ފަލަސްތީނުގެ ޣައްޒާގެ ހާލަތަކީ މިއީއެވެ. މަރުގެ ހަބަރު ލިބޭނީ ކޮން ގަޑިއެއްގައި ކިހިނެއް ކަމެއް ނޭނގެއެވެ. މުޅި ޣައްޒާ ގުގުމާލާފައި ވަނީ ރުއިމާއި ހަޅޭކުގެ އަޑުންނެވެ. ބާރުގަދަ ވަޒަންތަކާއި ކަންފަތް ފަޅައިގެންދާވަރުގެ ބާރު އަޑާއެކު އެ އަޅާ ބޮންތަކުގެ އަޑުންނެވެ. ޣައްޒާގައި ވަކި ރައްކާތެރީ ކޮން ތަނެއް ހެއްޔެވެ؟، ޣައްޒާގެ އެތަންމިތަނަށް ބޮން އަޅަމުންދާއިރު، ތިމާއާ ހަމައަށް އެ ހަމަލާ އަމާޒުވާނީ ކޮން ވަގުތެއް، ކިހިނެއް ކަމެއް ނޭނގޭ ހާލުގައި ޣައްޒާގެ އެތައް ހާސް ރައްޔިތުންތަކެއް އެ ދަނީ ދިރިއުޅެމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ދޭ ހަމަލާތައް ރޭގަނޑު އެތައް ގުނަޔަކަށް އިތުރުވަމުންދާއިރު، އެތަން މިތަނަށް ބޮން އަޅަމުން ދަނީ ބަލާލުމެއް، ނެތިއެވެ. މުޅި ޣައްޒާ ދަނީ ފަނާވެ ސުންނާފަތިވަމުންނެވެ. އެއިން ކޮންމެ ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއެވެ.

އެ ބިރުވެެރި ކަންމަތީގައި ކުދިބޮޑު އެންމެންވެސް ދަނީ އުޅެމުންނެވެ.

ރޭވެސް ޣައްްޒާގެ އެތަން މިތަނަށް ބޮން އަޅާ އެތައް ބަޔަކު ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ޑޮކްޓަރެއްގެ އާއިލާ ހިމެނެއެެވެ.

އެއީ ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލްގެ ހެޑް އޮފް ސާޖަރީ ޑރ. މުހައްމަދު އަލް ރަންގެ އާއިލާއެވެ.

އިންޑޮނޭޝިއާ ހޮސްޕިޓަލަކީ އުތުރު ޣައްޒާގެ ގަވަރުނަރޭޓްގެ ބައިތު ލަހިއާގައި ހުންނަ ހޮސްޕިޓަލެކެވެ.

ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް

ގުދުސް ނެޓްވޯކްއިން ބުނީ، ޔަހޫދީން ދިން ވައިގެ ހަމަލާތަކެއްގައި އެ ޑޮކްޓަރުގެ އާއިލާގެ އެންމެން ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލުން ގެންދަނީ ޑޮކްޓަރުންނާއި ނޫސްވެރިންގެ އާއިލާތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

ގުދުސް ނެޓްވޯކް އިން ވަނީ އެ ހާދިސާ ހިނގި ވަގުތު ޑޮކްޓަރަށް ލިބިގެންދިޔަ ފޯނު ކޯލްގެ މަންޒަރުގެ ވީޑިއޯ ހިއްސާ ކޮށްފައެވެ.

އަސަރު ގަދަ ވީޑިއޯއެއް، އާއިލާގެ މަރުގެ ހަބަރު ލިބުނީ ހޮސްޕިޓަލުގައި ހުއްޓާ

ފަލަސްތީނުގެ އެތައްް ސިއްހީ ހިދުމަތްތެރިންގެ މަސައްކަތްތައް އެހާމެ ބުރައެވެ. ކޮންމެ ދުވަހަކު ގެނެވޭ އެތައް ބަޔަކަށް ފަރުވާ ދިނުމައި ސިއްހީ ހިދުމަތްތެރިން ދަނީ ރެއާ ދުވާލު މަސައްކަތް ކުރަމުންނެވެ. ފުރާނަ އަތްމައްޗަށް ލައިގެން ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުން ދަނީ މި ބިރުވެރިކަމުގެ ނިމޭނެ ދުވަހެއް ދައްކަވާތޯ ދުއާ ކޮށްލަކޮށްލާ ތިބެގެންނެވެ. މިކަމުން މިންޖުވެ ސަލާމަތުން ގެއަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ. އާއިލާ ހެޔޮ ހާލުގައި ލައްވާތޯ ދުއާ ކޮށްލާކޮށްލާ މަސައްކަތުގައި އުޅޭ ސިއްހީ ހިދުމަތްތެރިން މަދެއް ނޫނެވެ.

އާއްމުކޮށް ސިއްހީ ހިދުމަތްތެރިން އެންމެ ބުރަކޮށް މަސައްކަތް ކުރާނެ ދުވަސްވަރަކީ ކާރިސާއެއް ކުރިމަތިވެގެން އުޅޭ ދުވަސްވަރެވެ. ގިނައިރު ނުނިދާ އާއިލާ އާ ދުރުގައި ސިއްހީ ހިދުމަތްތެރިން ތިބެނީ މަސައްކަތުގައެވެ. ގައުމީ ހިދުމަތުގައެވެ.

ޑރ. މުހައްމަދު އަލް ރަންވެސް މި ދުވަސްވަރު އުޅެމުން ގޮސްފައި އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގައެވެ. ބުރަބޮޑު މި ދުވަސްވަރުގައި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އޭނާ އުޅެމުން ދަނިކޮށް ރޭ ދަންވަރު ލިބުނު ހަބަރަކީ ޔަހޫދީންގެ ހަމަލާއެއްގައި އޭނާގެ މުޅި އާއިލާ ޝަހީދުކޮށްލި ހަބަރެވެ.

އާއިލާ ޝަހީދުކޮށްލި ހަބަރު ޑޮކްޓަރަށް ލިބުނު ވަގުތުކޮޅު

އެ ހަބަރު އަޑުއިވުނު އޭނާގެ މޫނު މަތިން ފެނިގެން ދަނީ ހިތާމައިގެ ކުލަވަރެވެ. ކިތަންމެ ހިތްވަރެއް ދައްކަން މަސައްކަތް ކުރި ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން އޭނާ ހުރީ ގޮތްހުސްވެފައިކަން އެނގެއެވެ.

ޑޮކްޓަރު އެވަގުތު ހުރީ ހޮސްޕިޓަލުގައެވެ. ކައިރީގައި އެހެން ޑޮކްޓަރުންނާއި ބައެއް އާއްމުންވެސް ފެނިގެން ދެއެވެ. އޭނާ ހުރީ މީހަކަށް ގުޅައިގެންނެވެ. ބެލެވޭގޮތުގައި އާއިލާ ޝަހީދުވި ހަބަރު ދިން ވަގުތަކީ އެއީއެވެ. އޭނާގެ މޫނު މަތިން ހިތާމައިގެ ކުލަވަރު ފެންނަމުންދާއިރު، ކައިރީގައި މީހަކު ގިސްލަގިސްލާގައި ރޯއަޑު އިވެމުން ދެއެވެ. ކައިރީގައި ތިބި މީހުން އޭނާގެ ގައިގައި އަތްލާފައި ދިޔައީ ހިތްވަރު ދެމުުންނެވެ.


ފޯނު ކޯލު ނިންމާލުމަށްފަހު އޭނާ އެތަނުގައި ތިބި މީހުންނާއި ވާހަކަދައްކައެވެ. އަދި ކައިރީގައި ތިބި މީހުން އޭނާގެ ގައިގައި ބައްދާލައެވެ. ކައިރީގައި އެކަކު އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާލައެވެ. ބެލެވޭގޮތުގައި އެއީ އާއިލާ މީހެކެވެ. އިވެނީ އޭނާ ރޯ އަޑެވެ. އަދި ޑރ. މުހައްމަދު އަލް ރަންވެސް އޭނާއަށް ހިތްވަރު ދޭ މަންޒަރު ފެނިގެން ދެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެެވެ. މިގޮތުން މިހާތަނަށް 6،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.