ފޯނާއި ކުޅެމުން ކާރު ދުއްވި މައްސަލައެއްގައި އިންގްލޭންޑުގެ މަޝްހޫރު ފުޓުބޯޅަ ތަރި، ޑޭވިޑް ބެކަމްއަށް ހަމަސް ދުވަހުގެ ޙުކުމެއް ކޮށްފިއެވެ.

ކުރީގައި އިންގްލޭންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ކާމިޔާބު ކުޅުންތެރިޔާ، ބެކަމް މަގުމަތީގެ ޤަވާއިދުތަކާއި ޚިލާފުވެ ފޯނާއި ކުޅެމުން ކާރު ދުއްވި މައްސަލައިގައި ކޯޓުން ޙުކުމްކޮށްފައި ވަނީ ހަމަސް ދުވަހުގެ މުއްދަތަކަށް އޭނާއަށް ކާރު ނުދުއްވޭ ގޮތަށް ލައިސަންސް ހިފެހެއްޓުމަށެވެ.

ފޯނާއި ކުޅެމުން ކާރު ދުއްވި މައްސަލައިގައި ބެކަމް އާއި ދެކޮޅަށް ދަޢުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ލަންޑަންގެ އަވަށެއްގެ ކާރުބާރު ބޮޑު ސަރަޙައްދަކުން ކާރުގައި ދުއްވާފައި ދިޔައިރު ފޯނާއި ކުޅެން ހުރި މައްސަލައިގައެވެ. އެ ދަޢުވާ އޭނާ އާއި ދެކޮޅަށް އުފުލާފައި ވަނީ އާންމު ފަރާތަކުން އެމަންޒަރު ވީޑިއޯކޮށް މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމުންނެވެ.

އުމުރުން 44 އަހަރުގެ ބެކަމް މީގެ ކުރިންވެސް ޓްރެފިކް މައްސަލަތަކުގައި ހިފަހައްޓައި އޭނާގެ ލައިސަންސަށް ޕެނަލްޓީ ޕޮއިންޓް އިތުރުކޮށްފައި ވެއެވެ. އެގޮތުން ދުއްވަމުން ފޯނާއި ކުޅުނު މައްސަލަ ފެންމަތިވުމުގެ ކުރީން، ބާރަށް ދުއްވި މައްސަލައެއްގައި އޭނާ ހިފަހައްޓާފައި ވެއެވެ. މި މައްސަލައިގައި ބެކަމް 750 ޕައުންޑުން ޖޫރިމަނާ ކޮށްފައިވާއިރު، ޕްރޮސެކިއުޝަން ކޯސްޓްގެ ގޮތުގައި 100 ޕައުންޑު އަދި އިތުރު ޗާޖެއްގެ ގޮތުގައި 75 ޑޮލަރު ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން ވަނީ މި ފައިސާ ހަފްތާއެއްގެ ތެރޭގައި ދެއްކުމަށްވެސް އަމުރުކޮށްފައެވެ.

އިނގިރޭސިވިލާތަކީ ޓްރެފިކް ވަޔަލޭޝަން މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅާ ޤައުމެކެވެ. އެގޮތުން ބެކަމްގެ މައްޗަށް ސާބިތުވި ދަޢުވާއަކީ އެއްހާސް ޕައުންޑާއި ހަމައަށް ޖޫރިމަނާ ކުރެވޭ ދަޢުވާއެކެވެ. އެޤައުމުގައި ޓްރެފިކް ޤަވާއިދާ ޚިޔާފުވާ ފަރާތްތަކަށް ވަކި ވަރަކަށް ޕެނަލްޓީ ޕޮއިންޓް ހަމަވުމުން ހަރުކަށި އަދަބުދީ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެކަމް

    މައްސަލަ މައްސަލައަކަށްވީ ކޯޓާ ހަމައަށް ދިޔައީމަ. ދިއުމުގެކުރިން ކަޓުކޮޅެއްދީގެން ހަމަޖައްސާލެވުނު ނަމަދޯ. ގާޒީ ހިިންހަމަޖެހޭވަރަށް މަގޭއަތަކުނެތް... ވަރަށް ގިނައިން ގާޒީ ކިޔަނީ