ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލަށް ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބު ދަތުރު ކޮށްފިއެވެ.

މުބާރާތުގައި ސެމީ ފައިނަލް ތިން މެޗު ކުޅެފައިވާ އިރު، ޕޮލިހުން ފައިނަލްގެ ޖާގަ ހޯދީ ސިފައިންނާ ވާދަކުރި ފުރަތަމަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ސިފައިންނާ ދެކޮޅަށް ހޮނިހިރު ދުވަހު ޕޮލިހުން ކުޅުނު ފޯރިގަދަ މެޗު އެޓީމުން ކާމިޔާބުކުރީ ތިން ސެޓު، ދެ ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެވެށީ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު 18-25އިން ޕޮލިސް ގެންދިޔަ އިރު، ދެން ޖެހިގެން އައި ދެ ސެޓުވެސް ގެންދިޔައީ ސިފައިންނެވެ. އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ މޮޅު ކުޅުމާއެކު ސިފައިން ސެޓުތައް ގެންދިޔައީ 23-25، 15-25 އިންނެވެ.

ފައިނަލްގެ ބޮޑު އުންމީދެއްގައި ސިފައިން ހަތަރުވަނަ ސެޓަށް ނުކުތް ނަމަވެސް، ޕޮލިހުން ވަނީ ހަތަރުވަނަ ސެޓާއި ޓައި ބްރޭކަރު ސެޓުވެސް ގެންގޮސް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފައެވެ. ޕޮލިހުން ސެޓުތައް ގެންދިޔައީ 25-18 އަދި 15-12 އިންނެވެ.

ފުރަތަމަ ސެމީ ފައިނަލުން ބަލިވި ނަމަވެސް، ސިފައިންނަށް ތިންވަނަ ސެމީ ކުޅުމަށް ފުރުސަތު އޮތެވެ. ތިންވަނަ ސެމީފައި ސިފައިން ރޭ ނުކުތީ ހުޅުމާލެ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ހުޅުމާލެ ސްޕޯޓްސް ކްލަބު ތިންވަނަ ސެމީގެ ފުރުސަތު ހޯދީ ދެވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެންނެވެ.

ރޭ ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗު ފެށިގެން ފުރަތަމަ ދެ ސެޓުގައިވެސް ސިފައިން ތަފާތު މޮޅަށް ކުޅުނެވެ. ހާއްސަކޮށް ތަޖުރިބާކާރު ކުޅުންތެރިޔާ ލޯންގޭގެ ނުރައްކާތެރި ސާވިސްތަކެއްވެސް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ގެންދިޔައީ 25-19 އަދި 25-18އިންނެވެ.

ތިންވަނަ ސެޓުގައި ސިފައިންނަށް ފަސޭހަ ކޮށްލެވުނު ދަނޑިވަޅުގެ ފައިދާ ނަގައި، ހުޅުމާލެ އިން ކުޅުން ރަނގަޅުކުރިއެވެ. އެ ސެޓު ހުޅުމާލެ ސްޕޯޓްސް ކްލަބުން ގެންދިޔައީ 17-25އިންނެވެ. އެ ސެޓުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ކުޅުން ހުޅުމާލެ ސްޕޯޓްސްއިން ފާހަގަކޮށްލެވުނެވެ.

ހަތަރުވަނަ ސެޓުގައި ސިފައިން ދުލެއް ނުދިނެވެ. ކުޅުން ރަނގަޅުކޮށް އެ ސެޓު ގެންދިޔައީ 17-25އިންނެވެ.

މުބާރާތުގެ ފައިނަލްގައި ޕޮލިހާއި ސިފައިން ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭގައެވެ.