ހދ. ކުޅުދުއްފުށީ ކުއަންޓަމް ހޯލްސޭލްއާއި ރެޑްވޭވް ގުޅިގެން އެ ރަށުގައި ބޭއްވި "ރެޑްވޭވް ކުޅުދުއްފުށީ ނެޓްބޯޅަ މުބާރާތް" ގެ ޗެމްޕިއަންކަން ކޭވައިއާރުސީ ހޯދައިފިއެވެ.

ކޭވައިއާރުސީ ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލުގައި ޓީމް ނިކިއާ ބައްދަލުކޮށް 27-34 ފޮއިންޓުން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލަށް ކޭވައިއާރުސީ ދަތުުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

މިދިޔަ މަހުގެ 20 ން 29 އަށް ތާވަލްކޮށްގެން މުބާރާތް ފެށިނަމަވެސް މޫސުން ގޯސްވުމުންނާއި ކޮވިޑް ކޭސް އެއް ފެނުމުގެ ސަބަބުން އެޗްޕީއޭއިން ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތަށް ގެނައުމުގެ ސަބަބުން ފައިނަލް ކުޅެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން 3 ކުޅުންތެރިން ގެނައުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި ގްރޭޑް 8 ފެށިގެން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތް އޮތީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ނިއުބީސް، ރަމްބަލްސް، ކޭވައިއާރުސީ، ޓީމް ޔުނިކް ފުރެންޑްސް، ޓީމް ނިކި، ކޮންޓެކްޓް، އަފީފުއްދީން އެސްއާރުސީގެ އިތުރުން ކޭވައިއާރުސީ ޖޫނިއާސް އާއި ރިބެލްސް އެވެ.

ރަނަރަޕް ޓީމަކަށް ޓީމް ނިކި ވެފައިވާއިރު މުބާރާތުގެ ފެއާރ ޕުލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ރިބެލްސް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ޓްރޮފީގެ އިތުރުން ގިފްޓް ޕެކަކާއި ޓީވީއެއް ވަނީ ހަދިޔާކޮށްފަ އެވެ.

މި މުބާރާތަކީ ކުއަންޓަމް ހޯލްސޭލުން ރެޑްވޭވްގެ އުފެއްދުންތައް ވިއްކަން ފެށުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.