އެމެރިކާ ލީގުގައި ކުޅުމަށް ތައްޔާރުވަމުންދާ ޑޭވިޑް ބެކަމްގެ ކްލަބު، އިންޓަ މިއާމީއަށް ގިނަ އަދަދެއްގެ އިނގިރޭސި ކުޅުންތެރިންތަކެއް ގެންދަން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަންނަ އަހަރު މާޗު މަހު، މިއާމީން ލީގުގައި ކުޅެން ފެށުމަށް ތައްޔާރުވަމުންދާއިރު، އަދި ސޮއިކޮށްފައި ވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން އަދި ކޯޗެއްގެ ސޮއިވެސް އެ ކްލަބުން ހޯދާފައެއް ނުވެއެވެ. އެހެން ނަމަވެސް، ބެކަމްއާއެކު މިއާމީއާގެ ހިއްސާ އޮންނަ، ޖޯޖު މާސް ބުނެފައި ވަނީ ވަރަށް އަވަހަށް ޓީމަށް ކޯޗެއް ހަމަޖައްސާނެ ކަމަށެވެ.

"މަސައްކަތް މިކުރަނީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން، ދުރު މުސްތަގުބަލަކަށް ކްލަބުގައި މަޑުކުރާނެ ކޯޗެއް ހޯދުމަށް. ވަރަށް އަވަހަށް ކޯޗެއް ހަމަޖައްސާނެ،" މާސް ބުންޏެވެ.

އިންޓަ މިއާމީއަކީ ބެކަމްގެ އިތުރުން ހަތަރު މީހެއްގެ ހިއްސާ އޮންނަ ކްލަބެކެވެ. ކްލަބު އުފެއްދުމުގައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރިތަން ފެނިފައި ވަނީ ބެކަމްއެވެ. ކްލަބުގެ ފަރާތުން ބުނެފައި ވަނީ އަލަށް ހަވާލުވާ ކޯޗަކީ ތަޖުރިބާ ބޮޑު، އެޓޭކިން ފުޓުބޯޅައަކަށް ލޯބިކުރާ ކޯޗަކަށް ވާނެ ކަމަށެވެ.

މިހާތަނަށް އެ ކްލަބަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ އާޖެންޓީނާގެ ފޯވަޑް ޖުލިއަން ކަރަންޒާއާއި މިޑްފީލްޑަރު މަތިއަސް ޕެލެގްރީނީއެވެ. އެހެން ނަމަވެސް، ކުރިން ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު އޮންޓޯނިއޯ ވެލެންސިއާއާއި ޗެލްސީއަށް ކުޅުނު ޑިފެންޑަރު ގެރީ ކޭހިލްވެސް ބެކަމްގެ ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ. ކްލަބުގެ ފަރާތުން ބުނެފައި ވަނީ އިނގިރޭސި ޒުވާން ކުޅުންތެރިންނަށްވެސް ބަލާފައިވާ ކަމަށާއި، އިނގިރޭސި ކުޅުންތެރިން ކްލަބުން ފެނުން ގާތް ވާނެ ކަމަށެވެ.

އެމެރިކާގެ އެންމެ ބޮޑު ލީގު، މޭޖާ ލީގު ސޮކާއިން އެ ގައުމުގެ ލީގު 30 ޓީމަށް އިތުރު ކުރުމަށް ވިސްނުން ހިފާފައިވާއިރު، އަންނަ ސީޒަންގައި ކުޅޭނީ 26 ޓީމު ވާދަކުރާ ލީގެކެވެ.