މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުމަށްފަހު، މި ސީޒަންގައި ޓީސީއަށް ބަދަލުވި އިސްމާއީލް އީސަ (މެސީ)ގެ ދެ ގޯލާއެކު، ޗެމްޕިއަން ޓީސީން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ފެނިފައި ވަނީ ދެވަނަ ހާފްގައެވެ.

މެޗުގެ ކުރީކޮޅުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު)އަށް ގޯލް ހުޅުވާލާނެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. މި ސީޒަނަށް ޓީސީއާ ގުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ މަތިމަތިން އެއްލި ބޯޅަ ސައްޓުއަށް ފަހިވި ނަމަވެސް، އޭނާގެ ނިންމާލުން ފުރިހަމައެއް ނުވިއެވެ. މަޑުމަޑުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މިއަދު ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލް ޖަހާނެ ފުރުސަތުތައް ފެނުނީ މަދުންނެވެ. ދެޓީމުންވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، ހާފް ނިމެން ދަނިކޮށް ގޯލެއް ފެނުމާ ގާތަށް ޖެހިލިއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޓީސީގެ އަރިމަތިން ކުޅެމުންދިޔަ މަހުމޫދު، ބޯޅަ ހިފައިގެން ހުސްކޮށް ވަދެ ފޮނުވާލި ހަމަލާ ދިފާއުކުރީ ޔޫވީގެ ގޯލްކީޕަރެވެ.

އޭގެ މިނެޓެއްގެ ފަހުންވެސް ޓީސީން ނުރައްކާކުރިއެވެ. މެސީ، އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ދެން ފެނިގެންދިޔައީ ޔޫވީގެ ދެ ހަމަލާއެކެވެ. އަހުމަދު ނާޝިދު (ނާއްޓޭ)ގެ އިތުރުން ކޯނަރަކުން އެޓީމުގެ ކިބަސޯލާ ޑިމިޓްރީ ފޮނުވާލި ހަމަލާއަށްވެސް ހުޝިޔާރު ކަމާއެކު ހުރަސް އެޅީ ޓީސީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އެވެ.

ދެވަނަ ހާފަށް ނުކުމެ، ޗެމްޕިއަން ޓީސީން ކުޅުން ރަނގަޅު ކުރިއެވެ. ހާފްގެ ކުރީކޮޅުގައި ސައްޓުއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، 70 ވަނަ މިނެޓުގައި އެޓީމު ލީޑުވެސް ނެގިއެވެ. ޔޫވީގެ ހާފް މެދެއްހާ ހިސާބުން ޓީސީއަށް ލިބުނު ހިލޭ ޖެހުން އަކުރަމް ކުރިއަށް ފޮނުވާލި އިރު، އޭރިއާ ތެރޭގައި ހުސްކޮށް އޮތް މެސީ، އެ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.

ޓީސީގެ ގޯލާއެކު ޔޫވީއަށް ކުރިއަށް ޖެހެން މަޖުބޫރުވި އިރު، އެޓީމަށް އެންމެ އެދެވޭ އެޓޭކްތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފަހު މިނެޓްގައި އަރިމަތިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ މެސީ އޭނާގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށް ޓީސީއަށް ލީގުގެ ފުރަތަމަ މޮޅު ޔަގީން ކޮށްދިނެވެ.

މިއަދު ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެންމެފަހުގެ ޗެމްޕިއަން ޓީސީން ލީގު ފެށީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު އެއްވަރު ވެގެން ނިމުނު އިރު، ޓީސީން ސީޒަނަށް ނުކުތީ ޓީމަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. މުހިއްމު ކުޅުންތެރިން ޓީމު ދޫކޮށް ގޮސްފައިވާ އިރު، ފަސް އަހަރު ޓީމަށް އިރުޝާދު ދިން މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ބަދަލުގައި ޓީމަށް އިރުޝާދު ދެމުން ދަނީ މުހައްމަދު އާތިފު (އާތީ)އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ މާޒިޔާއާއި ފ. ނިލަންދުއެވެ.