ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ އެވެ.

ނޭޕާލްގެ ޓީޔޫ ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު ލޯ މެޑަލް މެޗުން ނޭޕާލް މޮޅުވީ ބާކީ 23 ބޯޅަ އޮއްވާ 5 ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ ގަސްތުކުރީ ކުޅެން އެރުމަށެވެ. ރާއްޖެ އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 94 ލަނޑެވެ. މި އިނިންގްސްގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ލަނޑު ހެދި ލީމް ޝަފީގް އާއި 17 ލަނޑު ހެދި މުހައްމަދު ރިޝްވާނެވެ.

ރާއްޖެ އަށް 94 ލަނޑު ހެދުނު އިރު ޖަވާބުގައި ނޭޕާލުން ވަނީ ކުޅެން އަރާ 16.1 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 98 ލަނޑު ހަަމަކޮށް މެޗު ކާމިޔާބުކޮށްފަ އެވެ. ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އާރިފް ޝެއިހް އާއި 22 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މައްލާ އެވެ.

ރާއްޖޭގެ ކްރިކެޓް ޓީމަށް މުބާރާތް ނިމިފައިވާއިރު ސަރަހައްދުގެ ކްރިކެޓުގެ ގަދަ ބާރުތަކާއި ދެކޮޅަށް ރާއްޖޭން ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ލީގު އުސޫލުން ކުރިޔަށްދިޔަ ސާފް ގޭމްސްގެ ފިރިހެނުންގެ ކްރިކެޓް މުބާރާތުގައި ރާއްޖެއާއެކު ވާދަކޮށްފައިވަނީ ސްރީލަންކާގެ 23 އަހަރުން ދަށުގެ ޓީމާއި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގެ އިތުރުން ނޭޕާލާއި ބޫޓާން އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަންގްލަދޭޝް އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސްރީލަންކާ ބަލިކޮށްގެންނެވެ.