އިނގިރޭސި އެފްއޭއެކަޕްގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ސްޓެންފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ނިމުނީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ދެ ގޯލްވެސް ޖަހާފައި ވަނީ ފުރަތަމަ ހާފްގައެވެ.

ރޭގެ މެޗަށް ނުކުތް އިރު، ޔުނައިޓެޑަށް މޮޅެއް މުހިއްމުވީ އަލަށް ޓީމާ ހަވާލުވި ކޯޗު، އޮލެ ގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗުގެ ހަނދާން ނައްތާލުމަށެވެ. މިދިޔަ ހަފްތާ ތެރޭގައި ފްރާންސްގެ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، މާގިނަ ހަމަލާތަކެއް އުފެއްދިތަނެއް ނުފެނެއެވެ. ދެޓީމުންވެސް މެދުތެރެއިން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު އިރު، ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 31 ވަނަ މިނެޓުގައެވެ. އަރިމަތިން ކަންޓޭ ނައްޓާލުމަށްފަހު ޕައުލް ޕޮގްބާ ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލީ އެންޑާ ހެރޭރާއެވެ.

ރޭގެ މެޗުން ޗެލްސީ ބަލިވި އިރު، ޓީމުގެ ސަޕޯޓަރުންގެ ތެރޭގައި ސާރީއަށް އޮތް އިތުބާރު ދަނީ ގެއްލެމުންނެވެ. މިރޭގެ މެޗު ތެރެއިންވެސް ސާރީއާ ދެކޮޅަށް ޗެލްސީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފައެވެ.

ޔުނައިޓެޑްގެ ގޯލާއެކު ޗެލްސީން ކުރިއަށް ޖެހިލިއެވެ. އެޓީމުން އެޓޭކަށް ސަމާލުކަން ދީގެން ކުރިއަށް ޖެހިލި އިރަށް، ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ދެވަނަ ގޯލެއް ޖެހިއެވެ. ޗެލްސީގެ ޑިފެންސްގެ ވާތް ފަޅިން ރަޝްފޯޑު ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލީ ޕޮގްބާއެވެ.

ދެވަނަ ހާފްގައިވެސް ޗެލްސީއަށް މެޗަށް ވަދެވޭ ގޮތެއް ނުވިއެވެ. ރޭގެ ނަތީޖާއާއެކު ސާރީއަށް ބޮޑު ނުތަވަސްކަމަކާ ކުރިމަތިލާން ޖެހުނު އިރު، ސަޕޯޓަރުން ބޭނުން ވަނީ ކޯޗު ބަދަލުކުރާށެވެ. އެ މަގާމަށް ގެންނަން ސަޕޯޓަރުން ބޭނުން ވަނީ ލެމްޕާޑު ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.