ނޯވޭގެ ޒުވާން ފޯވަޑް އާލިންގް ހާލަންޑުގެ ރެކޯޑަކާއެކު ކޮލޯންގެ މައްޗަށް ކުރިހޯދައި ބޮރޫޝިއާ ޑޯޓަމަންޑުން ޖަރުމަން ބުންޑެސްލީގާ ތާވަލުގެ އެއްވަނައިގައި އޮތް ރެޑްބުލް ލީޕްޒިގްއާ ހަތަރު ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކޮލޯން އާއި ދެކޮޅަށް ކުޅެ ޑޯޓްމަންޑުން ރޭގެ މެޗު ކާމިޔާބުކުރީ 5-1 އިންނެވެ. މި މޮޅާއެކު ޑޯޓްމަންޑު ވަނީ 19 މެޗުން 36 ޕޮއިންޓް ހަމަކޮށްފައެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ ޗެމްޕިއަން ބަޔާން މިއުނިކް އަށް މިވަގުތު ދެވަނަ މަގާމް ލިބެނީ ލަނޑުގެ ތަފާތުން އެޓީމަށް ކުރި ލިބޭތީ އެވެ. އެއްވަނައިގައި ލީޕްޒިގް އޮތީ 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭގެ މެޗުން ބަލިވި ކޮލޯން އޮތީ 20 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ކޮލޯން ކޮޅަށް ޑޯޓްމަންޑުން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ޖޭޑަން ސާންޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ރަފައެލް ގުއަރޭރޯ އެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި މެޓްސް ހަމެލްސްގެ އެހީތެރިކަމާއެކު ކެޕްޓަން މާކޯ ރޮއިސް ވަނީ ޑޯޓްމަންޑުގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން އެޓީމު ކުރީގައި އޮވެއެވެ.

މެޗުގެ 48 ވަނަ މިނެޓުުގައި ރޮއިސް ދިން ބޯޅައެއްގައި ސާންޗޯ ޑޯޓްމަންޑުގެ ތިންވަނަ ލަނޑު ޖެހި އިރު 65 ވަނަ މިނެޓުގައި މާކް އުތް ވަނީ ލަނޑެއް ޖަހައި ކޮލޯން އަށް ފަރަގު ކުޑަކޮށްދީފައެވެ. ޑޯޓްމަންޑުގެ ފަހު ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާލަންޑު އެވެ. ހާލަންޑުގެ ފުރަތަމަ ލަނޑު 77 ވަނަ މިނެޓުގައި ޖެހި އިރު ދެވަނަ ލަނޑު ޖެހީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ.

ރޭގެ ދެ ލަނޑާއެކު ހާލަންޑު ވަނީ ބުންޑެސްލީގާ ތާރީހުގައި ފުރަތަމަ ދެ މެޗުން އެންމެ އަވަހަށް ފަސް ލަނޑު ހަމަކުރި ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ. ހާލަންޑު ޑޯޓްމަންޑުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ކުޅެން އެރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޯގްސްބާގާ ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދައިފައެވެ. ހާލަންޑު ރެކޯޑު ފޮތުން ޖާގަ ހޯދީ 57 މިނެޓު ތެރޭ ފަސް ލަނޑު ކާމިޔާބުކޮށްގެންނެވެ.

އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުގައި މޮޅު ކުޅުމެއް ދައްކަމުން އައި ހާލަންޑު 17.1 މިލިއަން ޕައުންޑަށް ޑޯޓްމަންޑަށް ބަދަލުވީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އޭނާ އަށް ފާރަލަމުން ދަނިކޮށެވެ.