ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އުމުރުން 21 އަހަރުގެ އެމްބާޕޭ ހޯދުމަށް އެ ކުލަބުން އަލުން މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް ދީފައެވެ. މީގެކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. މޮނާކޯ ދޫކޮށް ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފަރ ކަމަށްވާ 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ.

ދާދި ފަހުން ރެ ޕީއެސްޖީގެ އެއްބަސްވުން އާކުރަން އެމްބާޕޭ ބޭނުންނުވާތީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީން އެމްބާޕޭ ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން އޭނާ ވިއްކާލުމަށް ބޭނުންވަނީ 200 މިލިޔަން ޔޫރޯއަށް ކަމަށް ފްރާންސްގެ މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ގިނަ ކުލަބުތަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ. ނަމަވެސް ރެއާލުން އެކަން ދޫކޮށްނުލައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭ އަކީ ރެއާލްގެ ރައީސް ވަރަށް ބޭނުންވާ ކުޅުންތެރިއެކެވެ. އަދި ޒިދާންވެސް ވަނީ އެމްބާޕޭ ބޭނުންވާކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދުން 128 މެޗުގައި 94 ލަނޑު ޖަހާފައެވެ. އަދި ގިނަ ލަނޑުޖެހުމުގައި އެމްބާޕޭ ވަނީ ބޮޑު އެހީތެރިކަމެއް ދީފައެވެ.