ރ.ކަނދޮޅުދޫ އަށް އުފަން އަދި އެއް އަހަރާއި ހަތަރު މަހުގެ ޔޫސްފް ޙާމިދުއުފަންވީއްސުރެ ތަހައްމަލް ކުރަން މަޖުބޫރުވެފައިވަނީ ވަރަށް ތަފާތު ދިރިއުޅުމެކެވެ. އެ އުމުރުގެ އެހެން ކުދިންނާ ހިލާފަށް ޔޫސުފަކަށް ބޭރަށް ނުކުމެ ދުވެ ސަކަރާތް ޖަހާލުމުގެ ފުރުސަތެއް ނުލިބެއެވެ.

"ޔޫސުފް ދުނިޔެއަށް އުފަންވިތާ 12 ދުވަސް ފަހުން އެނގުނީ އާދަޔާ ހިލާފަށް ޔޫސުފްގެ ބޯ ބޮޑުވާކަން. ދުވަސްވާވަރަކަށް ޔޫސުފްގެ ބޯ ދިޔައީ ބޮޑުވަމުން. ޑޮކްޓަރުން ބުނަނީ ދަރިފުޅުގެ ބޯ ބޮޑުވަނީ ބޮލަށް ފެން އެޅިގެން ކަމަށް" ވަގުތަށް މައުލޫމާތު ދެމުން ޔޫސުފްގެ މަންމަ އައިޝަތު އާސިދާ ބުންޏެވެ.

ޔޫސުފް އަކީ ދުވަސްނުފުރާ ހަތް މަހުގައި ސީސެކްޝަން ހަދައިގެން ނެގި ކުއްޖެއް ކަމަށް އޭނާގެ މަންމަ އާސިދާ ބުންޏެވެ. އުފަންވިއިރުވެސް ޔޫސުފް އަކީ ހަރަކާތެއް ނެތުމުގެ ސަބަބުން ދިރިހުންނާނެ އެއްވެސް އުންމީދެއް އޮތް ކުއްޖެއް ނޫން ކަމަށް ޑޮކްޓަރުންނާ ހަވާލަދީ އާސިދާ ބުންޏެވެ. އަދި ފުރަތަމަ މަހުގައި ވެސް އެތައް ފަހަރެއްގެ މަތިން ޔޫސުފްގެ ގަޔަށް ލޭ އަޅަން ޖެހުނު އިރު ޔޫސުފަށް ދޮޅު މަސް ދުވަސްވަންދެން ހޮސްޕިޓަލުގެ ބޭބީ ނާސަރީގައި ބާއްވައިގެން ވަނީ ފަރުވާދީފައެވެ.


އުފަންވީއްސުރެ މިހިސާބަށް އަންނަންދެން ޔޫސުފަށް އަބަދުވެސް އަންނަނީ ގަވައިދުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ. ޔޫސުފަށް ބޭނުންވާ ފަރުވާ އޭނާގެ ރަށުން ނުލިބުމުން މާލެއަށް އަދި ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދެމުންދާއިރު މިހާރުވެސް އާއިލާއިން ތިބީ ޔޫސުފްގެ ފަރުވާއަށް މާލޭގައެވެ.

އާސިދާ ބުނީ މިހާތަނަށް ޔޫސުފްގެ ބޮލުގެ ގިނަ އޮޕަރޭޝަންތަކެއް ކުރެވިއްޖެކަމަށާއި އެގޮތުން އޭޑީކޭ އިންނާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުންވެސް ޔޫސުފްގެ ބޮލުގެ އޮޕަރޭޝަން ކޮށްފައިވާކަމަށެވެ.

"އެންމެ ފުރަތަމަ ޔޫސުފްގެ ބޮލުގެ އޮޕަރޭޝަން ކުރީ ޔޫފުސް އުފަންވިތާ އެއްމަސްފަހުން. އެފަހަރު އޭޑީކޭއިން ޑރ. އަލީ ނިޔާފް އެ އޮޕަރޭޝަން ކުރީ. އެފަހަރު ބޮލުގައި ފެންބޭރުކުރުމަށް ހޮޅިކޮޅެއްވެސް ލެއްވި. އަދި ސިރިންޖެއް ބޭނުންކޮށްގެން އޭރު ފެންބޭރުކުރަމުންދިޔައީ. ރަނގަޅުވާހެން ހީވެ ދުވަސްކޮޅެއް ފަހުން އަނެއްކާ ބޯ ބޮޑުވާން ފެށުމުން އިތުރު އޮޕަރޭޝަނެއް ކުރެވުނު. އަދި އިތުރު ހޮޅިކޮޅެއްވެސް ލެއްވި" އާސިދާ ކިޔައިދިނެވެ.

ޔޫސުފްގެ އިތުރުން ފަސް އަހަރުގެ ކުއްޖެއް އާސިދާ އަދި އޭނާގެ ފިރިމީހާގެ ހުރެއެވެ. ފަރުވާގެ ކަންކަމުގައި އުޅެން ޖެހުމުގެ ސަބަބުން މި ދެމެފިރިންވެސް ތިބެންޖެހެނީ ވަޒީފާ ދޫކޮށްލާފައި މާލޭގައެވެ. އަދި މިހާރު ހަތަރު މަސްފަހުން އިތުރު އޮޕަރޭޝަނަކަށް އިންޑިއާއަށް ދާންޖެހިފައިވާތީ އާއިލާއިން އެދެނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށެވެ.

ޔޫސުފްގެ ބައްޕަ، ޙާމިދު މުޙައްމަދު(A220035)

އެކައުންޓް ނަން: ޙާމިދު މުޙައްމަދު

އެކައުންޓް ނަންބަރ: 7730000271943

ފޯން ނަންބަރ: 7367630، / 7685280

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސަ

    އިނޝާﷲ މި މައުސޫމް ކުއަޖާއަށް ހެޔޮރަހްމަތްލައްވައި، އަވަސް ޝިފާއެއް މިންވަރުކުރައްވާށި އަމީން

    109
    1
  2. މާހިރާ

    2004 ޑިސެމްބަރ ގައި ސުނާމީ އަރައިގެން ކަނދޮޅުދޫ އޮތީ ފަޅުވެފައި. އެކަމަކު މި ޔޫސުފު އުފަން ރަށަކީ، ކަނދޮޅުދޫ. ސަރުކާރުން މިކަން އިސްލާހު ކުރާކަށް އަދިވެސް ނޫޅޭ؟

    22
    1
  3. މެޒީ

    އިނޝާﷲ މި މައުސޫމް ކުއަޖާއަށް ހެޔޮރަހްމަތްލައްވައި، އަވަސް ޝިފާއެއް މިންވަރުކުރައްވާށި އަމީން

    .