ޗެމްޕިއަންސް ލީގުގައި ރޭ އިނގިރޭސި ވިލާތުގެ ޗެމްޕިއަން ލިވަޕޫލާއި އިޓަލީގެ އެޓަލާންޓާ ބައްދަލުކުރި މެޗުގައި ލިވަޕޫލުން ފަސޭހަ މޮޅެއް ހޯދިއިރު އެޓީމަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހު ލަނޑު ޖެހުމުގެ ރެކޯޑަކާ އަރާ ހަމަކޮށްފިއެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ސަލާހު ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ސްޓީވަން ޖެރާޑް 21 ލަނޑާއެކު ހަދާފައިވާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ޖެރާޑް މިރެކޯޑް ހަދާފައިވަނީ އޭނާ ލިވަޕޫލާއެކު ހޭދަކުރި 17 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައެވެ. ސަލާހް މި ރެކޯޑާ އަރާ ހަމަކުރީ ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް މޮޅުވީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ޑިއޯގޯ ޖޯޓާވަނީ ލިވަޕޫލަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގައި އެޓީމަށް ލީޑު ނަގާދީފައެެވެ. އޭނާ ވަނީ މިމެޗުގައި ހެޓްރިކް ވެސް ހަދާފައެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑަކީ ވެސް އެޓީމަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޖޯޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އޭނާ މިލަނޑު ކާމިޔާބުކުރީ ޖޯސެފް ގޮމޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު ކައުންޓަރ އެޓޭކެއްގައި ކާޓިސް ޖޯން ދިން ޕާހަކުން ސަލާހް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ލަނޑަކީ ސަލާހުގެ އެހީތެރިކަމާއިއެކު އެޓީމުގެ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ ޖަހައިދިން ރީތި ލަނޑެކެވެ.

ލިވަޕޫލުން މެޗުގައި ޖެހި ފަހު ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށް ޖޯޓާވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިގުރޫޕުގައި ދެން ކުޅުނީ ޑެންމާކުގެ މިޖިލޭންޑާއި ނެދަލޭންޑްސްގެ އަޔެކްސްއެވެ. މިމެޗުން ހަނިގޮތަކަށް 1-2 އިން ކުރިހޯދީ އަޔެކްސްއެވެ.

މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ފެނިގެންދިޔައިރު އަޔެކްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮނީއާއި ޑޫސާން ޓަޑިޗްއެވެ. އަދި މެޗުގައި މިޖިލޭންޑުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑަރސް ޑްރެޔާއެވެ.

މިގުރޫޕުގެ އެއްވަނައިގައި ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ. ދެވަނައިގައި އަޔެކްސް 4 ޕޮއިންޓާއެކު އޮތްއިރު 3 ވަނައިގައި އެޓަލާންޓާވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. އަޔެކްސްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މިޖިލޭންޑެވެ.