ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އެންޓޮއިނޭ ގްރިޒްމަންގެ މުސާރަ ބޮޑު ކުރުމަށް އެކުލަބުން ނިންމައިފިއެވެ.

ސްޕެއިންގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގްރިޒަމަންގެ އަގުބޮޑު ކުރަން ކުލަބުން ނިންމީ އޭނާ އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމުންނެވެ. ނަމަވެސް ގްރިޒްމަން ބުނީ އޭނާ ކުލަބާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

2022 ވަނަ އަހަރާއި ހަމައަށް އެތްލެޓިކޯ މެޑްރިޑާއި އެކު ކޮންޓްރެކްޓް ހަދާފައިވާ ގްރިޒްމަން އަށް އަންނަ ސީޒަނުން ފެށިގެން 14 މިލިއަން ޔޫރޯ އަހަރެއްގެ މައްޗަށް ދިނުމަށް ކުލަބުން ނިންމާފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

އެތްލެޓިކޯ މެޑްރިޑުން އަހަރެއްގެ މަށްޗަށް 14 މިލިއަން ޔޫރޯ ގްރިޒަމަން އަށް ދީފި ނަމަ އޭނާ ވެގެންދާނީ އެތްލެޓިކޯ މެޑްރިޑްގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

އުމުރުން 27 އަހަރުގެ ގްރިޒްމަން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ސްޕެއިންގެ ގަދަ ބާރުތަކުން އަންނަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރިޒްމަން ގެންނަން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާއިންނެވެ.