އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި ފަލަސްތީން ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައަކީ އެތަނުގެ މަންޒަރު ތަޖުރިބާ ނުކުރާ ފަރާތްތަކަށް، އެތަނުގެ ރައްޔިތުންގެ އިހުސާސް މާ ބޮޑަކަށް އެނގޭނެ ހަނގުރާމައެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ އިސްރާއީލް ސިފައިން ނަގާލާއިރު، އެދެވެނީ މުސްލިމުންނަށް ވަރަށް ބޮޑު އަނިޔާއެކެވެ.

ހަނގުރާމައަށް 21 ދުވަސް ވެފައިވާއިރު، ހަނގުރާމައިގެ ފުރަތަމަ ކޮޅު، އިސްރާއީލުން ނުދޭ ވަރުގެ ހަމަލާތަކެއް މިހާރު އެފަރާތްތަކުން އަންނަނީ މުސްލިމުންނަށް އަމާޒުކޮށް ދެމުންނެވެ. އެގޮތުން ބަލާއިރު، ފުރަތަމަކޮޅު، އާންމުން ދިރިއުޅޭ ގެތަކަށް ބޮން އަޅާއިރު، އެންމެ ފުރަތަމަ ވެސް ކުޑަ ބޮމެއް ވައްޓާލަނީ އިމާރާތުގެ މައްޗަށެވެ. އެއީ އިމާރާތް ހުސް ކުރުމަށްދޭ އިންޒާރެކެވެ. އެއިންޒާރަށްފަހު، ވަކި ވަގުތަކަށް ބެލުމައް ފަހު އިމާރާތް ބިމާ ހަމަކޮށްލަނީއެވެ.

ނަމަވެސް މިހާރު އެކަން އެގޮތަށް ވެސް ނުކުރެވެއެވެ. މިހާރު އެމީހުންގެ ކަންތައް ހައްދުފަހަނަ އަޅައި ގޮސްފިއެވެ. މުސްލިމުންގެ ލެއަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ހަދައި، ބެލުމެއް ނެތި އިމާރާތުގައި ބަޔަކު ތިއްބަސް ނެތަސް، ބިމާ ހަމަކޮށްލަނީއެވެ. މިފަދަ ވާހަކަތަކަކީ ކިޔައިދިނުމުން ސިފަވެދާނެ ވާހަކަތަކެއް ނޫނެވެ. އެކަން ރަނގަޅަށް ސިފަވެ، ހިތަށް އަސަރު ކުރާނީ މަންޒަރު ފެނި، އެތަނުގެ މީހުންގެ ހިތުގެ އުދާސްތައް އަޑުއިވުމުންނެވެ.

އިސްރާއީލުން މިހާރު ދެމުން އަންނަ ހަމަލާތައް މެދުކެނޑުމެއްނެތި ރެއާއި ދުވާލު ދެމުން އަންނައިރު، މިއަދު ހެނދުނު ވެސް އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ ދެކުނު އޮންނަ ރަފާހް ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި 12 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިހަމަލާތަކުގައި ޝަހީދުވެފައިވަނީ ސީދާ ކޮންބައެއް ކަމާއި އެމީހުންގެ ތަފްސީލެއް އަދި އާންމުވެފައެއް ނުވެއެވެ. ނަމަވެސް އެކި ކަހަލަ ވީޑިއޯތައް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އިމާރާތްތަކަށް މިސައިލް ހަމަލާތައް އަމާޒު ކުރާ ވީޑިއޯތަކާއި ޝަހީދުވެފައިވާ މީހުންގެ ހަށިތައް 'ސްޓްރެޗަރ" ތަކަށް ލައިގެން ގެންދާ މަންޒަރު ފެނިގެންދެއެވެ. އެފަދަ ވީޑިއޯތަކުގެ އިތުރުން ދެން އާންމުވެގެން ގޮސްފައިވަނީ ތުއްތު ކުދިން އެމީހުންގެ މަންމަ/ބަައްޕަ ޝަހީދުވުމުން ރޯ މަންޒަރު ފެންނަ ވީޑިއޯތަކެވެ.

ފަލަސްތީނުގެ ކުޑަކުދިންތަކެއް-- ފޮޓޯ: އޭއެފްޕީ

އޭގެއިން އެއް ވީޑިއޯއަކަށް ބަލާނަމަ ބަލާލަން ޖެހެނީ މިއަދު ހެނދުނު ޔަހޫދީން ދިން ހަމަލާގައި ޝަހީދުވި މަންމައެއްގެ ދަރިއަކު ކަރުނަ އަޅާ ރޯ މަންޒަރު ފެންނަ ވީޑިއޯ އަށެވެ.

އެވީޑިއޯއިން އެކުއްޖާގެ މަންމަ "ސްޓްރެޗަރ" އަކަށް އަރުވައިގެން ސިއްހީ ހިދުމަތްތެރިގެން ގެންދާއިރު، އެކުއްޖާ ދިޔައީ "ސްޓްރެޗަރ"ގެ އެއް ފަޅިއެއްގައި ހިފައިގެން "މަންމަ މަރު ނުވާ ކަމަށް ބުނޭ މަންމާ...." މިފަދައިން ކިޔައި ރޮމުންނެވެ. މިއީ އަޑު އަހައިލަން ވެސް ހިތަށް ތަދުވި މަންޒަރެކެވެ.

އެއްވެސް ބަޔަކަށް އެކުއްޖާއަކީ އެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ކަމެއް ވެސް ނޭނގެއެވެ. އެކަނިވެރި މަންމައެއް ކަމެއް ނޭނގެއެވެ. ކުއްޖާގެ މުސްތަގުބަލަކީ ދެން ކޮބައިކަމެއް ވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޔަހޫދީން އެކުއްޖާގެ މަންމަ ޝަހީދުކޮށްލާފައިވާކެމެވެ.

މިއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. އާބާދީގައި 5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ފަލަސްތީނަށް އިސްރާއީލުން ދެމުން އެ ގެންދާ ހަމަލާތަކުގައި މިފަދަ ކިތައް މަންޒަރު ފެންނާނެތޯއެވެ. އެފަދަ ކިތައް ކުދިންގެ އާއިލާ މި ދުނިޔެ ދޫކޮށް ގޮސްފާނެތޯއެވެ. މިއީ ދުރުގައި ތިބޭ މީހުންގެ ހިތަށް ވެސް ނުގެނެވޭނެ ފަދަ ވާހަކަތަކެވެ. އެގައުމުގެ ހެލްތް މިނިސްޓްރީން އާންމު މައުލޫމާތުން އެނގޭ ގޮތުގައި މި ހަނގުރާމައިގެ ތެރޭގައި 7،000 އަށްވުރެ ގިނަ މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އާއިލާތަކުގެ އެންމެން ޝަހީދުވެފައިވާ އާއިލާތައް ވެސް ހިމެނެއެވެ. މިއީ ޔަހޫދީ ނުލަފާ ދައުލަތުން ހިންގާ އިންސާނީ ނަސްލެއް ނައްތާލުމުގެ ނުބައި ޖަރީމާ އެއް ނޫން ދެން ކޯއްޗެއްތޯ އެވެ.

ފަލަސްތީނުގެ ކުޑަކުއްޖެއް-- ފޮޓޯ: އޭއެފްޕީ

ހަމަލާތަކަށް ހުއްޓުމެއް ނާންނައިރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދަތި ކުރުމުގެ ފިޔަވަޅު ވެސް އަޅަނީ އިންސާނަކަށް ކެތް ކުރެވޭ ވަރަކަށް ނޫނެވެ. ބޭހާއި، ކާ ބޯތަކެތި ވެއްދުން ލިމިޓްކޮށް، ވެއްދޭނެ ބައެއް މަގުތައް ބަންދުކޮށް، ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނު ގެއަށް ބޭނުންވާ ތެޔޮ ލިބުން ވަނީ ހުއްޓުވާފައެވެ. އެކަމުގެ ސަބަބުން ޒަހަމްވެފައިވާ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެވުމަށް ވަނީ ޑޮކްޓަރުންނަށް ނުކުޅެދިފައެވެ. އަލިކަމެއް ނެތް ހޮސްޕިޓަލްތަކުން ފެނިގެން ދަނީ ޑޮކްޓަރުންނާއި ނަރުހުން ފޯނުގެ ފްލެޝް ލައިޓުން އަލިކޮށް، ބަލި މީހުންނަށް ފަރުވާދޭ މަންޒަރެވެ. މިއީ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާ ވެސް ހިލާފް ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކެވެ. ނަމަވެސް ޔަހޫދީ ނުލަފާ ދައުލަތަކީ އެއްވެސް ބައިނަލްއަޤްވާމީ މުއާހަދާ އަކަށް ކިޔަމަންވާ ބައެއް ނޫނެވެ. އެއަށްވުރެ ނުބައި ޖާހިލު ބަޔެކެވެ. އިންސާނީ ކަރާމާތައް އެއްވެސް ވަރެއްގެ އިހްތިރާމެއް ކުރާ ބައެއް ނޫން ކަން މިހާރު ކުރިއަށް ގެންދާ ޖަރީމާތަކުން ވެސް މުޅި ދުނިޔެއަށް އެ ވަނީ ފެނި ސާބިތުވެ ފަޟީހަތްވެފައެވެ.

މިކަން މިހެން އޮތްއިރު، އެންމެން ވެސް ކަންބޮޑުވާ އެއް ކަމަކީ މަންޒަރު ފެންނަ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ފިޔަވަޅެއް ނާޅާތީއެވެ. އަދި އެމެރިކާ ފަދަ ދުނިޔޭގައި ސުލްހަ ޤާއިމުކުރުމަށް މަސައްކަތް ކުރާ ކަމަށް ދައުވާ ކުރާ ޤައުމުތަކުން ދަނީ މެދު ނުކެނޑި އިސްރާއީލަށް އިތުރު ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެންމެން ވެސް އިއްތިފާގުވާ އެއް ކަމަކީ ހުރިހާ އެންމެން ވެސް ދައްކަވަނީ ވާހަކަ ކަމެވެ. "ޣައްޒާއަށް އަރަފިނަމަ، ޔަހޫދީންގެ ގަބުރުސްތާނަކަށް އެތަން ހަދާލާނަން"، "ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލަން" މިނޫން އެއްވެސް އެއްޗެއް ނުބުނެވެއެވެ. 21 ދުވަސް ވެގެންދިޔައިރު، އެންމެ ކުޑަމިނުން އިސްރާއީލަށް ދަތި ކުރުމުގެ ފިޔަވަޅެއް ވެސް ނޭޅެއެވެ. ތިމާމެން ފަލަސްތީނާއި އެކީ ތިބިކަން ދައްކަން ހަމައެކަނި ދެއްކެނީ "މޮޅެތި" ވާހަކަތަކެވެ. އިންސާނީ މި ބޮޑު ޖަރީމާ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އދ ވެސް އަދި އަރަބިން ވެސް ވަނީ ނުކުޅެދިފައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަށްލާ

    ސައިތާން ޔަހޫދީންނަށް މާތްﷲ ގަދަފަދަހޫނުވައެއް ފޮނުއްވާ ނެތިކުރަށްވާންދޭވެ އާމީން.

    30
  2. ރެޑް ރޯޒް

    އ ދ އަކީ އެމެރިކާގެ ގޮނޑި ކޮއްކޮ
    އިސްރާއީލްގެ ގޮނޑިކޮއްކޮ އަކީ އެމެރިކާ އަބަދުވެސް އުޅޭނީ ކޮންމެވެސް އިސްލާމީ ގައުމަކަށް އަރާ ލޫޓުވަން އިރާގު އިރާގު ފަދަ ގައުމު ތަކަށް ބަލާލުމުން އެކަން
    އިނގޭނެ އެފަދަ ނުބައި ބަޔަކު ވަކި ފަލަސްތީނަށް ބަލާނެތަ

  3. ހުވަދޫ އަލިބެއްޔާ

    ކާފަރު ޤައުމުތަކުން ކުރާ ކަންކަން އިސްލާމީ ޤައުމުތަކުން ނުކުރެވޭ.. ދިވެހިރާއްޖެއަށްވެސް ވާހަކަ ދެއްކެން އޮތީ އިންޑިއާގެ ބަހެއް އޮވެގެން..