ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗަސްޓަރ ޔުނައިޓެޑުން ނިއުކާސަލްގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމުގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި އެޓީމު މޮޅުވި ދެވަނަ މެޗެވެ. އަދި ލީގުގައި އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅެ ބޮޑު ފަރަގަކުން ބަލިވި މެޗު ހަނދާން ނައްތާލާ ލީގުގައި ކުރިއަށް ހުރި މެޗުތައް ރަނގަޅު ކުރުމަށް ލިބުނު ހިތްވަރަކަށް ވެގެންދާނެއެވެ.

މެޗުގެ ދެވަނަ މިނެޓުގައި ނިއުކާސަލް ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ނިއުކާސަލްގެ ޖޮލްޖޯ ޝެލްވީ ދިން ތްރޫ އަކުން އެމިލް، އޭރިއާ ތެރެއަށް ހުރަސްކޮށްލުމަށް ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ގޯލްގެ ތެރެއަށް ވަދެގެން އެޓީމަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

ބައިކޮޅަށް ވަތް މި ލަނޑާއެކު ޔުނައިޓެޑުން ވަނީ ކޮންމެވެސް ވަރަކަށް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލުމަށް މަސައްކަތްކޮށްފައެވެ. ފުލުފުލުގައި ހަމަލާތައް ފޮނުވާލަމުންގޮސް މެޗުގެ 20 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނިއުކާސަލްގެ ގޯލުގެތެރެއަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް ވީއޭއާރު ބެލުމަށްފަހު ބްރޫނޯ ފެނާންޑޭޒް ބޯޅަ ފޮނުވާލުމަށް ފުރުސަތު ތަނަވަސްކޮށްދިންއިރު ހުއާން މަޓާ އޮފްސައިޑުގައި ހުރުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

އެހެންނަމަވެސް އޭގެ ދެ މިނެޓުފަހުން ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހުއާން މަޓާ ނަގައިދިން ކޯނަރެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ މެގުއާ އެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން އަށްވަނަ ލަނޑެވެ. މި ލަނޑަށްފަހުވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނަސް ލަނޑެއް ޖެހުމަށް އިތުރު ފުރުސަތުތަކެއް ދެޓީމުންވެސް ވަނީ ތަނަވަސްކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ފަހު ދިހަ މިނެޓުގައި ޔުނައިޓެޑުގެ އިތުރު ތިން ލަނޑެއް ފެނިގެންދިޔައިރު، މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ޔުނައިޓެޑުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ވަރަށް އިތުބާރާއެކު ފޮނުވާލިނަމަވެސް ނިއުކާސަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެރްނާންޑެޒްއެވެ. މިއީ ރަޝްފޯޑް އޭރިއާ ތެރެއިން މުޅިން ހުސްކޮށްލާފައި ދިން ރީތި ޕާހަކުން ބްރޫނޯ ކާމިޔާބުކުރި ލަނޑެކެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޭރޮން ވޭން ބިސާކާއެވެ. މިއީ ބިސާކާ ވާދަވެރި މުބާރާތެއްގެ މެޗެއްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ، މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު ޔުނައިޓެޑުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކައުންޓަރ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ހުރެ މާކަސް ރަޝްފޯޑެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު މެންޗަސްޓަރ ޔުނައިޓެޑު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އަދި ނިއުކާސަލް އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާ ތާވަލުގެ 11 ވަނައިގައެވެ. ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިމަހުގެ 21 ވަނަ ދުވަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަދި ލީގުގައި މިމަހު 24 ވަނަ ދުވަހު ޔުނައިޓެޑު ނުކުންނާނީ ވާދަވެރި ޗެލްސީއާ ދެކޮޅަށެވެ.