ރަހުމް ކުޑަ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ބައި މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ)ގެ 150 ފެސިލިޓީއެއްގައި ބޯ ހިޔާވަހިކަން ހޯދަމުންދަނީ އަސާސީ ބޭނުންތައް ފުއްދޭނެ އެއްވެސް ގޮތެއް ނެތި ބުނެދޭން ނޭނގޭހާ ވެސް ދަތި ހާލަތްތަކުގައެވެ.

މި ސްކޫލްތައް ޣައްޒާގެ ގެދޮރު ގެއްލިފައިވާ ލައްކައެއްހާ މީހުންގެ ކުޑަ ވެސް އުންމީދަކަށް ވީނަމަވެސް، މެދުތެރޭގެ ޣައްޒާގެ ޔޫއެންއާރުޑަބްލިއުއޭ ސްކޫލަށް ޔަހޫދިީން ވަނީ މީގެ ދުވަސް ކޮޅެއްކުރިން ވައިގެ ހަމަލާއެއް ދީ ބަޔަކު ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ރައްޔިތުން ސްކޫލެއްގައި.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނާ ގޮތުގައި ޣައްޒާ ތެރޭ ހާލުގައި ޖެހިފައިވާ 1.4 މިލިއަން މީހުންގެ ތެރެއިން 613،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުންދަނީ އެ ކުންފުނީގެ 150 ފެސިލިޓީތަކުއެވެ.

ނަމަވެސް މީހުން ގިނަ ވުމުގެ ސަބަބުން އެ ތަންތަނުގައި ތޮއްޖެހުމާއި، ޕްރައިވެސީ ނެތުމާއި އަދި އެކަށީގެންވާ ސާފުތާހިރުކަން ނެތްކަން ފާހަގަ ކުރަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ބޮޑު ސިއްހީ ނުރައްކާތެރިކަން ކުރިމަތިވެ، ބަލިމަޑުކަމެއް ފެތުރިދާނެ ބިރު އޮތީ މިހާރު ހީވެފައެވެ. އަދި އޯވަލޯޑް ވެފައިވާ ސިއްހީ ނިޒާމަށް ނޭދެވޭ ބޮޑު އަސަރެއްވަނީ ކުރަން ފަށައިފައެވެ.

އަލްމަޣާޒީ ރެފިއުޖީ ކޭމްޕްގައި ހުރި ސްކޫލަށް ބޮންއެޅުމުގެ ސަބަބުން، އެތައް ބަޔަކު ޒަޚަމްވެ ސްކޫލްތަކަކީ އިންސާނީ އެހީތެރިކަމުގެ އިދާރާތަކުން އުންމީދުކުރި ތަންތަނަށް ނުވެދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ޣައްޒާގެ ރައްޔިތުން ސްކޫލެއްގައި.

"މިއީ ފަލަސްތީނު ރައްޔިތުންނާ މެދު ނަފްރަތުވާ މިންވަރު. އަދި މިއީ އަނެއްކާވެސް އާންމުންގެ ފުރާނައަށް ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާކުޑަކުރުން ދައްކުވައިދޭ ކަމެއް،" ޔޫއެންއާރުޑަބްލިއުއޭގެ ކޮމިޝަނަރު ޖެނެރަލް ފިލިޕް ލަޒާރީނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްޒާގައި މިހާރު ރައްކާތެ އެއްވެސް ތަނެއް ނެތް ކަމަށާއި، ޔޫއެންއާރުޑަބްލިއުއޭގެ ފެސިލިޓީތަކެއް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސްކޫލްތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ކަމަށްވާ ބޯ ފެނާއި ކަރަންޓާއި ކާނާއާއި، ކުޑަކުދިންގެ ކިރު، ނެޕީ އަދި އަންހެނުންގެ މައްސަރު ދުވަސްވަރަށް ބޭނުންވާ ސެނިޓައިޒާ ޕެޑާއި ޑިސްއިންފެކްޓެންޓް އަދި ތަދު ފިލުވާ ބޭސް ފަދަ ތަކެތި ވެސް ނުލިބޭކަމަށް އޭނާ ފާހަގަކުރިއެވެ.

އދ.ގެ އެޖެންސީން ބުނީ ބައެއް ހިޔާތަކުގައި މިހާރު އެތަންތަނުގެ ކެޕޭސިޓީއަށް ވުރެ 10 އާއި 12 ގުނަ އިތުރު މީހުން އުޅެމުންދާކަމަށެވެ. ޚާން ޔޫނިސްގެ އެއް ސްކޫލެއްގައި 21،000 މީހުން މިހާރު އަންނަނީ ބޯހިޔާވަހިކަމާއި ރައްކާތެރިކަން ހޯދަމުންނެވެ.

އެގޮތުން ނޫރު އާއި އޭނާގެ އާއިލާ ދިރިއުޅެމުންދަނީ ދެކުނު ސިޓީގެ އެހެން ސްކޫލެއްގައެވެ. އެ ސްކޫލުގައި ގާތްގަނޑަކަށް ގާތްގަނޑަކަށް 1،100 އާއިލާ ދިރިއުޅެމުން އަންނަނަކަމަށް ނޫރު ބުންޏެވެ. މި ހިޔާތައް ބަލަހައްޓާ މީހުން ބުނާ ގޮތުގައި ހިޔާގައި ދިރިއުޅޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފިރިހެނުން ކަމަށާއި އެމީހުން ނިދަނީ ބޭރުގައި ކުޅޭ ސަރަހައްދުގައި ކަމަށެވެ.އަދި އަންހެނުންނާއި ކުޑަކުދިން ނިދަނީ ކްލާސްރޫމްތަކުގައި ކަމަށްވެއެވެ.

"ކޮންމެ ކްލާސްރޫމެއްގައި ގާތްގަނޑަކަށް 50 މީހުން އުޅޭ، ކަރަންޓުގެ ހިދުމަތް ލިބެނީ ދެ ގަޑިއިރެއްހާއިރަށް، ފެނުގެ ދަތިކަންވެސް އިންތިހާއަށް ބޮޑު" ނޫރު ބުންޏެވެ.

އުމުރުން 25 އަހަރުގެ ޖެކްސަން އާއި އޭނާގެ އާއިލާއަށް މަޖުބޫރުވީ ޣައްޒާގެ ދެކުނު ފަރާތުގައި އޮންނަ ޚާން ޔޫނިސްގެ އިރުމަތީ ފަރާތުގައި އޮންނަ އަބަސަން ގެއިން ނިކުތުމަށެވެ. ނިރުބަވެރި ޔަހޫދީން ވައިގެ މަގުން ހަމަލާދީ އެމީހުންގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭގެ ފަހުން އެ އާއިލާ ދިރިއުޅެމުން އަންނަނީ ޚާން ޔޫނިސްގެ ޔޫއެންއާރުޑަބްލިއުއޭ ސްކޫލެއްގައެވެ.

"ރައްކާތެރިކަން ހޯދުމުގެ އުންމީދުގައި ޔޫއެންއާރުޑަބްލިއުއޭގެ ސްކޫލްތަކުން ހިމާޔަތް ހޯދި ނަމަވެސް ބަލިތައް ފެތުރުމާއި ކުރިމަތިވެފައިވާ ސިއްހީ ދަތިތަކުގެ އިތުރުން އިސްރާއީލު ސިފައިންގެ ހަމަލާތައް ރޭގަނޑާއި ދުވާލު މެދުނުކެނޑި މި އަންނަނީ ކުރިމަތިވަމުން ،" ނޫރު ފާހަގަކުރިއެވެ.

ޣައްޒާގެ ރައްޔިތުން ސްކޫލެއްގައި.

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން މި ސްކޫލުގައި ހިމާޔަތް ހޯދަން ފެށީ އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށުމުންނެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއެއްގައި އިސްރާއީލުގެ 1،405 މީހުން މަރާލުމުން، ފާއިތުވި 20 ދުވަހުގެ ތެރޭގައި ޔަހޫދީންވަނީ ފަލަސްތީނުގެ 9،000 ވަރަކަށް ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ދަތި ދަނޑިވަޅު ފަލަސްތީނުގެ އަންހެނުން މައްސަރުކަން ތަޖުރިބާ ކުރުމަކީ ބިރުވެރި ހުވަފެނެއް ފަދަ ކަމެއްކަމަށް އެ ތަނުގައި ބޯހިޔާވަހިކަން ހޯދަމުން އައި ފުރާވަރުގެ އަންހެން ކުއްޖަކު ސިފަ ކުރިއެވެ.

މިހާރުވެސް ވަގުތީ އެކޮމޮޑޭޝަންތަކުގައި ތޮއްޖެހިފައި ހުރުމާއި ސާފުތާހިރުވުމުގެ ވަސީލަތްތައް ނުލިބުމުގެ ސަބަބުން "ސްކެބީސް" އާއި "ސްމޯލްޕޮކްސް" ފެތުރެމުންދާކަން ހިތާމައާއެކު ފާހަގަކޮށްލަންޖެހެއެވެ. ޚާއްސަކޮށް އަންހެނުންނަށް ހާއްސަކޮށް އަސާސީ ސާފުތާހިރުވެވޭނެ ގޮތް ނެތުމުން މައްސަރު ކަންތައް ޖެހުމުން ދިމާވާ ދަތި ހާލަތު އިތުރަށް ގޯސްވެގެންދެއެވެ.

ބޮލުގައި ރިހުން، ހުޅުތަކުގައި ރިހުން، އަދި ބަނޑުގައި ރިހުން ފަދަ މައްސަރުކަންތަކާ ގުޅިގެން ދިމާވާ ޖިސްމާނީ ނުތަނަވަސްކަމުގެ އިތުރުން ނަފްސާނީ ގޮތުން އިތުރު އުނދަގުތަކާއި ފަލަސްތީނުގެ އަންހެނުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

"ހިޔާ ސްކޫލުތަކުގައި ދިރި އުޅެމުންއަންނަ އިރު މައްސަރު ކަންތައް ލައިގަތިމަކީ ބިރުވެރި ހުވަފެނެއް ބެލުން ކަހަލަ ބިރުވެރި އިހުސާސެއް، އަދި ބްލެންކެޓެއް، ނިދާނެ އަރާމު ގޮދަނޑިއެއް، ސެނިޓައިޒާ ޕެޑެއް، ތަދު ފިލުވަން ކާނެ ބޭހެއް އުނގުޅާނެ ބޭހެއް އަދި ހޫނު ފެންފޮދެއް ލިބޭނެ ފަދަވެސް މިތަނުގައި ނެތް." އެ ހިޔާގައި ދިރި އުޅެމުން އައި އަންހެން ކުއްޖަކު ކިޔައިދިނެވެ.

މައްސަރުކަންތައް ލައިގެން ނަމަވެސް ސެނިޓައިޒާ ޕްރޮޑަކްޓްތައް ލިބޭ މިންވަރު މަދު ވުމުން، ބައެއް އަންހެން ކުދިންނާއި އަންހެނުން ސެނިޓައިޒާ ޕެޑް ދޮވެ އަލުން ބޭނުން ކުރާ ހިސާބަށް ވަނީ ހާލަތު ގޮސްފައެވެ.

ހިޔާތަކުގައި ޔޫއެންއާރުޑަބްލިއުއޭ އިން ކޮންމެވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ޣައްޒާގައި މެދުކެނޑުމެއްނެތި ހަމަލާތަކުގެ ސަބަބުން ކޮންމެހެން ބޭނުންވާ ހިދުމަތްތައް ލިބުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. އަދި މިއީ މިކަމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފެކެވެ.

"ޔޫއެންއާރުޑަބްލިއުއޭގެ ސްކޫލްތަކުގެ ހާލަތުއެހާ ދަތި.އަހަރެން މި އުޅެނީ ދަރިފުޅަށް ރަނގަޅު ސައިޒެއްގެ ޑައިޕަރެއް ހޯދަން. އަހަރެމެންނަށް އަދި ކުޑަކުދިންނަށް އެއްވެސް އެހީއެއް ނުލިބޭ، އަދި ދަރިފުޅަށް ބޯންދޭނެ ކިރު ފޮދެއްވެސް ނެތް.”ބޮންއެޅުމުގެ ސަބަބުން އަމިއްލަ ގެ ދޫކޮށް ދާންޖެހުނު އާމާލް ކިޔައިދިނެވެ.

އަމާލް ބުނީ ދަރިފުޅަށް ނެޕީގެ ބަދަލުގައި ފޮތި ބޭނުން ކުރަންޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިފުޅު ވަރަށް ރޮއެ ހަދާ ކަމަށެވެ.

އަދި ޔޫއެންއާރުޑަބްލިއުއޭ އިން ފޯރުކޮށްދޭ މަހާއި ރޮށި ނުކަނީ ފާޚާނާއަށް ދިއުން މަދު ކުރުމަށްކަން ފާހަގަ ކުރަމުން އާމާލް ބުނީ ފިނި ވެގެން އަޅާނެ ބްލެންކެޓް ނެތުމުގެ ސަބަބުން އާމާލްގެ އަނެއް ދެ ކުދިން ކަމަށްވާ އުމުރުން ހަތް އަހަރާއި ފަސް އަހަރުގެ ދެ ކުދިން ތިބީ ހުމާ ކަމަށެވެ.

"އަހަންނަށް ކެތް ނުކުރެވޭ އަހަރުމެން މި އުޅޭ ހާލަތުގައި،" އާމާލް ފާހަގަ ކުރިއެވެ.

"މި ހަނގުރާމައަކީ ވަރަށް އަނިޔާވެރި ހަނގުރާމައެއް، އަދި މުޅި ދުވަސް ހޭދަވީ ބޮމުގެ ހަމަލާތަކުގެ އަޑުފައްގަނޑުގެ ތެރޭގައި، ބިރުން ފިތް ކެނޑޭ."