އަންނަ ސީޒަނަށް ތައްޔާރުވާ ޓީމުތަކުގެ ތެރެއިން އެންމެ ތަޖުރިބާކާރު ކޯޗިން ޓީމާއެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފަރިތަކުރުންތައް ފަށައިފިއެވެ.

ޔޫވީގެ ހެޑް ކޯޗުކަން ކުރާނީ މުހައްމަދު އާދަމްއެވެ. އޭނާގެ އެދުމުގެ މަތިން ޓީމާއި ގުޅުނު ފާހަގަކޮށްލެވޭ ކޯޗުންނަކީ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) އާއި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދުގެ އިތުރުން ކުރީގެ އެއްވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތީ އެންމެ ފަހުން ކޯޗިންގެ މަސައްކަތްކުރީ ބ. އޭދަފުށީ ޓީމުގަ އެވެ. ލައްޗޭ ވަނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި މީގެކުރިން މަސައްކަތްތަކެއް ކޮށްފައެވެ. ޔޫވީގެ ގޯލްކީޕަރު ޓްރެއިނަރަކީ މުހައްމަދު އިގުބާލް (އައިކިއު) އެވެ. އަދި އޭނާ އަށް މި ވަގުތު ބައިވެރިނުވެވެނީ ބަލިހާލަތު ހުރި ގޮތުންކަމަށް ކޯޗު މުހައްމަދު އާދަމް ބުންޏެވެ.

ޔޫވީގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ސާންތި-- ފޮޓޯ: އެފްއޭއެމް

"އަޅުގަނޑަށް ވަރަށް އާ ސިޓުއޭޝަނެއް މިއީ ނުވަ މަހެއްހާ ދުވަހު ނުކުޅެ ކުޅުންތެރިން ހަތަރު ފަސް ތެރޭ ފިޓްކުރުމަކީ. މިއީ އަޅުގަނޑަށް ވަރަށް ޗެލެންޖިން މަސައްކަތެއް. ދެން އެހެންވެ އަޅުގަނޑު ރަށްޓެހިންގެ ކައިރިން އެހީ އަށް އެދުނީ މި" ވަގުތު ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން މުހައްމަދު އާދަމް ބުންޏެވެ.

ކޯޗު ބުނީ ކޯޗިން ޓީމު ފުދޭ ވަރަކަށް ވަރުގަދަކަމަށާއި މި ތަޖުރިބާ ބޭނުންކޮށްގެން ވަރުގަދަ ޓީމެއް ތައްޔާރުކުރެވިގެން ދާނެކަމަށެވެ.

ޔޫވީން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ޔޫވީ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް ވަނީ ވަރުގަދަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) އާއި އާދިލް އަބްދުލް ރަހުމާންގެ އިތުރުން އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއި ވަނީ ހޯދާފައެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީ އެވެ. އެފްއޭއެމުގެ ޝެޑިއުލްގައިވާ ގޮތުން ދިވެހި ޕްރިމިއަރ ލީގު ތާވަލުކޮށްފައިވަނީ ޑިސެމްބަރު 13 ގައި ފެށުމަށެވެ.