އިސްރާއިލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ބަޔަކު ހަނގުރާމައިގައި ޝަހީދުވަމުންދާ އިރު ރެކޯޑް ކުރެވިފައި ވަނީ 9000 އަށް ވުރެ ގިނަ މަރެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. ނަމަވެސް އެތައް ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތުމުން ޝަހީދުވި މީހުންގެ އަދަދު އެތައް ހާހެއް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެ ވަރުންވެސް ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ހުދު އިސްރާއިލުން ހަނގުރާމަ ނުހުއްޓާނެ ކަމަށް ފާޅުގައި ދަނީ ބުނަމުންނެވެ. އަދި އެތައް މަހަކަށް ހަނގުރާމަ ދެމިގެންދާނެ ކަމަށް އިސްރާއިލުގެ ރައްޔިތުންނަށް ވެސް މިހާރު ވަނީ އަންގައިފައެވެ.

ނަމަވެސް މިއީ އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މަހަކަށް ވުރެ ގިނަ ދުވަހު ވެސް އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކޮށްފައި ވެެއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ވަކި ވަރަކަށް ހަމަލާ ދިނުމަށް ފަހު ހުއްޓާލައެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމަ ކުރީގެ ހަނގުރާމަތަކާ މާބޮޑަށް ތަފާތުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ހަނގުރާމައިގެ މަގްސަދުވެސް ތަފާތުކަން ދަނީ ހާމަވަމުންނެވެ.

އިސްރާއިލުން ދެކެނީ ހަމާސްއިން ދިން ހަމަލާއަކީ ޕާލް ހާބާއަށް ދިން ފަދަ ހަމަލާއެއް ގޮތަށް

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އެމެރިކާ އަށް އެއް ސަބަބަކީ ޖަޕާންއިން އެމެރިކާގެ ޕާލް ހާބާއަށް ދިން ހަމަލާއެވެ. އަދި އޭގެ ފަހުން ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އަފްގާނިސްތާނަށް އެމެރިކާއިން އަރައިގަތީ ސެޕްޓެމްބަރު 11 ގައި ދިން ހަމަލާތަކާ ގުޅިގެން ކަމަށް ބުނެއެވެ. މިއިން ކޮންމެ ހާދިސާއަކީ ވެސް މުޅި ދުނިޔެ ބަދަލުކޮށްލި ހާދިސާ އެކެވެ. އަދި އެއާއެކު އޭގެ ކުރިން ނުފެންނަވަރުގެ ބޮޑެތި ހަނގުރާމަތައް ފެށިގެން ދިޔައެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ސިފަ ކުރީ ޕާލް ހާބާއާއި ސެޕްޓެމްބަރު 11ގައި ދިން ފަދަ ހަމަލާއެއްގެ ގޮތުގަ އެވެ. އެހެންވެ އެފަދަ ހަމަލާއެއް އަމާޒވުމުން އެމެރިކާއިން ވެސް ދޫދިނުމުގެ ބަދަލުގައ ވަރުގަދަ ހަނގުރާމައަކަށް ނިކުތް ކަމަށް ނަތަންޔާހޫ ބުންޏެވެ.

އެހެންކަމުން އިސްރާއިލުގެ މަގްސަދު ވަރަށް ސާފުކަން އެނގެއެވެ. އަދި ޣައްޒާ އަށް މީގެ ކުރިން ދުވަަހަކުވެސް ނުދޭވަރުގެ ހަމަލާތައް ދޭނެކަން ނަތަންޔާހޫގެ ވާހަކައިން ހާމަވެއެވެ. ޣައްޒާ އެއްކޮށް ފުނޑާލަން ވެސް އިސްރާއިލުން ތައްުޔާރަށް އޮތް ކަން އެނގެއެވެ.

އިސްރާއިލުން ވަނީ މި އާއިލާގެ އެންމެން ޝަހީދު ކޮށްލައިފައި--

އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު ދިން ހިތޯބެއްގައި ދެއްކި ވާހަކަތަކާ މެދު ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ކަަންބޮޑުވުން ފާޅުކުރަމުން ނެެވެ. ނަތަންޔާހޫ ވަނީ ބައިބަލްގައި ބަޔާންކޮށްފައިވާ އަމާލިކުންގެ ވާހަކަ ގެނެސްފައެވެ.

އަމާލިކުންނަކީ އެންމެ ކުރީ ޒަމާނުގައި އިސްރާއިލުގެ މީހުންގެ ދުޝްމަނުންނެވެ. އަދި އަމާލިކުންގެ ތެރެއިން އަންހެނުންނާއި ގާތުން ބޯ ތުއްތު ކުއްޖާއާއި އަދި އެ މީހުންގެ ނައަމް ސޫފާ ސޫއްޕާއި ހުރިހާ އެއްޗަކާއެކު ހަލާކުކުރުމަށް ބައިބަލްގައި ބުނެފައި ވެއެވެ. އެހެންކަމުން ނަތަންޔާހޫ ވާހަކައިން ދޭވަހަނީ މުޅި ޣައްޒާ ފުނޑުފުނޑުކޮށް ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް މެރުން ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ ވެރިން އިސްރާއިލަށް

މި ހަނގުރާމަ ތަފާތުވާ އަނެއް ސަބަބަކީ ހުޅނގުގެ ބޮޑެތި ގައުމުތަކުގެ ވެރިން އިސްރާއިލަށް ކުރެއްވި ދަތުރުފުޅެވެ. މީގެ ކުރިން ހަމާސްއާއެކު އިސްރާއިލުން ކުރި ހަނގުރާމައިގެ ދުވަސްވަރު ވެސް ހުޅަނގުގެ ގައުމުތަކުގެ ވެރިން ދަތުުރުފުޅެއް ނުކުރައްވައެވެ.

ނަމަވެސް މި ފަހަރު އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް، ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒް އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ހަނގުރާމަ ފެށުނު ފަހުން އިސްރާއިލަށް ވަޑައިގެންފައެވެ.

އޭގެ އިތުރުން އެމެރިކާއިން ހަނގުރާމަ މަތީ މަނަވަރުތައް މެދު އިރުމައްޗަށް ފޮނުވާފައިވާ އިރު ހަމާސްއާ ދެކޮޅަށް ކޯލިޝަނެއް ހެދުމަށް ފްރާންސްއިން ވަނީ ހުށަހަޅައިފަ އެވެ.

އެމެރިކާގެ ރައީސް ބައިޑެން ނަތަންޔާހޫއާއެކު--

މި ގައުމުަތަކަކީ އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަމުންދާ ގައުމުތައް ވެސް މެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއިލުން ޣައްޒާއަށް އެއްގަމުން ހަމަލާތައް ދިނުން ލަސްކުރީވެސް އެމެރިކާގެ ޑިފެންސް ސިސްޓަމްތައް އެންމެ ފުރިހަމައަށް މެދު އިރުމަތީގައި ރުކުރުވާލުމުގެ ބޭނުމުގައެވެ. ބޭނުމަކީ އަރަބި އެހެނިގެން ގައުުމުތަކުން އިސްރާއިލަށް ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް އެމެރިކާއިން އިސްވެ އޮވެ ވައްޓާލުމެވެ. އެމެރިކާގެ މިލިޓަރީ ބޭސްތައް ކުވެއިތު، އިރާގު، ސައުދީ އަދި ޔޫއޭއީގައި އެބަ ތިއްބެވެ. އަދި ގަވައިދާ ހިލާފަށް ސީރިއާގައި ވެސް އެމެރިކާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެހެންކަމުން ދިގު ހަނގުރާމައަކަށް ހުޅަނގުގެ ގައުމުތަކުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ރީއްޗަށް އެނގެއެވެ.

މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ހަނގުރާމައަށް ވަންނަނީ

ހަނގުރާމަ ފެށިތާ މަހެއްވާން ކައިރިވެފައިވާ އިރު ރަސްމީކޮށް އިސްރާއިލާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށްފައި ވަނީ ޔަމަނުގެ ހޫތީ ޖަމާއަތުން އެކަންޏެވެ.

ހޫތީން ބުނާ ގޮތުގައި އިސްރާއީލަށް ވަނީ ބައިލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް އާއި ޑްރޯންތަކެއް ފޮނުވާލައިފައެވެ. އަދި މިއީ އިސްރާއީލަށް ފޮނުވާލި ތިން ވަނަ މިފަދަ ހަމަލާތައް ކަމަށާއި އިތުރު ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވެސް ފޮނުވާލާނެ ކަމަށް ހޫތީން ބުނެފައިވެއެވެ. ހޫތީން ބުނެެފައި ވަނީ އިސްރާއީލް ސިފައިން ޣައްޒާގައި އުދުވާންތައް ކުރިއަށް ގެންދާ ހިނދު، އިސްރާއީލަށް ހަމަލާ ދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސްރިއާ

އޭގެ އިތުރުން ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުންވެސް ދޭތެރެއަކުން އިސްރާއިލަށް ހަމަލާތައް ދެމުންދާ އިރު އެ ޖަމާއަތުން ވަކި އަދި ސީދާ އެއްޗެކޭ ނުބުނެ އެވެ. އެހެން ނަމަވެސް ޣައްޒާއަށް އެއްގަމުން އަރައި ހަމަލާތައް އިންތިހާއަށް ވަރުގަދަކޮށްފިނަމަ ހިޒްބުﷲ އިން ވެސް ހަނގުރާމައަށް ރަސްމީކޮށް ވަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހަމަ އެހެންމެ އިސްރާއިލުން ސީރިއާއަށް ދޭތެރެ ދޭތެރެއިން ދެމުން ގެންދާ ހަމަލާތަކާއެކު އެ ގައުމުންވެސް ރައްދު ދޭން ފެށުން ދުރެއް ނޫނެވެ.

އޭގެ އިތުރުން ސީރިިއާގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންނަށް ދެމުންގެންދާ ހަމަލާތައް ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ވަނީ އިތުރުވެފައެވެ. އެގޮތުން ހަނގުރާމަ ފެށުނު ފަހުން 24 އެމެރިކާގެ ސިފައިން ވަނީ ޒަހަމްކޮށްލައިފައެވެ.

ހިޒްބުﷲ އަދި ހޫތިންގެ ހަމަލާތައް އިސްރާއިލަށް ވަރުގަދައަށް ދޭން ފަށައިފިނަމަ އެމެރިކާއިން އިސްވެ އޮވެ އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުން ވަރަށް ގާތެވެ. އެއީ އެ ޖަމާއަތަކީ އެ ޖަމާއަތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުވެސް މެއެވެ.

އެހެންވެ ޣައްޒާ ހަނގުރާމަ މުޅި ސަރަަހައްދަށް ފެތުރިދާނެ ކަމުގެ ބިރު އިންތިހާއަށް މިހާރު ވަނީ ބޮޑުވެފައެވެ. އެެހެން ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ފަރުވާލެއް ނެތެވެ. އިރާގާއި އަފްގާނިސްތާނު ސުންނާފަތި ކުރިވަރަށް ވުރެ އިތުރަށް މެދު އިރުމަތި ސުންނާފަތި ކުރަން ހުޅަނގުން އޮތީ ކެތްމަދުވެފައެވެ. ގިނަ ބަޔަކު ބުނާ ގޮތުން ނަމަ، މިއީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ކޮޅުމައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުލްބުްލް

    ބައިބުލް އޮތީ ޔަހޫދީން ބޭނުން ގޮތަކަށް ބަދަލު ކޮށްފަ ޔަހޫދީ ކަލޭގެ ގާތު ބުނޭ ގުރްއާންގަ އޮތްއެެްޗެއް ކިޔާށޭ

    43
  2. ހޯކްސް

    މަނަވަރު ގެންގޮސްގެން ބިރު ދެއްކިނަމަވެސް އެމެރިކާއަށް ހަނގުރާމަތެރެއަށް ވަންނަން ނުކެރޭނެ ކަމަށްލަފާކުރެވެއެވެ. އެމެރިކާ ސީދާ ގޮތެއްގައި ހަނގުރާމައަށްވަދެފިނަމަ، ދުނިޔޭގައި އެމީހުންގެ ބާރު ވަރަށްބޮޑަށް ބަލިކަށިވާނެކަން އެމެރިކާއަށްވެސް އެނގޭނެއެވެ.
    ރަޝިޔާ ޔުކުރޭން ހަނގުރާމަ ދުނިޔޭގެ ބާރުތަކާ ވަކިވާނެއެވެ. ހަނގުރާމަ ވަރުގަދަކޮށް ދެތިންދުވަސްތެރޭ ރަޝިޔާއިން ޔުކުރޭން ހިފާނެއެވެ. އެއީ މިހާރުވެސް ރަޝިޔާއަށް ނުވާވަރުކަމެއްނޫނެވެ. ހުޅަނގުގެ ބާރުތަކުން ޔުކުރޭނާއެކީގަވާތީ ފަރުވާތެރިކަމާއެކީ ރަޝިޔާއިން ހަނގުރާމަކުރަނީއެވެ.
    ދެން އޮތީ ޗައިނާއެވެ. އެމެރިކާ ބޮޑުހަނގުރާމައެއްތެރެއަށް ވަނީމާ ޗައިނާއަށްވެސް ހަށިފޮޅާލާން ފުރުޞަތުލިބޭނެއެވެ. އެހެންވެ ޗައިނާ ޓައިވާނުގެ މައްޗަށް ބާރުފޯރުވުން އިތުރުވުމުގެ ފުރުޞަތުބޮޑެވެ.
    އެމެރިކާއާއެކުވާ ޤައުމުތައް ؛ އިނގިރޭސިވިލާތް، ފުރާންސް ފަދަ ޤައުމުތަކުން އެމެރިކާއަށް ވާގިވެރިވުމަށް ނިކުތުމުގައި އެޤައުމުތަކަށްވެސް ޗެލެންޖަސް އެބައޮތެވެ. ސަބަބަކީ އެޤައުމުތަކުގެ ރައްޔިތުންވެސް ފަލަސްޠީނަށް ސަޕޯޓްކޮށް ސަރުކާރުން ނުރުހޭއިރުވެސް މުޒާހަރާކުރާއިރު އެތެރޭގެ ހަމަނުޖެހުން ބޮޑުވުމުގެ ފުރުޞަތު އޮތުމެވެ. ދެން ތަރީޚްބަލާލިކަމުގައިވިޔަސް ''ސްޕަރޕަވަރ ގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާ'' އެއީ އެކަނިމާއެކަނި ހަނގުރާމަކުރަންކެރޭ ޤައުމެއްވެސް ނޫނެވެ. އަބަދުވެސް އެމީހުންގެ ނުފޫޒު އޮންނަ އިނިރޭސިވިލާތް ނުވަތަ ފުރާންސް ފަދަ ޤައުމުތަކަށް ޑިޕެންޑްވެއެވެ.