ސްޕޯޓްސް މިނިސްޓާރ އަހްމަދު މަހުލޫފް ދެއްވި ދައުވަތަކަށް ލަންކާގެ ގައުމީ ޓީމު ރާއްޖެ އައިސް ކުޅުނު މެޗު ފަހަތުން އަރައި، އެ ގައުމުން ކާމިޔާބު ކޮށްފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށް ދިޔަ މި މެޗު އެ ގައުމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެ އިން ކާމިޔާބު ކުރި ނަމަވެސް، ދެވަނަ ސެޓުގެ ކުރީ ކޮޅު ލަންކާ އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައި، ސެޓު ނިމެންދެން އެ ލީޑު ދަމަހައްޓާފައެވެ.މި ސެޓު ލަންކާ އިން ގެންދިޔައީ 25-15 އިންނެވެ.

ތިންވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-16 އިން ކަމުގައި ވާއިރު، މެޗުގެ އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވަނީ 4ވަނަ ސެޓުގައެވެ. ދެ ޓީމުންވެސް ދާދި އެއްވަރަކަށް ޕޮއިންޓް ހޯދަމުން އައިސް ލަންކާ އިން ވަނީ 25-23ން މޮޅު ވެފައެވެ. މި ސެޓު ނިމެން އުޅެނިކޮށް ލަންކާ ކުޅުންތެރިޔަކު ރެފްރީ އަށް މުހާތަބު ކުރި ގޮތަކުން ވަނީ ރަތް ކާޑު ދައްކާފައެވެ.

ލަންކާގެ ގައުމީ ޓީމާއި އެކު ރާއްޖެ އިން 3 މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، މިރޭ ކުޅެވިގެން މިދިޔައީ ރަސްމީ މެޗު ކަމުގައި ވާއިރު، ރޭ ކުޅުނު މެޗާއި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗު އެއީ ފަރިތަކުރުމުގެ ގޮތުން ކުޅޭ 2 މެޗެވެ. ރޭ ކުޅުނު މެޗު ލަންކާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ 3 ސެޓުންނެވެ. ނަމަވެސް މިރޭގެ މެޗުގައި ރާއްޖެ އިން ވަނީ ކުޅުން ރަނގަޅު ކޮށް، ލަންކާ އަށް ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރުމަށް ހުރަސް އަޅާފައެވެ.

ލަންކާގެ ކުޅުންތެރިން އިސްކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާފައި ވާއިރު، ރާއްޖޭގެ ޓީމަށް ދީމާވި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އިދިކޮޅު ޓީމުގެ އެޓޭކްތައް ބްލޮކު ނުކުރެވި، ރަނގަޅަށް ނިންމައި ނުލެވުމެވެ.

މިއީ ބޭރު ގައުމަކުން ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އެކުވެރި ކަމުގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރު ކަމުގައި ވާއިރު، މިފަދަ ގިނަ މެޗުތަކެއް ރާއްޖޭގެ ޓީމަށް ލިބިއްޖެ ކަމުގައި ވަނީނަމަ، ކުޅުންތެރިންގެ ފެންވަރު ރަނގަޅު ވެގެންދާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

މިރޭގެ މެޗު ބައްލަވާލެއްވުމަށް ރައީސް ސޯލިހްގެ އާއި، ޑިފެންސް މިނިސްޓާރ މާރިޔާ ދީދީގެ އިތުރުން، އދ. ގެ ޔޫތު އެންވޯއީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ ވެސް ވަނީ ހާޒިރު ވެފައެވެ. އަދި މީގެ އިތުރުން، މެޗު ފޯރިގަދަ ކުރުމަށް ވ. އަތޮޅުންނާއި ކ. އަތޮޅުން ގެނައި ސަޕޯޓަރުން ވަނީ މެދު ނުކެނޑި ރާއްޖޭގެ ޓީމަށް ހިތްވަރު ދީފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް ކުޅެން ލިބޭ މި މެޗުތަކާއި އެކު އަންނަ ހަފްތާގައި ނޭޕާލްގައި ފަށާ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ކުޅުން ރަނގަޅު ވާނޭ ކަމަށް ބެލެވެއެވެ. ބަންގްލަދޭޝް އާއި ނޭޕާލް، ކްރިގިސްތާން އަދި އަފްގާނިސްތާންގެ އިތުރުން ތުރުކެމެނިސްތާން ބައްދަލު ކުރާ މި މުބާރާތުގައި ރާއްޖެ އިން އަމާޒު ހިފާފައި ވަނީ ރަން މެޑަލަށެވެ. ލަންކާ ވެސް ކުރިން މި މުބާރާތުގައި ބައިވެރި ވަމުން އައި ނަމަވެސް، ފަހުގެ އަހަރުތަކުގައި އެ ޓީމުން މުބާރާތުގައި ބައިވެރި ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުފާ

    😂😂😂😂

  2. ކެޔޮޅު

    މަހުލޫފުމެންކަހަލަ ރިސަވަތުގެ ބާނީން ރާވާމެޗުތައް ބާމިޔާބުކުރަން އެހާފަސޭހައެއް ނުވާނެ . ތިކަމުގައިވެސް ޖީބައް ބަޔެއް ލާފަ ވެދާނެ!!