ރާއްޖޭގެ ޤައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ހަލުވި ކުޅުންތެރިޔާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ކްލަބް ވެލެންސިއާއަށް ސޮއިކޮށްފިއެވެ.

އދ. މަހިބަދޫ އަށް އުފަން ބޮކުރީގެ ސޮއި ވެލެންސިޔާއިން ހޯދިއިރު އޭނާ އެންމެފަހުން ފުރަތަމަ ޑިވިޝަންގައި ކުޅުނީ 2017 ވަނަ އަހަރުއެވެ.

ފުރަތަމަ ޑިވިޝަނުން ވަކިވި ފަހުން ބޮކުރީ 2018 ވަނަ އަހަރު ފެނުނީ ދެ ވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މި އަހަރު ކުޅުނު މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވެލެންސިއާ އިން ވަރުގަަދަ ސްކޮޑެއް އެކުލަވާލިއިރު އެ ޓީމަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ބޮކުރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގައި ކުލަބް ވެލެންސިއާއަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ޒާން އާމިރު އާއި މީގެކުރިން ފުރަތަމަ ޑިވިޝަނުން ފެނުނު ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އަދި ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ އާތީއެވެ.

ވެލެންސިއާ އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ގިނަ މަސައްކަތްތަކަށް ފަހުގައެވެ. ހާއްސަކޮށް އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އެ ޓީމަށް ކުޅުނު ފުރަތަމަ ޑިވިޝަނަށް ކުޅުނު ގިނަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.