(ހއ. މޮޅަދޫ) ހއ.މޮޅަދޫގެ ކަނޑު އޮޅިން އެތެރެވެ ރަށުގައި ހޭލަމޭލަވެ އުޅުމުން ވަޒަން ކުރެވެނީ ރަށުގެ ދިގު ތާރީހެވެ. ރަށުގައި ފެންނަން ހުރި ފެންވަޅުތަކުގެ އިމާރާތްކުރުމުގެ ވައްޓަފާޅީގެ ފުރިހަމަކަމާއި، ވީރާނާވަމުންދާ ގަބުރުސްތާނާއި އެ ގަބުރުސްތާނުގެ މަހާނަތަކުން ފެންނަން ހުރި ޒަމާންވީ ކަވި ކުރެހުންތަކުން އަދި ފަސްޖެހި ވަޅުލެވެމުންދާން ދޫކޮށްލާފައިވާ މި ރަށުގެ ގަބުރުސްތާން ހަރުއަޑުން ހެކިދެނީ މޮޅަދޫ އަކީ މުއްސަނދި ތާރީހެއްގެ ވެރި، ފަޙުރުވެރި ރަށެއް ކަމެވެ. މި ރަށުގެ ފަސްގަނޑުން މިއަދު ފެންނަން ހުރި އާސާރުތަކަށް ނަޒަރު ހިންގާލުމުން ކާބަފައިން ދޫކުރި ވާރުތަ އާއި ބިނާތައް ރައްކާކޮށް މިއަދުގެ ޖީލަށް ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ މިންވަރު ތަސައްވުރުކުރެވެއެވެ. އަދި އެ ރަށުގެ ތާރީހު ލިޔެ ރައްކާކުރުމުގައި ވެފައިވާ ބޭއިންސާފުގެ ބޮޑުކަން ހިތަށް ގެނުވަން މަޖުބޫރުވެއެވެ.

މި ރަށުގެ ތާރީހާ މެދު ލިޔުންތެރިންގެ ގަލަމުން ބަޔާންކުރެވިފައި ވަނީ ރަށުގެ ތާރީޚުގެ ކައިވަތެއްހާ މިންވަރެވެ. މި ރަށުގެ ޗާލު ތާރީހު ލޮލުން ދެކެ އަތުން ހިފި ގިނަ މީހުން މިއަދު ވަނީ މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. މިއަދާ ހަމައަށް މޮޅަދޫގެ މޮޅު ވާހަކަތަކުގެ ތެރެއިން ގެނެސްދެވިފައިވާ ކަންކަމަކީ ތުންތުން މަތިން ދެކެވިފައި ހުރި އަދި ލޯތްބާއެކު މޮޅަދޫގެ ކާބަފައިން ގެނެސްދީފައި ހުރި ވާހަކަތަކެވެ. އެހެންކަމުން މޮޅަދޫގެ "މޮޅު" ތާރީހުގެ ވާހަކަ އޮންނަނީ ހިމޭންވެފައެވެ. ލިޔުންތެރިންގެ ނަޒަރުން ވަންހަނާވެފައެވެ.

މޮޅަދޫގެ ތާރީހީ ތަންތަނުގެ ތެރެއިން ތާރީހު ދިރާސާކުރާ ބޭފުޅުންގެ ނަޒަރު އެތަންތަނަށް ހުއްޓި ތާރީޚީ ތަންތަނުގެ ލިސްޓުގައި ހިމެނުމުގެ ޝަރަފު ލބިފައިވާ ތަންތަން އެބަހުއްޓެވެ. ތާރީހީ ލިސްޓުގައި ހިމެނުނު މި ފަދަ ތާރީހީ ބިނާތަކުގެ ތެރެއިން އެންމެ ނަން މަޝްހޫރުކޮށް ދެކެވޭ އެއް ވާހަކައަކީ މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކައެވެ. ރާއްޖޭގެ ތާރީހީ ސަފުހާތަކުގައި ސައްޔިދު ތޯހާގެ ނަން ބިންވަޅު ނެގުނު ހިސާބަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ތާރީހީ ބިނާތައް ދެނެގަންނަން ކުރި މަސައްކަތުގެ ތެރެއިން، މޮޅަދު އަށް ޒިޔާރަތްކޮށް މި ޒިޔާރަތަކީ ތާރީހީ ތަނެއްގެ ގޮތުގައި ބެލުމުގެ ކުފޫ ހަމަވާކަމަށް އެ ދަތުރުގެ މޭސްތިރީން ނިންމި ހިސާބެވެ.

ސައްޔިދު ތޯހާ ޒިޔާރަތާއި މޮޅަދޫ

ހއ. މޮޅަދޫ ގަބުރުސްތާނު އަދި ޒިޔާރަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސައްޔިދު ތޯހާ ޒިޔާރަތުގެ ނަން ދިވެހި ތާރީހުގެ ތެރެއަށް ހިލިގެން އައި ނަމަވެސް ސައްޔިދު ތޯހާ އަކީ ކޮބައިކަން އެނގެން އޮތީ އެންމެ މަސްދަރެއް މެދުވެރިވެގެންނެވެ. އެއީ ރަށުގައި ތުންތުން މަތިން ދެކެވުނު ވާހަކަތަކެވެ. ޒަމާނުއްސުރެ ކާބަފައިން އެ ޖީލުން އަނެއް ޖީލަށް ކިޔައިދީފައި ހުރި ބޯދާ ވާހަކަތަކެވެ. އެ ވާހަކަތަކުގެ އަލީގައި ސައްޔިދު ތޯހާގެ ނަސްލާއި، އަސްލާ މެދު އެއްކުރި މައުލޫމާތުތައް ހުރި ނަމަވެސް އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް އެއްވެސް ހިސާބަކުން ފެންނާކަށް ނެތެވެ.

ސުވާލެއް ނެތް މިންވަރަށް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ ސައްޔިދު ތޯހާ އަކީ އެއް ދުވަސްވަރެއްގައި މި ރަށުގެ ގަދަރުވެރި ނަމެއް ކަމެވެ. ސައްޔިދު ތޯހާގެ ނަމުގައި މި ރަށުގައި ޒިޔާރަތެއް ހުރުމާއި، އެ ޒިޔާރަތަށް ނަދުރު ބުނެ އުޅުނު ދުވަސްތައް މިއަދު މާޒީވެފައި ވީ ނަމަވެސް، އެ ޒިޔާރަތަކީ މޮޅަދޫގެ ކާބަފައިންގެ ހިތުގައި އެތަނަކާ މެދު ޚާއްސަ ލޯތްބެއް އޮތް ތަނެއްކަން ޔަގީނެވެ. އެތައް ޒަމާނެއް ވަންދެން ރައްކާތެރިކަމާއެކު އެތަން ބެލެހެއްޓި ބަޔަކު އެ ރަށުގައި ތިބުމަކީ ސައްޔިދު ތޯހާ ޒިޔާރަތުގެ އަސްލު، އެ ރަށުގެ ރަށްވެހިންނަށް މުހިންމުވީ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ސައްޔިދު ތޯހާ އަކީ ކޮބާ؟

ހއ. މޮޅަދޫ ގަބުރުސްތާނު އަދި ޒިޔާރަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހާ ލޯބިން، އެހާ ޝައުގުވެރިކަމާއި އިޚުލާސްތެރިކަމާއެކު ބެލެހެއްޓީ ސައްޔިދު ތޯހާ ޒިޔާރަތް ނިސްބަތްވާ ބޭފުޅަކީ ކާކުތޯ ސުވާލު އުފެދިދާނެއެވެ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުން ސައްޔިދު ތޯހާގެ ނަން އާއްމުކޮށް އިވުނު ނަމަވެސް އެއީ މޮޅަދޫ އަށް ނިސްބަތްވާ، މޮޅަދޫ އާ ހަސަބާއި ނަސަބުގެ ގޮތުން ވެސް ގުޅުން ހުރި ބޭފުޅެއް ނޫނެވެ. ބުނެވޭ ގޮތުން ނަމަ ސައްޔިދު ތޯހާ އަކީ ނަސްލީގޮތުން މިސްރަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމަށްވާ ނަމަ ސައްޔިދު ތޯހާގެ ނަމުން ނަން ދީފައިވާ ޒިޔާރަތެއް ރާއްޖޭގެ ރަށެއްގައި ހުންނަން ޖެހުނު ސަބަބަކީ ކޮބައިބާވައެވެ؟

މިވާހަކަ ދެގޮތަކަށް ކިޔާ އުޅެއެވެ. ރަށުގެ ބައެއް އުމުރުން ދުވަސްވީ މީހުން ބުނާގޮތުން ނަމަ މޮޅަދޫއަށް ސައްޔިދު ތޯހާގެ ސަންދޯއް މި ރަށަށް ލެއްގީއެވެ. މިހާދިސާ ހިނގި ތާރީހެއް ސާފުކޮށް ބުނެދޭން އެނގޭ އެކަކު ވެސް މިހާރު ދުނިޔޭގައި ނެތެވެ. ސައްޔިދު ތޯހާ ސަންދޯއް މިރަށަށް ލެއްގިކަމަށް ބުނާ މީހުން ބުނާގޮތުން ނަމަ އެ ސަންދޯއް ފެނުނު މީހުން އެރަށު މިސްކިތްދޮށުގައި ވަޅުލުމަށް ފަހު، އެ ތަނުގައި ޒިޔާރަތެއް އެރުވި ކަމަށްވެއެވެ.

މިއީ މި ވާހަކައިގެ ނުފަރިތަ ފުށެވެ. މި ރަށުގެ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އައިމިން ދައިތަ "ވަގުތަށް" ކިޔައި ދިން ގޮތުގައި ސައްޔިދު ތޯހާ އަކީ މިސްރުން ދަތުރުކުރަމުން އައި ބޯޓެއް ކަހަލަ އެއްޗެއް އެ ރަށަށް ކައިރި ކުރި އިރު އޭގައި ނިޔާވެފައި އޮތް މީހެކެވެ. އަދި އެ މީހާ މޮޅަދޫގައި ވަޅުލީ އަތޮޅުގެ އެހެން ބައެއް ރަށްރަށުން އެ ގަބުރު ރަށަށް އަރުވަން ބޭނުން ނުވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހއ. މޮޅަދޫ ގަބުރުސްތާނު އަދި ޒިޔާރަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައިމިން ދައިތަގެ އެވާހަކައް އިތުރަށް ސާފުވީ އެ ރަށުގެ ތާރީހީ ކަންކަން ދިރާސާކޮށް ހޯދަން ލޯބިކުރާ މުހައްމަދު މޫސާ (މުހައްމަދުބެ) 51، ފަރާތުންނެވެ. މުހައްމަދުބެ ބުނާ ގޮތުން ނަމަ އެންމެ ފުރަތަމަ އެ ގަބުރު ގެންދިޔައީ ހއ.އިހަވަންދޫ އަށެވެ. މޮޅަދޫ އަށް އެ ގަބުރު ގެނައީ އެ ރަށްރަށުގައި އިސްކޮށް ތިބި މީހުން އެ ގަބުރު އޭރު އެ ރަށަށް އަރުވާން ބޭނުން ނުވުމުންނެވެ.

މިހާދިސާ އަށް މިހާރު 130 އަށް ވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ކޮންމެއަކަސް އެ އިޝާރާތްކުރެވި ސައްޔިދު ތޯހާ ޒިޔާރަތަށް އެ ނަން ކިޔާ ކަމާއި، އެ ތަން ނިސްބަތްވަނީ އެ ބޭފުޅާ އަށްކަން އެނގުނު ހިސާބެއްވެސް ސާފުވާކަށް ނެތެވެ. ނަމަވެސް އެ ޒިޔާރަތަށް ފާތިހާ ކިޔަން ސަރުކާރުން ފާތިހާ ފާސްކޮށްދެއްވިކަން އެނގެން އެބައޮތެވެ. ހުކުރު، ހޮނިހިރުގައި ކިޔަމުން އައި އެ ފާތިހާ ހަނދާން ހުރި މީހުން އަދިވެސް ރަށުގައި ކޮންމެވެސް ވަރަކަށް އެބަ ތިއްބެވެ. އެހެންކަމުން ސައްޔިދު ތޯހާ އަކީ ބިލާހެއް ނޫންކަން ގައިމެވެ. މީގެ އިތުރުން ސައްޔިދު ތޯހާ އާއި އެއްބަފާ ބޭފުޅެއް ދޫދޫމަތިން އައިސްވާ ވާހަކަތަކުން އެނގޭ ބޭފުޅެއް ކަމަށްވާ، ސައްޔިދު އަލީ ތޯހާ ކިޔާ ބޭފުޅެއް ހއ. މަތީރަށުގައި ބޮޑު ޒިޔާރަތެއްގައި ފަސްދާނުލެވިފައިވެއެވެ.

ސައްޔިދު ތޯހާ އާއި ބާ މިސްކިތާ ގުޅެނީ ކިހިނެތް؟

ހއ. މޮޅަދޫގައި ރައްޔިތުން އަޅާފައިވާ މިސްކިތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސައްޔިދު ތޯހާ ޒިޔާރަތަކީ ސައްޔިދު ތޯހާ އަށް ނިސްބަތްވާ ހަމައެކަނި އާސާރެއް ނޫނެވެ. މި ރަށުގައި ސައްޔިދު ތޯހާ އަށް ނިސްބަތްވާ މިސްކިތެއް ވެސް އެބަހުއްޓެވެ. ގިނަ މީހުންނަށް އެ މިސްކިތް އެނގެނީ ބާ މިސްކިތުގެ ނަމުންނެވެ. މިތަނަށް ހުކުރު މިސްކިތޭވެސް ކިޔާ އުޅުނެވެ. މި މިސްކިތަށް ކިޔާ އުޅެނީ މަސްޖިދުއް ތޯހާއެވެ.

މި މިސްކިތަށް ނަންދީފައި ވަނީ ސައްޔިތު ތޯހާ ޒިޔާރަތާ ގުޅުވައިގެންނެވެ. 1972ގައި ރައްޔިތުންގެ ބުރަ މަސައްކަތާއި މިންނަތުން ބިނާ ކުރި މި މިސްކިތަށް މަސްޖިދުއް ތޯހާގެ ނަމުން ނަން ދެއްވާފައި ވަނީ އޭރުގެ ނަމުން ނަމަ ރިލިޖަސް އެފެއަރޒްގެ ވެރިޔާ މުހައްމަދު ޖަމީލް ދީދީއެވެ. އެއީ އޭރު ދީނީ ކަންތައްތަކާއި ބެހޭ އެންމެހާ ކަންކަން ބެލެހެއްޓެވި ބޭފުޅާއެވެ. މޮޅަދޫގެ މުސްކުޅިންނާއި ތާރީހު ދިރާސާ ބޭފުޅުންގެ އަރިހުންނާއި ތާރީހު ދިރާސާކުރައްވާ ބޭފުޅުންގެ ކިބައިން އައްސަވައިގެން މޮޅަދޫގެ ތާރީހު އޮޅުން ފިލުވަން ލޯބިކުރައްވާ އެ ރަށު މުހައްމަދުބެ ވަނީ މި ތަނަށް ސައްޔިދު ތޯހާގެ ނަމުން ނަން ދެވުނު ގޮތް ކަމަށް ގިނަ ބަޔަކު ބުނާ ސަބަބު ސާފުކޮށް ދެއްވައިފައެވެ.

"ސައްޔިދު ތޯހާގެ ނަމުން ނަން ދިނީ މަތީރަށުގައި އޮތް ޒިޔާރަތުގައި އޮތް ވެރިޔާ އާއި ސައްޔިދު ތޯހާ އަކީ އެއްބަނޑު އެއްބަފާ ބޭފުޅުން ކަމަށް ދޫދޫމަތިން ދެކެވުނު ވާހަކައިގެ މައްޗަށް ރިއާޔަތްކޮށް. ޖަމީލް ދީދީ އެ ނަން ދެއްވީ އެ ޚާއްސަކަމަށް ބަލައިގެން ކަމަށް ބޭބޭފުޅުން ވިދާޅުވަނީ. މުސްކުޅިންނާއި ތާރީހު ކިޔައިދޭ މީހުންވެސް ވިދާޅުވަނީ އެހެން." އޭނާ ވިދާޅުވިއެވެ.

ހއ. މޮޅަދޫގައި ރައްޔިތުން އަޅާފައިވާ މިސްކިތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެންމެ ފުރަތަމަ މި މިސްކިތް ބިނާކުރި އިރު އެތަނުގައި ހުރީ މުސްކުޅި ދަގަނޑު ޓިނު ޖަހާ، އީޓު ތިނބި އަޅާފައެވެ. އަދި މިސްކިތަށް ވަންނަ ދޮރާއްޓާ ހިސާބުގައި މިސްކިތުގެ ދެ ފަރާތަށްވާ ގޮތަށް ދެ ދާލަ ހުއްޓެވެ. އެތަނުގައި ކުރިން ތަޅުންގަނޑު އަޅާފައި އޮތީ އުއައިންނެވެ. ފަހުން މިސްކިތް މަރާމާތު ކުރި އިރު އެ ދާލަ ނަގާ ދާލައިގެ ބަދަލުގައި މިސްކިތުގެ އިރުމަތިފަރާތަށް ވަނީ ފެންޑާއެއް ލައިފައެވެ.

އެތަނުގައި 2002 ގައި ޓިނު ޖަހާ، 2003ގައި މުށި ޖެހުމަށް ފަހު ވަނީ މަރާމާތުކޮށްފައެވެ. މިހާރުގެ ފެނަކަ އޮފީސް ކައިރީގައި ހުރި މި މިސްކިތަކީ ރަށު ރައްޔިތުންނާ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅި ލާމެހިފައިވާ ތަނެކެވެ. ހަމަބިމުން ފެށިގެން ދޮޅު ފޫޓު މައްޗަށް ވާގޮތަށް ބިނާކޮށްފައި، ހުރި މި މިސްކިތް މިހާރު ފެންނަން ހުރި ގޮތާއި އެންމެ ފުރަތަމަ މިސްކިތް އެޅި އިރު ހުރި ގޮތާއި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުއްޓެވެ. އެ މިސްކިތް މިހާރު ފެންނަން ހުރި ގޮތަށް ބަލާނަމަ ދެ ފަރާތަށް ވާ ގޮތަށް ދޮރުތަކެއް ހުރި އިރު، ފަރާތެއްގައި ހަ ދޮރު އެބަހުއްޓެވެ. އެ ދޮރުތަކަކީ ކުރީގެ ދޮރުތައް ހުރިގޮތަށް ނަކަލުކޮށްފައި ހުރި ދޮރުތަކެކެވެ. ބައެއް ދޮރުތައް ހުރީ ކުޑަދޮރުތަކެއް ގޮތަށް ފަރުމާކޮށްފައެވެ. އެތަނުގެ މެދަށްވާ ގޮތަށް ހުރި ހަ ތަނބު އެބަ ހުއްޓެވެ. އަދި މިހާރުވެސް ގެޔޮގަނޑެއް އެ މިސްކިތުގެ ސީލިންގެ އެތެރޭގައި މިހާރުވެސް އެބަހުއްޓެވެ. އެ މިސްކިތުގެ ބޭރަށް ވާގޮތަށް ފެންޑާއެއް ވެސް އެބަހުއްޓެވެ.

ހއ. މޮޅަދޫގައި ރައްޔިތުން އަޅާފައިވާ މިސްކިތުގައި ހުރި ވަގުތު ގާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެތަން އެކަށީގެންވާ ހިމާޔަތެއް ނެތި ދޫކޮށްލުމަކީ ތާރީހަށް ވެވޭ ބޭއިންސާފެއް ކަމަށް މުހައްމަދުބެ ގަބޫލުކުރައްވައެވެ.

މިރަށު ދުވަސްވީ މީހުން ބުނާ ގޮތުން އެ މިސްކިތަކީ ރައްޔިތުންގެ ބުރަ މަސައްކަތުން އެޅި ތަނަކަށް ވުމުން އެއީ ރަށު ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ފެންނަ ރަމްޒެކެވެ. އަދި އެތަނަކީ އެ ރަށު ރައްޔިތުންގެ ޖަޒުބާތުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. އެހެންކަމުން އެތަން ހިމާޔަތްކޮށް މާދަމާގެ ޖީލަށް ވާސިލްކޮށްދިނުމަކީ ރަށު ރައްޔިތުންނާއި ކައުންސިލުން އެދޭ އެދުމެކެވެ.

މި މިސްކިތް ބޭނުން ކުރުން ހުއްޓާލީ 2013 ގައި އެ ރަށުގައި މިސްކިތް އެޅުމާ ހިސާބުންނެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން އެ މިސްކިތުގައި އަނެއްކާވެސް ނަމާދުކޮށްފައިވެއެވެ. އެގޮތުން އޭރު އެތަނުގައި އަޅާފައި އޮތް ކާޕެޓް ނެގުމަށް ފަހު އެ ތަން ސާފުކޮށްގެން އެ މިސްކިތުގައި އެ ރަށުގެ މީހުން ވަނީ ނަމާދުކޮށްފައެވެ. އެތަނުގައި މީހުން ފެން ބޯން އަދި ވުޟޫކުރަން ބޭނުން ކުރި ދެ ވަޅު ހުރި އިރު 2000ގެ އަހަރުތަކުގެ ތެރޭގައި އެ ވަޅުތައް މަރާމާތުކޮށްފައިވެއެވެ. އޭރު އެ ވަޅުތައް ކޮންމެވެސް ވަރަކަށް ވަނީ އުސްކޮށްފައެވެ. މީގެ އިތުރުން އެ މިސްތުގައި ފައިދޮންނަ ހިރި އަކާއި ވަގުތު ގަލެއް ވެސް އެބަހުއްޓެވެ. އެ ތަނުގައި ސިމެންތިން އަޅާފައި ހުރި ތާނގީތަކެއްވެސް އެބަހުއްޓެވެ. ބުނެވޭ ގޮތުން އެއީ 1985ގައި ބިނާ ކުރި ތާނގީތަކެކެވެ.