އަންނަ މަހުގެ ކުރީމޮޅު ނޭޕާލުގައި ބާއްވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމު މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުން އެކުލަވާލައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން އެކުލަވާލި ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ ގައުމީ ޓީމަށް ފެތުންތެރިން ހޮވާފައިވަނީ އެކަމަށް ބޭއްވުނު ހާއްސަ ޓްރަޔަލްތަކަށާއި ފެތުންތެރިން ވާދަކުރަން ހުރި ރިލޭތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

އަންނަ މަހުގެ 1 އިން 10 އަކަށް ކުރިއަށްދާ ސާފް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އަންހެން ފެތުންތެރިންނަކީ އައިޝަތު ސައުޝަން އާއި އައިޝަތު ސާޖިނާ އަދި އައިޝަތު އުލްޔާ ޝާއިގްގެ އިތުރުން ހަމްނާ އަހުމަދު އެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ހަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން އަދި ހުސައިން މުބާހު އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ނޭޕާލަށް ފުރުމުގެ ކުރިން ރާއްޖޭގެ ފެތުންތެރިން އިންޑިއާގައި ކޭމްޕު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ފެތުމަކީ ފަހަކަށް އައިސް ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރާއްޖޭން މެޑަލް ހޯދި ކުޅިވަރުތަކުގެ ތެރޭގައި ވެސް ސްވިމިން ހިމެނެއެވެ. އެފަހަރު ރާއްޖޭގެ އައިމިނަތު ޝަޖަން ވަނީ ލޯ މެޑަލް ޙާސިލްކޮށްފައެވެ.

އަވައްޓެރި އިންޑިއާގައި ކުރިއަށްދިޔަ ގޭމްސްގައި ރާއްޖޭން ވާދަކުރި ފެތުންތެރިންގެ ޓީމުގައި ހިމެނުނީ ފަސް އަންހެން ބައިވެރިންނާއި ފަސް ފިރިހެން ބައިވެރިންނެވެ. އެފަހަރު ޓީމުގައި ހިމެނުނު ފެތުންތެރިންގެ ތެރެއިން މިފަހަރު ގައުމީ ޓީމުގައި ހިމެނެނީ ހަތަރު ފެތުންތެރިންނެވެ. އެއީ އަންހެން ޓީމުގައި ހިމެނޭ ސާޖިނާ އާއި ސައުޝަންގެ އިތުރުން ފިރިހެން ޓީމުގައި ހިމެނޭ މުބަލް އަދި އަޝްރަފް އެވެ.

ފެތުމަކީ ފަހަކަށް އައިސް ރާއްޖޭން ވާދަކުރަމުން އަންނަ ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދަމުން އަންނަ ކުޅިވަރެކެވެ. ގައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަލީ އިމްއާން ވަނީ ހަންގޭރީގައި މިދިޔަ އޮގަސްޓް މަހު ކުރިއަށްދިޔަ ވޯލްޑް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕުގައި 200 މީޓަރު ބެކްސްޓްރޯކް އަދި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކޮށްފަ އެވެ.