ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ޔުވެންޓަސް އަށް ކުޅެދިން ފަހު މެޗުން މޮޅުވެ، އިޓާލިއަން ލީގުގެ ތަށި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސް އިން އުފުލާލައިފިއެވެ.

އިޓާލިއަން ލީގުގެ ފަހު މެޗުން ޔުވެންޓަސް ރޭ މޮޅުވީ ހެލާސް ވެރޯނާއާ ބައްދަލުކޮށް 1-2 އިންނެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް އިން ލީގު ނިންމާލީ 95 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނަ ނަޕޯލީން ހޯދިއިރު ޔުވެންޓަސް އަތުން ރޭ ބަލިވި ވެރޯނާ ވަނީ ރެލިގޭޓްވެފައެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޕިޔާނިޗް އާއި ރުގާނީއެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ޔުވެންޓަސް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ލިޝްޓްސްޓެއިނާ ފޮނުވާލި އެ ޕެނަލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ވެރޯނާގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެލެސިއޯ ސާޗީއެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެސް ޔުވެންޓަސް އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވާއިރު މި މެޗު ބޮޑަށް ހާއްސަ ވެފައި އޮތީ އެޓީމުގެ ކީޕަރު ބުފޮން އަށެވެ. އެގޮތުން ރޭގެ މެޗަކީ ޔުވެންޓަސް އަށް ބުފޮން ކުޅެދިން ފަހު މެޗެވެ. އުމުރުން 40 އަހަރުގެ ބުފޮން ވަނީ ޔުވެންޓަސްގައި 17 އަހަރު ހޭދަކޮށްފައެވެ.

ބުފޮން ޔުވެންޓަސް ދޫކޮށްލަން ނިންމިއިރު ކުރިމަގާ މެދު އޭނާ އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ބުފޮން އަދި ނުގެންގުޅޭއިރު އޭނާ ގެނައުމަށް ފްރާންސްގެ ޕީއެސްޖީން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2001 ވަނަ އަހަރު ޕާމާ އިން ޔުވެންޓަސްއާ ގުޅުނު ބުފޮން ވަނީ އެ ކްލަބަށް 656 މެޗު ކުޅެދީ 20 ތަށި އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ނުވަ އިޓާލިއަން ލީގު ތަށްޓާއި ހަތަރު އިޓާލިއަން ކަޕް ތަށި ހިމެނެއެވެ.

ޔުވެންޓަސްއާއެކު ހޭދަކުރި މުއްދަތުގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު ބުފޮން ކުޅުނު ނަމަވެސް އެ ތަށި ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.