޔަނީ. އެ ގަސްތައް ގަހުގެ ގަސްގަނޑު ބޯލަނީ ހަމަ. ވަރަށް ގިނަވާ އެއްޗެއް އެއީ. އެ ގަހަަށް ހަމަ ވަންނަ ގޮތަށް މުޅި ގަސް އެއްކޮށް ހަމަ ބޯލަނީ. ވަރަށް ގިނަވާ އެއްޗެއް އެއީ އޭގެ އާއިލާ. އެތެރެ ތޮރުފައިގެން. މާކަ ގިނަ ވަގުތެއްވެސް ނުލިބޭ ގަސް ހިމާޔަތް ކުރާކަށް ވެސް. އެ ފެތުރުނު ގޮތެއް ނޭނގޭ ކިޔާދޭކަށް. އެކަމަކު ބުނެދޭން ނޭނގޭހާ އަވަހަށް އެ ފެތުރިގެން އައީ،" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ގެއެއްގައި އިންދާފައި ހުރި ބަނބުކެޔޮ ގަސްތަކެއް. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގައި އިންދައި ރޯކޮށްފައި ހުރި ބަނބުކެޔޮ ގަސްތައް މިފަދަ ހިތްދަތި ގޮތަކަށް މަރުވާން ފެށުމުން އެއްވެސް ކަމެއް ނުކޮށް އަތް އުރާލައިގެން ތިބުމަކީ އޭރު ފުވައްމުލަކު ރަށު އޮފީހުގައި އިސްކޮށް ތިއްބެވި އާރުކާޓީންގެ ހިތަށް ކެތްވާ ވަރު ކަމަކަށް ނުވިއެވެ.

އެހެންކަމުން އޭރުވެސް ތަފާތު ގޮތްގޮތަށް މަސައްކަތްކޮށްގެން ބަނބުކެޔޮ ގަސްތައް ސަލާމަތް ކުރަން މަސައްކަތް ކުރެއްވިކަން އަތޮޅު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ހުސެއިން ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

"ވަރަށް ގިނަ މަސައްކަތް ކުރެވުނު. ގަސްތައް މަރުވާތީ މާލެއިން ގެނެސްގެން ގަސްގަހަށް އިންޖެކްޝަން ޖެހި. އަނެއްކާ ރުފިޔާއަކަށް ދެ މަގުން ފަނިތައް ގެނެސްގެން އަންދާ ވެސް ހެދި. އެހެންވީމަ އެކަން ހުުއްޓުވަން މަސައްކަތް ކުރެވުނު. ސްޕްރޭވެސް ކުރި. ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ހަގީގަތުގައި." ހުސެއިން ޝަރީފް ވިދާޅުވިއެވެ.

ތަކުރާރުކޮށް އެތައް މަސައްކަތްތަކެއް ކުރި ނަމަވެސް ބަނބުކެޔޮ ގަސްތައް ބަލަބަލާ ތިއްބާ ފަނާވެގެން ދިޔައީ އެ ގަސްތައް ސަލާމަތް ކުރަން ކުރި މަސައްކަތުގައި އެންމެ އެކަށީގެންވާ ނަތީޖާއެއް ނުފެނިއެވެ. މިހާރު މި ސިޓީން ބަނބުކެޔޮ ގަސްތައް ފެންނަން ހުރި ނަމަވެސް ކުރިން ބަނބުކެޔޮ ގަސްތައް އިންދި މިންވަރާ ގާތަށް ވެސް މި ރަށުގައި ބަނބުކެޔޮ ގަސްތައް އިންދިފައި ނުވާކަން ހުސެއިން ޝަރީފު ފާހަގަކުރެއްވިއެވެ.

"މިހާރު ބަނބުކެޔޮ އެބަ ހެދޭ. އެކަމަކު ކުރިން ހެދުނު ގޮތަށް ދެން ނުހެދޭނެ. އެއީ އޭރު ކޮންމެ ގެއެއްގައި ވެސް ބޮޑު ގޯއްޗެއް އޮވޭ. މިހާރު ތަނެއް ނެތް އެހެންނެއް. ކޮންތާކުތޯ އިންދަނީ މިހާރު އެގޮތަށް ގަސްތައް؟. ބަނބުކެޔޮ ގަސް ހައްދާފައި ދެން ކޮންތާކުތޯ ދިރިއުޅެނީ؟" ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މި ރަށު މީހުން ބުނާ ގޮތުން އިހު ޒަމާނުގައި މި ރަށުގައި ބަނބުކެޔޮ ހެއްދި ނިސްބަތާއި އަޅާ ބަލާ އިރު މިހާރު މި ރަށުން ބަނބުކެޔޮ ހޯދުމަކީ ތަދު ކަމެކެވެ. އަދި ކުރިން ބަނބުކޭލުން ފެނުނު ތަފާތުކަމާއި އާރޯކަން މިހާރު ހުރި ބަނބުކެޔޮ ގަސްތަކުން ނުފެންނަ ކަމަށް ވެސް އެ މީހުން ބުނެެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަސޮރު

    ތާރީޚް އެއީ ބަޔަކު ބޭނުން ގޮތަކަށް ލިޔެވޭނެ. އަހަރެންގެ ޢުމުރަކީ 42 އަހަރު، ރަގަޅަށް ހަދާން ހުރޭ ބަނބުކެޔޮ ގަސްތައް ނެތިދިޔަތަން، އެއީ ސީދާ ރަށުގެ ވެރިންގެ އިޙްމާލުންވި ކަމެއް. ޒަމާނުއް ސުރެ ރަށަކީ ގިނައިން ކާޅު އުޅުނު ރަށެއް. ކާޅުގެ އުދަގުލާހެދި މާލެއިން ބޭސްތަކެއް ގެނެސް ޒުވާރިއާއި ނުވަތަ ހަނޑުއާއި އެއްކޮށް ކާޅަށް ކާންދީ ، ރަށުން ހުރިހާ ކާޅެއް މަރާ ހުސްކޮށްލީ. މިއީ ޙަޤީގަތް.. އެއިގެ ފަހުން އަހަރެއް ހާ ދުވަހުން ބަނބުކެޔޮ ތަސްތައް ނެތިދާން ފެށީ، އެކޯއި ސިސްޓަމުގެ އެކަތި ނައްތާލުމުން ގަސްނެތިގިޔަ ކަމަށްވަނީ. ގަހުގައި އެޅި ފަންޏަކީ ކާޅު ޢާންމުކޮށް ކައިއުޅޭ އެއްޗަކަށްވީ އެ ނެތިދިއުން ވީ ބަނބުކެޔޮ ގަސްތައް ނެތިދިއުމުގެ އަސްލަކަށް.

    14
  2. ޑައިވަރޭ

    ތިގަސްތައް ނެތިދިޔައީ "ބައުކޭލްގެހެކާ ފާނި" އާއިހެދި، އެއީ ކުރިންވެސް މަދުން އުޅޭ އުދުހޭ ދޫނި/ފަނި އަކާއިހެދި، މިބުނާ ފަނިތައް ކުއްލިޔަކަށް ގިނަވީ ބޭސް ޖަހާގެން ކާޅު ހުސްކުރުމުގެ ސަބަބުން. ކުރިން މިބުނާ ފަނިތައް އެހާގިނަ ނުވަނީ މި ފަނިތައް ކާޅު ކާތީ..
    ފަހުންވެސް ފަނިތައް މަދުވީ ކާޅު ގެނެސް ދޫކޮއްލުމުން ކާޅުތައް ފަނިތައް ކާންފެށުމުން...

    11
    1
  3. ދިއްލާ

    ރަށުގެ ކަމުވޮށިގެންވާ މީހުން މިކަމުގެ ޒިންމާ ނުނަގަން ވެގެން ކާލުގެ ވާހަކަނުދައްކާ އޮއްބާލަން އުޅެނީ

    11