ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބަށް ޖަހައިދިން 50 ވަނަ ލަނޑާއެކު އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާގެ މައްޗަށް ކުރިހޯދައި ޔުވެންޓަސް އިން ތާވަލުގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ފިއޮރެންޓީނާ އަތުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ. އަލަޔާންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސް ކުޅުނު އިރު ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް އެޓީމުންނެވެ. ގޮންޒާލޯ ހިގުއެން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ޑަގްލަސް ކޮސްޓާ ނަގައިދިން ހުރަހެއްގައި ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އިދިކޮޅު ކީޕަރެވެ.

ފުރަތަމަ ހާފުގައި ފިއޮރެންޓީނާ އިން ވެސް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރިއެވެ. އެގޮތުން ފޯވަޑް ފެޑެރީކޯ ޗިއޭސާ 25 ޔާޑު ދުރުން ފޮނުވާލި ހަމަލާ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ޔުވެންޓަސް އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ. އޭރިޔާ ތެރެއިން ފިއޮރެންޓީނާގެ ޖަރުމަން ޕެޒެއްލާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑަކީ ވެސް ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ރޮޑްރީގޯ ބެންޓަންކާ އަށް ފިއޮރެންޓީނާގެ ފެޑެރީކޯ ސިޗެރެނީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރޭގެ ދެ ލަނޑާއެކު ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 50 އަށް އަރައިފައެވެ. އޭނާ މި އަދަދު ހަމަކުރީ 70 މެޗުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޕައުލޯ ދިބާލާ ނަގައިދިން ހުރަހެއްގައި ކާމިޔާބުކުރީ ޒުވާން ޑިފެންޑަރު މެތިޖްސް ޑިލައިޓް އެވެ.

މި ނަތީޖާ އާއިއެކު ޔުވެންޓަސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 54 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތީ 51 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ. އިންޓަ ވަނީ ރޭ އެޓީމު ރަށުން ބޭރުގައި ކުޅުނު މެޗުގައި އުދިނޭޒީގެ މައްޗަށް 2-0 އިން ކުރިހޯދައިފައެވެ. ސަން ސީރޯގައި ކުޅުނު އެ މެޗުގައި އިންޓަ އިން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އެވެ.