ކުށަކީ ކޮބާ ހެއްޔެވެ؟ މި ދުނިޔެއަށް އުފަން ވުން ހެއްޔެވެ؟. ނޫނީ ފަލަސްތީނުގެ ޣައްޒާއަށް އުފަން ވުން ހެއްޔެވެ؟. އަހަންނަށް އަދިވީ އެންމެ ދުވަހެކެވެ. އަހަރެންގެ ކުށަކީ އެއީ ހެއްޔެވެ؟. ޣައްޒާ އާއިލާއަކަށް އުފަން ވުން ހެއްޔެވެ؟. އަހަރެންނަށް މި ދުނިޔޭގައި ރައްކާތެރި ކަމެއް ނެތީ ކީއްވެ ހެއްޔެވެ؟.

އަހަރެންނަށް ހިމާޔަތް ދެވުނު އެއްވެސް މީހަކު ނެތެވެ. އަހަރެމެންނަށް ހިމާޔަތް ދެވުނު އެއްވެސް ބަޔަކު ނެތެވެ. އަހަރުމެންގެ ދިފާއުގައި އެތައް މިިލިއަން ރައްޔިތުން ތިއްބެ ކަމަކު، މިއީ ހުއްޓިދާނެ ހަނގުރާމައެއް ކަމެއް ބެލެވެން ނެތެވެ. އަހަރުމެން ކަހަލަ ނިކަމެތި ކިތައް ކުދިން މި ފަނާވަނިވި ދުނިޔެއާ ވަކިވާނެ ހެއްޔެވެ؟ މަންމަ އާއި ބައްޕަ ލޮލަށް ނުފެނި، ނޫނީ މަންމަ އާއި ބައްޕައަށް އަހަރެމެން، ލޮލަށް ނުފެނި ވަކިވާން ޖެހޭ ހިސާބަށް ގޮސްފިއެވެ.

އަހަރުމެންނަށްޓަކައި ކަރުނަ އަޅާ އެތައް ބަޔަކު މި ދުނިޔޭގައި އެބަތިއްބެެވެ. އެކަމަކު އެ މީހުންނަށް ވަކި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟.

އަހަރެން ޣައްޒަށް އުފަންވުމަކީ ކުށެއް ނޫނެވެ. ޣައްޒާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނާމަން ކަމުގެ އަސްލަކީ އަހަރުމެންނެއް ނޫނެވެ.

އުފަން ދުވަހުގެ ސެޓްފިކެޓްގެ ކުރިން މަރުގެ ސެޓްފިކެޓް ލިބުނު ކުއްޖާ!

އަހަރެންނަށް އަދިިވީ އެންމެ ދުވަހެކެވެ. ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާ މި ލީ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. ވިހެއީ ކޮން ތަނެއްގައިކަން ސާފު ނުވި ނަމަވެސް، ބޭރަށް ނުކުންނަން ފުރުސަތު ނުލިބި ނޫނީ މި ދުނިޔެ ދެކިލަން ފުރުސަތު ނުލިބި ވަކިވާން ޖެހުނީއެވެ. ދުނިޔެ ބަލައިލަން ދަތުރު ފެށުމުގެ ކުރިން އަހަރެން މި ދުނިޔެއަށް ފަހު ނޭވާ ލައިފިއެވެ. ކަފުން ކޮށްފިއެވެ. ވަޅުލައިފިއެވެ.

އަހަރެންގެ ނަމަކީ އުދޭ އަބޫ މޮހްސެން އެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށްވެ އަދަބުގެ އަބަދަށް މި ދުނިޔެއަށް ލޯ މަރާލައިފީމެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވާ މީހުންނާއި އަދި ޣައްަޒާގެ ހާލަތާއި ގުޅޭގޮތުން ލިޔުންތައް ލިޔަމުން ގެންދާ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓް ބެލާލް ޚާލިދު ވަނީ އެ "ކުޑަ ކަފުން"ގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އެކްސްގައި އޭނާ އެ ފޮޓޯ ހިއްސާ ކޮށް އަަރަބި ބަހުން ކެޕްޝަންގައި ލިޔެފައި ވަނީ ކުޑަ ވާހަކަ ކޮޅެކެވެ.

"މިއީ އުދޭ އަބީ މޮހްސެން، އޭނާގެ އުމުރަކީ އެއް ދުވަސް. އޭނާއަށް އުފަންދުވަހުގެ ސެޓްފިކެޓެއް ދިނުމުގެ ކުރިން ދޫކުރީ މަރުގެ ސެޓްފިކެޓެވެ".

ކިހާ އަސަދުގަދަ ބަސްކޮޅެއްތާއެވެ. މިހާލުގައި ޣައްޒާގެ އެތައް ތުއްތު ކުދިންނެއް ދަނީ މި ދުނިޔެއާ ވަކި ވަމުންނެވެ.

ކުށް ކުރަނީ ނިރުބަވެރި ޔަހޫދީ އިސްރާއީލުންނެވެ. ކުށެއް ނެތް އެތައް ކުދިންނެއް މި ދުނިޔެއާ ވަކިކޮށްލަނީ ބޮމަކަށް ފަހު ބޮމެއް އަޅައިގެންނެވެ. ރަހުމެއް، ކުލުނެއް، ހަމްދަރުދީއެއް ނެތެވެ. ކޮންމެ ދުވަހަކު އިރުއަރާ އިރުއޮއްސެނީ އަނދަމުންދާ އިމާރާތްތަކުގެ ކައިރިންނެވެ. ނޫނީ ބިމާހަމަވެފައިވާ އިމާރާތެއްގެ ދަށުންނެވެ. ނޫނީ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި އޮއްވާއެވެ. ނޫނީ އިތުރު ދުވަހަކަށް އިރު ނާރާ އަހަރެންގެ އިރު އެއްކޮށް އޮއްްސި އަނދިރިވެއްޖެއެވެ.

ޣައްޒާގެ ކޮންމެ ދުވަހެއްގެ ހާލަތަކީ މިއީއެވެ. އެތައް ބަޔަކު ޝަހީދުވެދަނީ ދުއާކޮށްލަ ކޮށްލަ ތިއްބައެވެ. މިކަމުން މިންޖު ވޭތޯއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޣައްޒާއިން އެކަނި އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީމ ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. މިއީ އިސްރާއީލާއި ފަލަސްތީނުގެ އެތައް ޒަމާނެއް ވަންދެން ހިނގި ހަމަނުޖެހުންތަކުގައި މިސާލެއް ނެތް އަދަދެކެވެ.

އިސްރާއީލުން ޣައްޒާގެ ބިންމަތީގައި ހަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު، ޝަހީދުވި މީހުންގެ އަދަދު އިތުރަށް ހަލުވިކަމާއެކު މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. އިސްރާއީލުން މިހާތަނަށް މަރުވެފައި ވަނީ 1،400 އަށް ވުރެ ގިނަ މީހުންނެވެ. އޭގެ ތެރޭގައި ގިނައިން މީހުން މަރުވެފައި ވަނީ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުުލުހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީހާ

    ހެޔޮނުވާނެ ފަލަސްޠީނުން ތުއްތުކުއްޖެއް ގެނެސްދީބަލަ. ވަރަށްދެރަވޭ އެކުދިންނަށް އެ ލިބޭ އަނިޔާ ފެނިފަ. ކާކުތަ މިކަން ކޮށްދޭނީ

    28
    • ބޭގަރާރު

      ވަށައިގެން ބަންދު. ނުކުމެވޭނެގޮތެއްނެތް.

      13
      1
    • އައިމަން

      އެކުދިން ނުގެނެވޭނެޔޯ އައިއޭއެސް އިން ބުނީ

      2
      1
    • ހާމާނު

      ކޮބާ ބޭނުމަކީ؟ އެކުދިން އެބިމުގަ ލެއްވީތީ އެއީ ހާދަބޮޑު ނިއުމަތެކޭ. އެއޮތް ކުޑަކުޑަ ކުދިންގެ އީމާންކަމާއި ހިތްވަރުގަދަކަން ނުފެނޭތަ؟ އެކުދިން އެބިމުން ނެރެގެން ގެނެސް ކިހިނެއް އެފަދަ ތަރުބިއްޔަތެއް ދޭނީ؟؟ މިއުޅެނީ ސްކޫލުގަ ކިޔަވައިދޭ އިސްލާމް ފޮތުގަ ހުންނަ އެއްޗެހިވެސާ ކަމުނުގޮސްގެން. މީ މިއަދު ދިވެހިންގެ އަގީދާގެ ބަލިކަށިކަން. ނަރަކައިގެ ވާހަކަ ކުދިންނަށް ކިޔައިދޭކަށް ނުޖެހޭ އެކުދިން ނަފްސާނީ ވެދާނެތީ. މާތްﷲ ގަންދީ ބުނަން ފަލަސްތީނު ކުދިން ފަލަސްތީނުބިމުގައި ދެމިދެމި ތިބެ މަރުވުމްވެސް އެކުދިންނަށް މާރަނގަޅު އެހެން ބައެއްގެ ވަކިދަށުވުމަށްވުރެ.