އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތު ހެކްޓާ ބެލެރިން ކާމިޔާބުކުރި ލަނޑުން އާސެނަލް އިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ލަންޑަން ޑާބީ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ. އާސެނަލް އިން މި މެޗާ ކުރިމަތިލީ ސަސްޕެންޝަނުގައި ހުރި އެ ޓީމުގެ ކެޕްޓަން ޕިއެރޭ އެމެރިކް އޮބާމެޔަންގް ނުހިމަނައެވެ. އޭނާގެ ބަދަލުގައި އާސެނަލްގެ ފޯވަޑް ލައިންގައި ހަރަކާތްތެރިވީ ބްރެޒިލްގެ ޒުވާން ފޯވަޑް ގެބްރިއެލް މާޓިނެލީ އާއި އެލެކްޒަންޑާ ލަކަޒަޓް އެވެ.

ސްޓަމްފޯޑު ބްރިޖްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޮގީނިއޯ އެވެ. މިއީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޭވިޑް ލުއިޒް ޓެމީ އަބްރަހަމް އަށް ކުރި ފައުލެއްގެ ސަބަބުން ރެފްރީ ޗެލްސީ އަށް ދިން ޕެނަލްޓީ އެކެވެ. ލުއިޒްގެ މި ފައުލަށް ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ބޮޑު ބައެއް ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އާސެނަލް އަށް އުއްމީދު އާ ވެގެންދިޔައީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި މާޓިނެލީ ޗެލްސީގެ ގޯލު ފޫއަޅުވާލުމުންނެވެ. އޭގެ ފަހުން 84 ވަނަ މިނެޓުގައި ކަލަމް ހަޑްސަން އޮޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސެޒާ އަޒްޕިލިކުއެޓާ ޗެލްސީ އަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލޫކަސް ޓޮރޭރާ ދިން ބޯޅައެއްގައި ބެލެރިން ވަނީ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޗެލްސީ އަށް އަލުން ލީޑު ނަގައިދޭން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޗީ ބަޓްޝުއާއީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ޗެލްސީ ވަނީ 24 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. އާސެނަލް އޮތީ 24 މެޗުން 30 ޕޮއިންޓް ހޯދައިގެން ދިހަ ވަނައިގައެވެ.