ކޮކާ ކޯލާ އާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން "ލެޖެންޑްސް ކަޕް"ގެ ނަމުގައި ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި މިހާރު ވެސް ކުޅެމުން އަންނަ ފުޓްބޯޅަ ތަރިން ވެސް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މާފަންނު ޓާފް 1 ގައެވެ.

މިއަދު މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ އަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދެއްވައިފައިވާ ކުރީގެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ބާއްވާ މެޗެއް ކަމަށެވެ. މި މެޗު ފޯރިގަދަ ކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް މެޗު ކުޅޭ ވަގުތުގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

"މެޗުގެ ފޯރިއާއި އެކު ތަފާތު ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި. އަޅުގަނޑުމެން ބޭނުންވަނީ ފުޓްބޯޅާގައި ކުޅުންތެރިންގެ އިތުރަށް ކޯޗުންނާއި މެނޭޖްމެންޓްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށްވެސް އެދުވަހުގެ ހަވީރުގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށް އުފާ ފާޅު ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް" ޖަވާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަވާޒް ވިދާޅުވީ، މި މެޗުގައި ކުރީގެ ކުޅުންތެރިންގެ އިތުރުން މިހާރު ވެސް ކުޅެމުން އަންނަ ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއް ހިމަނަން މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ އިތުރުން މިކަމުގައި އެފްއޭއެމް އާއި ގުޅިގެން ކޮކާ ކޯލާ އިން ކުރަމުންދާ މަސައްކަތް ޖަވާ ވަނީ ވަކިން ހާއްސަކޮށް ފާހަގަކޮށްފައެވެ.

"ކުރީގެ ކުޅުންތެރިންގެ އިތުރުން މިހާރުވެސް ކުޅެމުން އަންނަ ކުޅުންތެރިން، މެޗުގައި ހިމަންނަ މަސައްކަތް ކުރަމުން. އެހެން ނަމަވެސް ސީޒަނުގެ މެދުތެރެއަށް ވާތީ އެކަމުގައި ދަތިތަކެއް ކުރިމަތި ވެދާނެ" ޖަވާޒް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މެޗުގައި ކުޅޭ ދެ ޓީމް ލާން ހަމަޖެހިފައިވާ ޖާޒީ ވެސް ދައްކާލާފައެވެ.