އިނގިރޭސި ޕްރެމިއާ ލީގު ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހަމަކޮށްގެން މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑު ލިވަޕޫލަށް މުގުރާލެވިދާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

2017-2018 ވަނަ އަހަރުގެ ސީޒަނުގެ ލީގް ޗެމްޕިއަންކަން ސިޓީން ހޯދީ ރެކޯޑު 100 ޕޮއިންޓާއެކު އެވެ. އެއީ މިއަދާއި ހަމައަށް ޕްރިމިއާ ލީގު ތާރީހުގައި ޓީމަކަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވާއިރު އޭގެ ކުރިން ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި އެ އަދަދަށް ޕޮއިންޓް ހަމަކުރުމަކީ ވާނެ ކަމެއް ކަމަށް ގިނަބަޔަކު ގަބޫލެއްވެސް ނުކުރެއެވެ. މަޝްހޫރު އާސެނަލްގެ "އިންވިންސިބްލް" ސީޒަނުގައި ވެސް އެޓީމަށް ނިންމާލެވުނީ 90 ޕޮއިންޓާއެކުއެވެ. އެހެން ނަމަވެސް ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް އިންގްލަންޑަށް ބަދަލުވެ ފުރަތަމަ އަހަރު ދޫކޮށް ދެވަނަ ސީޒަނުގައި ގާޑިއޯލާ ވަނީ އޭނާގެ ސިސްޓަމަށް މެންޗެސްޓާ ސިޓީ ރިބްރޭންޑް ކޮށް މިދިޔަ ދެ ސީޒަނުގައިވެސް ތަށި އުފުލާލާފައެވެ.

މީގެ ދެ ސީޒަނު ކުރިން 100 ޕޮއިންޓް ހަމަކޮށް ސިޓީން ގާއިމްކުރި ރެކޯޑަށް މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކްލަބު ލިވަޕޫލުން އަންނަނީ ފާރަލަމުންނެވެ. ލީގުގައި މިހާތަނަށް 22 މެޗު ލިވަޕޫލުން ކުޅެފައިވާއިރު އެއްވެސް މެޗަކުން އެޓީމު ބަލިވެފައި ނެތްކަމީ ޔާގެން ކްލޮޕްގެ ޓީމުގެ ވަރުގަދަކަން ހާމަވެގެންދާ ކަމެކެވެ.

ސިޓީގެ ރެކޯޑު ލިވަޕޫލަށް މުގުރާލެވިދާނެތޯ އަހައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ ރެކޯޑުތައް ހަދާފައި ހުންނަނީ މުގުރާލުމަށް ކަމަށާއި އޭނާގެ ޓީމުން ހެދި ރެކޯޑު ވެސް މުގުރާލެވޭނެ ކަމަށެވެ.

" އާދެ ރެ އެކޯޑު މުގުރާލެވިދާނެ. ރެކޯޑުތައް ހަދާފައި މި ހުންނަނީ މުގުރާލުމަށް. އަހަރެމެން މި ރެކޯޑު މުގުރާލީ ބަޔަކު މިކަން ނުވާނެޔޭ ބުނެފަ ހުއްޓާ. އެހެންވެ އަހަރެމެން ހެދި ރެކޯޑު ވެސް ކޮންމެވެސް ދުވަހަކުން ބަޔަކު މުގުރާލާނެ. ތާރީހުން މިކަންކަން އެނގިގެންދޭ. ލިވަޕޫލް ބަލިކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެމީހުން ދަސްކޮށްފި މެޗުތަކުން މޮޅުވާނެ ގޮތް، " ގާޑިއޯލާ ބުންޏެވެ.

ޕްރެމިއާ ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 67 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމުން ވަނީ 23 މެޗުގެ ތެރެއިން 22 މެޗު ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް ގެއްލުނުހާވެސް ޕޮއިންޓަކީ ސީޒަނުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ. 16 ޕޮއިންޓްގެ ލީޑެއްގައި ލިވަޕޫލް އޮތްއިރު ދެވަނައިގައި ސިޓީ އޮތީ 51 ޕޮއިންޓާއެކުއެވެ.