ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އިސްލާމީ މުޅި އުންމަތް ރޮއްވާލައިފިއެވެ. ތުއްތު ކުދިންނާއި އާއިލާތައް ނެތި ފަނާކުރަމުންދާ އިރު ގިނަ ބަޔަކު ތިބީ ރޮވިފައެވެ. މިސްމީޑިއާ އަށް ބަލާލިޔަސް ހިތަށް ކުޅަދާނަ ވާ ވަރެއް ނޫނެވެ. ނިދާލަން ލޯމަރާލިޔަސް ފެންނަނީ ޣައްޒާގައި ހިންގާ ގަތުލު އާންމުގައި ޝަހީދުވެފައިވާ މީހުންނާއި ޔަތީމުވެފައިވާ ނުވަތަ ޒަހަމްވެފައިވާ ތުއްތު ކުދިންގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. އެއީ މާ ވޭން ހުރި އިހުސާސެކެވެ. ބޮން ގޮވާ މަންޒަރު ހަމަ ލޮލަށް ނުފެނުނަސް އެބޮމުގެ ބާރުގަދަކަން ވަރަށް ފުންކޮށް އިހުސާސް ކުރެވެއެވެ.

އުފަލާއި މަޖަލުގައި އާއިލާއާ އެކީ ވަގުތު ހޭދަކުރަމުން އައި ކުދިން އާއިލާތަކާ ވަކިވެއްޖެއެވެ. ބައެއް އާއިލާތައް އެއްކޮށް ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ ހިތްތަކުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަނިޔާ ކުރުމުގައި ވަނީ ހައްދުފަހަނައަޅައިފައެވެ.

ޣައްޒާ އާއި މިސްރާ ދެމެދު އޮންނަ ބޯޑަރު ކައިރީ ރަފާހު ސިޓީގައި ދިރިއުޅެމުންދާ އުމުރުން 28 އަހަރުގެ ހެބާ އާއި އޭނާގެ ދެ ބޭބެ އަކީވެސް އަޑުއިވުމުން މަހުރޫމްވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ތިން ބެއިންނެވެ. ގޭގެ ދޮރުމަތިންނާއި ކުޑަދޮރުން ފެންނަ މަންޒަރުތައް ސިފަކޮށްދެމުން ހެބާ ބުނީ އަޑު ނީވުނަސް ބޮމުގެ ގޮވުންތަކުގެ ބާރު މިނާއި އޭގެ ނުރައްކާތެރިކަން ލޮލަށް ފެންނަ ކަމަށެވެ. ހެބާގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ހެބާ ބުނީ ޔަހޫދީން ފޮނުވާ ކޮންމެ ވައިގެ ހަމަލާއަކާއެކީ އޭނަގެ ގެ ހީވަނީ ވެއްޓެން އުޅޭހެން ކަމަށެވެ. އެހާ ވަރަށް ތަޅުވާ އިރު، ހީވަނީ ބިންހެލުމެއް އައިސްގެން އުޅޭހެން ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާއަކީ މީގެކުރިން މުޖުތަމައުއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގްރެފިކް ޑިޒައިން ކޯހެއްގެ ތެރެއިން އޭނާގެ ހުނަރު ތަރައްގީކޮށް، ފޮޓޯގްރަފީގެ ދާއިރާގައި އާއި އަންހެނުންގެ އެކި ސެމިނާތަކުގައި ބައިވެރިވެފައިވެއެވެ.

"އެންމެ ހިނދުކޮޅަކަށްވެސް ބޮން ގޮއްވުން ހުއްޓާނުލާ. ހީވަނީ ދެން ދެން ޝަހީދުވެދާނެހެން." ހެބާ ބުންޏެވެ.

ހަނގުރާމައިގެ ފުރަތަމަ ހަފްތާގައި އިސްރާއީލުން މުވާސަލާތީ ޓަވަރުގައި ބޮން ގޮއްވާލި ފަހުން އިންޓަނެޓް ލިބުމަކީ ވަރަށް ދަތި ކަމެކެވެ. ދުވާލަކު މަދު މިނެޓެއްހާއިރު އިންޓަނެޓް ލިބޭ ކަމަށާއި އެ އަގުހުރި ވަގުތު ހެބާ އޭނަގެ ރައްޓެހިންނާ ޗެޓްކޮށްގެން ހާލު ބަލާއެވެ. ހެބާއާއި އޭނަގެ ކޮއްކޮމެން ކައިރީގައި ބައިތިއްބައިގެން އެމީހުންގެ ވަށައިގެން ހިނގާ ކަންތައްތަކުގެ ވާހަކަ މަންމަ އެމީހުންނަށް އަންގަމުން ދެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި، އެމީހުންގެ އަވަށްޓެރިޔާގެ ގެއަށް ބޮން ގޮއްވާލުމުން ހެބާގެ ކޮއްކޮއަށް އަނިޔާވެފައިވާއިރު، މިއީ އޭނާގެ އާއިލާއަށް އަނެއްކާވެސް ދިމާވެދާނެ ހިތާމަވެރި ކަމަކަށް ވާތީ ހެބާ ހުންނަނީ ބިރުންނެވެ.

"އަހަރެންގެ މައިންބަފައިންނަކީ ބީރު ބައެއް ނޫން ކަމަށް ވާތީ މާތްالله އަށް ޝުކުރުވެރިވަން، އެހެންވީމަ އަހަރެމެން ސަލާމަތުން ތިބިތޯ ނުވަތަ ނުރައްކަލެއް އޮތްތޯ ކިޔައިދީ މަރުން ސަލާމަތް ކުރެވޭނެ،" ހެބާ ބުންޏެވެ.

ފަލަސްތީނުގެ ސެންޓަރ ފޯ ހިއުމަން ރައިޓްސްއިން 2022 ވަނަ އަހަރު ބުނެފައިވަނީ ޔަހޫދީ ނިރުބަވެރިން ހިފާފައިވާ ސަރަހައްދުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު ގާތްގަނޑަކަށް 93،000 އަށް އަރާ ކަމަށާއި އެއީ ޖުމްލަ އާބާދީގެ 2.1 ޕަސެންޓް ކަމަށެވެ. އެ އަދަދުގެ ގާތްގަނޑަކަށް 52 ޕަސެންޓް ނުވަތަ 48،360 މީހުން ޣައްޒާގައި ދިރިއުޅޭއިރު، ބާކީ މީހުން ދިރިއުޅެނީ ހިފާފައިވާ ހުޅަނގު އައްސޭރީގައެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނީ، އިސްރާއީލުން އެ ސަރަހައްދަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށެވެ.

މީގެ އިތުރުން އިސްރާއީލާއި މިސްރުން 17 އަހަރު ވަންދެން ޣައްޒާ ވަށާލުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކާއި ސިއްހީ ހިދުމަތް ލިބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމީހުންނަކީ އިޝާރާތުގެ ބަސް ބޭނުންކުރުމަށް އަލިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ބަޔަކަށް ވުމުން ޣައްޒާއިން ކަރަންޓު ކަނޑާލުމުގެ ސަބަބުން އެމީހުން އިތުރަށް ހާލުގައިޖެހުނެވެ. އެގޮތުން ކަރަންޓު ނެތުމުން ތަންތަން ނުފެންނަ ތަނުގައި މީހަކު ގޮވިިޔަސް އަޑެއް ނީވޭނެއެވެ. އެމީހުން ތިބީ ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅިފައެވެ.

ހަނގުރާމައިގެ ކުރިިން ޣައްޒާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭ ގޮތަށް އެތައް ޚިދުމަތެއް ފޯރުކޮށްދެމުން އައި ހިތްގައިމު ރީތި މަންޒިލެކެވެ. އެގޮތުން 2019 ވަނަ އަހަރު ޣައްޒާ ސިޓީގެ ހުޅަނގުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފުރަތަމަ ގޮނޑުދޮށެއް ވަނީ ހުޅުވައިފައެވެ.

މުވާއިމާ ބީޗް ނަމަކަށް ކިޔާ މިތަނަކީ ހިނގުމުގައި އަސާއެއް ބޭނުން ކުރަމުންދާ ސުހާ މަގާތަށް ޚާއްސާ ހަނދާންތަކެއް އެކުލެވިގެންވާ ތަނެކެވެ. އުމުރުން 34 އަހަރުގެ ސުހާ ބުނާގޮތުން ކޮންމެ ހަފްތާއަކު ވެސް ސްޕޯޓްސް ކްލަބުގައި ރައްޓެހިންނާއި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ދެ ގަޑިއިރު ޓްރެއިނިން ކޮށް، ފުރޮޅުލީ ގޮނޑިތަކުގައި އެމީހުން ބާސްކެޓްބޯޅަ ކުޅެއެވެ. އޭޣެ ފަހުން ބީޗަށް ގޮސް ހިތްހަމަޖައްސާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެމެން ދެން ދާނީ މުވާއިމާ ބީޗަށް، އަދި މޫދުގެ އައްސޭރީގައި ވަގުތު ހޭދަކޮށް، ޗެޓްކޮށް، ދިރިއުޅުން ރީތިކޮށް ބިނާ ކުރަމުން ދިޔައީ. އަބަދުވެސް ބުނަމުން އައީ ހަނގުރާމަތަކެއް ނެތް ނަމަ ޣައްޒާއަކީ ރީތި ތަނެެކޭ،" ސުހާ ބުންޏެވެ.

ސުހާ ބުނީ އޭނާގެ ނުކުޅެދުންތެރިކަމަކީ އުނިކަމެއްގެ ގޮތުގައި ދެކޭތީ އާއި ހަތަރު ފާރުގެ މެދުގައި ގޭތެރޭގައި ތާށިވެފައި ހުންނަން ކަމުނުދާތީ ގިނައިން ބޭރަށް ނުކުންނަން ކަމުދާ ކަމަށެވެ. އެކަމަކު މިހާރު ގޭގައި މަޑުކުރުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. ހަގީގަތުގައި އެކަން ދޫކޮށްލަން އޭނަ ދެކޮޅު ހަދައެވެ.

ސުހާ ބުނާގޮތުން އޭނާ ޝަހީދުވާން ބޭނުމީ އަމިއްލަ ގޭގައި ހުރެގެންނެވެ.

ފާއިތުވި 19 ދުވަހުގެ ތެރޭގައި އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ ގިނަ އަވަށްތައް ފަޅުވެ، މައި މަގުތައް ވަނީ ހަލާކުވެފައެވެ.

"ހަނގުރާމައިގެ ކުރިން ގިނަ ތަންތަނަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވީ މަގުތައް ރަނގަޅަކަށް ނުވަތަ އަޅުގަނޑު ކަހަލަ ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ވަސީލަތްތައް ނެތުމުން، އެކަމަކުވެސް އަހަރެންގެ ތިން އަހަރުގެ ދަރިފުޅު އަހަރެންގެ އުނގުގައި ބަހައްޓައިގެން ފިހާރަތަކަށް ގޮސް އެއްޗެހި ގަނެވޭނެ. މިހާރު ކިހިނެއްތޯ އަހަރެމެން ދާނީ؟"

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ސަރަހައްދުގައި 12،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައެވެ. އެއީ ހިރޯޝިމާއަށް ވައްޓާލި ބޮމާ އެއްވަރުގެ އަދަދެކެވެ.

ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބުނީ މިސައިލްތަކުގެ އަޑު ކެނޑިގެން ނުދާ ކަމަށާއި ބިރުން ފިތްކަނޑައިގެންދާ ވަރުވާ ކަމަށެވެ. އިސްރާއީލާއި ޣައްޒާގެ ހަނގުރާމަތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް، އިތުރު ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ކަމަށް ބުނެފައިވެއެވެ.

ޔަހޫދީންގެ ބާރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ޒުވާނުންނާއި މުސްކުޅިންގެ އިތުރުން ކުޑަކުދިންވެސް މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެފައެވެ.