އޭޝިއަން ބީޗް ވޮލީ ބޯލް ޗެމްޕިއަންޝިޕް ގައި ވާދަ ކުރުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ވޮލީ ޓީމް މިއަދު ތައިލެންޑަށް ފުރައިފިއެވެ.

ވޮލީ ޓީމް ތައިލެންޑަށް ފުރުމުގެ ކުރިން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަނީ މިނިސްޓްރީގައި ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ބައްދަލުކޮށް ހިތްވަރުދީ ވާހަކަދައްކާފައެވެ.

ވޮލީ ބޯލް އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ޓީމާއި ފިރިހެން ޓީމް ބައިވެރިވާނެއެވެ. މިއަދު ތައިލެންޑަށް ފުރީ މުބާރާތުގައި ބައިވެރިވާ އަންހެން ޓީމްގެ 2 ކުޅުންތެރިންނާއި ފިރިހެން ޓީމްގެ 2 ކުޅުންތެރިންގެ އިތުރުން 2 ޓީމްގެ ދެ އޮފިޝަލުންނެވެ.

މިއަދު ތައިލެންޑަށް ފުރި ޓީމްގައި ހިމެނޭ އަންހެން ދެ ކުޅުންތެރިންނާއި ފިރިހެން ދެ ކުޅުންތެރިންނަކީ މިދިޔަ އަހަރު ކަލާސް އެވޯޑް ހާސިލްކޮށް މިހާރު ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން ކިޔަވާ ހަތަރު ކުދިންކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. މިމަހުގެ 25 ގައި މި މުބާރާތް ފަށަން ހަމަޖެހިފައިވާއިރު މުބާރާތް ނިމޭނީ މިމަހު 27 ވަނަ ދުވަހުގައެވެ.