އެފްއޭއެމް ވެޓެރެންސް ލީގުގައި މުއިވެޔޮ ފްރެންޑްސްގެ މައްޗަށް 3-2 އިން މެޗު ކާމިޔާބުކޮށް، ލީގުގައި ކުޅުނު ދެވަނަ މެޗުވެސް ދަ ގަރާންޑޭއިން ކާމިޔާބުކޮށްފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓެރެންސް ލީގުގެ މިއަދުގެ މެޗުގައި ދެ ޓީމުންވެސް ވަނީ ވަރަށް ވާދަ ވެރި ކުޅުމެއް ދައްކާފައެވެ. އަދި ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ވެސް ވަނީ އުފައްދާފައެވެ.

 

މިއަދުގެ މެޗުހެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ. ދަ ގްރާންޑެއަށް ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު ހާފު ނިމެން ދަނިކޮށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 69 ހޫދު ނަޒީރެވެ.

މުއިވެޔޮ އަދި ދަ ގްރާންޑޭ ބައްދަލު ކުރި މެޗު— ވަގުތު އިމޭޖަސް: އަބްދުاللة އަބީދު

ދެވަނަ ހާފު ފެށިގެން މުއިވެޔޮއިން ވަނީ ކުޅުން ރަނގަޅުކޮށް ކައިރި ކައިރީ ދެ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ސުޖާއު ވަނީ މުއިވެޔޮއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން އަހުމަދު ސައީދު (އައްމަޓީ) ވަނީ އެ ޓީމަށް، ފަހަތުން އަރާ މެޗުގެ ލީޑު ނަގައިދީފައެވެ.

މުއިވެޔޮ ފްރެންޑްސުން މެޗުގައި ލީޑު ނެގިތާ 10 މިނެޓު ފަހުން ދަ ގަރާންޑޭއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބުރާހިމް ޒައީމެވެ. އޭނާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅެވުނު އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދަ ގްރާންޑޭއަށް މެޗުގެ ލީޑު އަނބުރާ ހޯދައިދީފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ގްރާންޑޭއަށް މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން އިބުރާހިމް ޒައީމެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ހުއްރިއްޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު