ނޮދަން އަޔަލޭންޑް ބަލިކޮށް ޖާމަނީ އިން ޔޫރޯ ކޮލިފައިންގައި މުހިއްމު މޮޅެއް ހޯދައި ހަމަނޭވާއެއްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އަމިއްލަ ގައުމުގައި ހޮލަންޑު އަތުން ބަލިވުމުގެ ސަބަބުން ޖަރުމަނު ޓީމަށް ބޮޑެތި ފާޑުކިއުންތަކަކާއި އަމާޒުވި އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަަޕްގައި ލަދުވެތި ގޮތަކަށް ކަޓައިގެން ދިއުމުގެ އިތުރުން މި އަހަރު ބޭއްވި ޔުއެފާ ނޭޝަންސް ލީގުގައިވެސް އާދައިގެ ގޮތަކަށް ޖަރުމަނު ޓީމު ފެނިގެންދިއުމުން ކޯޗު ޖޯކިމް ލޯ އަށް ވަނީ ޕްރެޝަރާއި ކުރިމަތިވެފަ އެވެ. އެ ހުރިހާ ކަމެއް ބޯމަތީގައި އޮވެ ޖަރުމަނުން ރޭ ޔޫރޯ ކޮލިފައިންގައި ނޮދަން އަޔަލޭންޑް އާއި ވާދަކުރީ މޮޅަކަށް ވަރަށް ބޭނުންވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޯޗު މައިކަލް އޯނިލްގެ އިރުޝާދުގެ ދަށުން އަޔަލޭންޑުން ޖާމަނީ އަށް ދުއްތުރާތަކެއް ކުރިއިރު ކީޕަރު ނޯޔާ އަށް އެ ހާފު ވެގެންދިޔައީ ބޮލުގެ ރިހުމަކަށެވެ. ސްކޮޓްލޭންޑްގެ ކްލަބަކަށް ކުޅެމުން އަންނަ ފޯވަޑް ކޮނޯ ވޮޝިންގްޓަންގެ ނުރައްކާތެރި ދެ ހަމަލާއެއް ހުޝިޔާރުކަމާއެކީ މަތަކޮށް ނޯޔާ ވަނީ ބާސާގެ ކީޕަރު ޓާ ސްޓެޖަންގެ ބަދަލުގައި އޭނާ އަށް ފުރުސަތު ދިނުން ގޯސް ނޫންކަން ދައްކުވައިދީފަ އެވެ. ނޯޔާގެ މޮޅު ކުޅުމާއެކު ޖަރުމަނުން ފުރަތަމަ ހާފު ފަރުޖައްސާލީ 0-0ގެ ނަތީޖާއެއްގަ އެވެ.

ދެވަނަ ހާފު ޖޯކިމް ލޯގެ ޓީމުން ފެށީ ސްޓައިލުގަ އެވެ. ބުންޑެސްލީގާގެ ލީޕްޒިގް އަށް ކުޅެމުން އަންނަ 27 އަހަރުގެ ފޯވަޑް މާރްސެލް ހަލްސްޓެންބާގް ލަނޑުން ޖާމަނީ އިން މެޗު ތެރެއަށް ނޭވާލައި ތިން ޕޮއިންޓަށް އަމާޒު ހިފާލި އެވެ. ދެވަނަ ހާފުގައި އެޓޭކިންގް ފުޓްބޯޅަ އަކަށް ބަދަލުކޮށް ޖަރުމަނު ޓީމުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ އެވެ. އެގޮތުން ޒުވާން ފޯވަޑުން ކަމަށްވާ ސާޖް ގްނާބްރީ އާއި ޓިމޯ ވާނާގެ ފަރާތުން ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް އަޔަލޭންޑް ގޯލަށް އަމާޒުވި އެވެ.

ދެ ގޯލްކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޖާމަނީ އަށް ދެވަނަ ފަހަރަށް އަޔަލޭންޑްގެ ގޯލު ފޫއަޅުވާލެވުނީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ގްނާބްރީ އެވެ.

ރޭ ލިބުނު މޮޅާއެކު ޖާމަނީ އިން ވަނީ ޕޮއިންޓްގެ ގޮތުން އަޔަލޭންޑާއި އެއްވަރު ކޮށްފަ އެވެ. ދެޓީމަށްވެސް މިހާތަނަށް ފަސް މެޗުން ބާރަ ޕޮއިޏްޓް ލިބިފައިވާއިރު މިގްރޫޕްގެ ތިންވަނައިގައި ނުވަ ޕޮއިންޓާއެކު އޮތް ހޮލަންޑުން އަންނަނީ ގްރޫޕްގެ އެންމެ ކުރިއަށް ޖެހިލުމަށް ފައިވިއްދަމުންނެވެ. ޖާމަނީ އާއި އަޔަލޭންޑަށް ހޮލަންޑަށްވުރެ އިތުރަށް އެއް މެޗު ކުޅެގެން ކުރިލިބޭއިރު މި ގްރޫޕް ވެފައިވަނީ މިފަހަރުގެ ކޮލިފައިންގައި އެންމެ ވާދަވެރި ގްރޫޕަށެވެ.