އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ފަލަސްތީނުގެ ދިރުން ވަނީ ނެތިގޮސްފައެވެ. ތުއްތު ކުދިންނާއި އާއިލާތައް ވަކިވެ ކުދިން ޔަތީމުވެ ބިކަވެއްޖެއެވެ. ހަނގުރާމައިގައި ސަލާމަތްވި މީހުންވެސް ދުނިޔޭގައި ތިއްބަސް އެމީހުންގެ ދުނިޔެ ބަނަވެއްޖެއެވެ. ގިނަ ބައެއްގެ ގެތަކާއި ބައެއް މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިގެން ގޮސްފައެވެ. ރޭގަނޑުގެ ހަމަ ނިދި ނުލިބި ޣައްޒާގެ ބައެއް ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ރޮކެޓު ހަމަލާތަކުގެ އަޑުން މުޅި ޣައްޒާ އޮންނަނީ ގުގުމާލާފައެވެ.

ޣައްޒާގައި ހާލުގައިޖެހިފައިތިބި އާއިލާގެ ތެރެއިން އާއިލާއަކުން ސިފަކުރާ ގޮތުގައި އެމީހުން ދަނީ ކޮންމެ ދުވަހަކު މަޑުމަޑުން މަރުވަމުންނެވެ.

އެ އާއިލާއަށް ކަންތައް ވީ ގޮތް

އޮކްޓޯބަރު 13 ވީ ހުކުރު ދުވަހު އިސްރާއީލުން ގެއިން ބޭރަށް ނުކުތުމުގެ އަމުރާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ވައުދުތަކާ ގުޅިގެން އާއިލާތައް ދެކުނަށް ދަތުރުކުރަމުން ދިޔައިރު، ޣައްޒާއިން ފުރި އުޅަނދުތަކަށްވެސް ވައިގެ ހަމަލާތައް ދިނެވެ. އެ ވައިގެ ހަމަލާތަކުގައި މަދުވެގެން 70 މީހުން ޝަހީދުވިއެވެ.

ޣައްޒާގެ އުތުރާއި ދެކުނު ގުޅުވައިދޭ މައި ހައިވޭ ކަމަށްވާ ސަލާހު އަލް ދީން މަގުން ޣައްޒާ ދެކުނަށް ދަތުރުކުރި ފަލަސްތީނުގެ އެތައް ބައެއްގެ ތެރޭގައި އަބްދުއްރަހްމާނާއި އޭނާގެ އާއިލާ ހިމެނެއެވެ. އަބްދުއްރަހްމާން އައްމާރު ބުނާގޮތުން އިސްރާއީލުން ދެމުން ގެންދާ ރޮކެޓް ހަމަލާތަކުން ސަލާމަތްވުމަކީ މުއުޖިޒާތެއްފަދަ ކަމެކެވެ.

"އެ ވައިގެ ހަމަލާއިން ސަލާމަތްވުމަކީ މުޢުޖިޒާތެއް ފަދަ ކަމެއް،" ފަސް ކޮއްކޮ އާއި މައިންބަފައިންނާ އެކު އެވަގުތު ކާރެއްގައި އިން އަބްދުއްރަހްމާން އައްމާރު ބުންޏެވެ.

އުުމުރުން 26 އަހަރުގެ އެ ޒުވާނާ ބުނި ގޮތުގައި ޣައްޒާގެ މުޅި މަގުމަތިން އެކި ދިމަދިމާލުން ފެންނަނީ ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ. އެ މަންޒަރު ފެނުމުން ބިރުން ހިތް ފަޅައިގެންދާ ވަރުވާ ކަމަށާއި ހީވަނީ އެމީހުންގެ ވެސް ވަގުތު ޖެހިއްޖެހެން ކަމަށް އަބްދުއްރަހްމާން ވަނީ ބުނެފައެވެ.

"ހަމަލާއަށްފަހު އަޅުގަނޑުމެންނަށް ފެނުނީ މުޅި މަގުމަތިން ހަށިގަނޑުތައް އެކި ދިމަދިމާއަށް އެތުރި، ފަޅައިގެން ގޮސްފައި ހުރިތަން. އަހަރެމެންނަށް ހީވީ އަހަރެމެންވެސް މަރުވާންވީ ވަގުތު ޖެހިއްޖެހެން.".އޭނާ ބުންޏެވެ.

އަބްދުއްރަހުމާންގެ ކޮއްކޮ ސަނާ ކިޔައިދިން ގޮތުގައި ފާޚާނަކުރާނެ ގޮތެއް، ކާނެ އެއްޗެއް ނުލިބޭތާ ބޯނެ ފެންފޮދެއްވެސް ނުލިބެއެވެ. އޭގެއިތުރުން ނިދާނެ ތަނާއި ބޭނުންވާ އެހެނިހެން ސާމާނު އެއްގޮތަކަށްވެސް ނުލިބޭ ކަމަށް 25 އަހަރުގެ ސަނާ ކިޔައިދިނެވެ.

ގެޔާއި ގެދޮރު ހަލާކުވުމުން ގިނަ މީހުން ނިދީ ސްކޫލްތަކުގައެވެ. އެތާނގަވެސް މީހުން ތިބެނީ ތޮއްޖެހިފައެވެ. ރޭގަނޑުވެސް މިސައިލާއި ގޮވުންތަކުގެ އަލިން މުޅި ޣައްޒާގެ މަގުތައް ވަނީ އަލިވެފައެވެ. ސްކޫލުގައި ޖަމާވެފައި ތިބި އާއިލާތަކުގެ ހަޅޭކުގެ އަޑުތައް ވެސް އެހާމެ ގަދައެވެ. ނިދާލެވެނީ މަދު ބަޔަކަށެވެ.

އަބްދުއްރަހުމާނު ބުނިގޮތުގައި އިރުއަރަންދެން ސަލާމަތާއި ރައްކާތެރިކަމަށް އެދި އެމީހުން ތިބެނީ ނުނިދާ ހޭލާ ދުއާ ކުރާށެވެ.

ޣައްޒާގެ ދެކުނަށް އެންމެ ފުރަތަމަ ފިލައިގެން ދިޔަ މީހުންގެ ތެރޭގައި އައްމާރު އާއިލާ ހިމެނެއެވެ. އެކަމަކު ހިޔާގައި މަދު ދުވަސްކޮޅަކު ތިބުމަށް ފަހު ބޮން ގޮއްވާލުން ކައިރިވަމުންދާތީ އާއި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ނެތުމުން ބިރުގަނެ، ޣައްޒާގައި ހުންނަ އެ މީހުންގެ ގެއަށް އެނބުރި ދިއުން ނޫން ގޮތެއް ނެތް ކަމަށް އެމީހުންނަށް ހީވިއެވެ.

ފުރަތަމަ ދަތުރު ފެށީ ހިނގާފައެވެ. އެގޮތަށް ހަ ކިލޯ މީޓަރަށް ހިނގި ފަހުން އެ އާއިލާއަށް ޓެކްސީއެއް ލިބުނެވެ.

އެ ޓެކްސީގައި އިނދެގެން އެ އެންމެންގެ ބައްޕަ ބުނީ "އެދުވަހު ޓްރަކުގައި ތިބި މީހުންނަށް ދިމާވި ފަދައިން ވައިގެ ހަމަލާއެއް ދީފިނަމަ ކިހިނެއް ހެއްޔެވެ؟"

އެހެން ބުނުމާއެކު އޭނާގެ އަންހެނުންނާއި ދަރިން ތިބީ ހިމޭނުންނެވެ.

އެހެން ހުރެފައި އުމުރުން ވިއްސަކަށް އަހަރުވެފައިވާ ވާލާ ބުނީ "ދެން އަހަރެމެން އެންމެން މަރުވާނެ ކަމަށް. އެއީ އެހާ ސިމްޕަލް ކަމެއް.".

"އެއީ މާ ރަނގަޅު ކަމެއް، ބަނޑުހައިހޫނުކަމެއް ނެތް، ފިނިކަމެއް ނެތް، އަދި އެއަށްވުރެ ވެސް މުހިންމު، ބިރެއް ނެތް.".

ބަނޑުހައި ހޫނުކަމާއި ކަރުހިއްކުމުގައި ކޮންމެ ދުވަހަކުވެސް އެތައް ތަކިލީފެއް އުފުލަން ޖެހޭ ކަމަށާއި ކޮންމެ ދުވަހަކުވެސް މަޑުމަޑުން މަރުވަމުންދާ ކަމަށް އޭނަގެ އާއިލާއިން ވަނީ ބުނެފައެވެ. އެދުވަހުން ދާއިމީ ހަމަޖެހުމެއް ލިބި އަރާމުގައި އުޅެވޭނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އެގައުމުގެ ދެކުނުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، އެ ހަމަލާގައި ޣައްޒާގައި މަދުވެގެން 6،000 އަށްވުރެ ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު އެހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

2.3 މިލިއަން މީހުން ދިރިއުޅެމުންދިޔަ އެ ބިމުގައި ގާތްގަނޑަކަށް 1 މިލިއަން މީހުން މިހާރު ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

މި ކާރިސާގެ ސަބަބުން ޑީސެލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތްތައް ހުއްޓި، ކަރަންޓުގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެން ޕަމްޕް ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިކަމުގެ ސަބަބުން ނަރުދަމާ އާއި ކަނޑުގެ ފެނުން ތަޣައްޔަރުވެފައިވާ ލޮނު ފެން ބުއިމަށް ބައެއް މީހުންނަށް މަޖުބޫރުވެފައިވާއިރު އަނެއް ބަޔަކު ދަނޑުގެ ވަޅުތަކުން ފެން ބޭނުންކުރަން ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާ އަށް އިސްރާއިލުން ދޭން ފެށި ހަަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ވެސް އަދި ކޮށްފައި ނުވާއިރު އިސްލާމީ ބޮޑެތި ގައުމުތަކުގެ ލީޑަރުން މި ކަމާމެދު އެއްޗެއް ވިދާޅު ނުވެ ތިބުމަކީ ވެސް ހިތާމަ ހުރި ކަމެއް ކަމަށް ގިނަބަޔަކު ދެކެއެެވެ. ޣައްޒާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ޣައްޒާގެ ރައްޔިތުން ތިބީ އިންސާނީ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ހާލުގައި ޖެހިފައިވާ އާބާދީ ތަކަށް މިފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް ބޭނުންވެއެވެ.