އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ތަރި ޒްލަޓާން އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ނާޕޮލީ ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ތާވަލުގެ އެއްވަނައަށް ޖެހިލި ނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި ލިބުނު އަނިޔާއާއި ގުޅިގެން އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ވަނީ ދަނޑުން ބާލާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިބްރަހިމޮވިޗުގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އޭނާގެ މެޑިކަލް ޓެސްޓުތައް މިހާރު ދަނީ ކުރިޔަށެވެ.

މިއީ މިލާނަށް ލީގުގައި ނާޕޮލީ އަތުން އެ ޓީމުގެ ދަނޑުގައި 10 އަހަރަށްފަހު މޮޅުވި ފުރަތަމަ މެޗެވެ. މި މެޗު ފަށައިގެން 20 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ އޭސީ މިލާނަށް ލީޑު ނަގާފައެެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ދެ ލަނޑާއެކު މި ސީޒަނުގައި މިލާން މިހާތަނަށް ކުޅުނު 7 މެޗުން އިބްރަހިމޮވިޗް ވަނީ 10 ލަނޑު ޖަހާފައެވެ.

ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ 63 ވަނަ މިނެޓުގައި ނާޕޮލީގެ ޑްރީސް މާޓެންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ސުން ކަނޑުވާލަދީފައެވެ. މިލާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭންސް ޕެޓާ ހޯގް އެވެ.

މީގެއިތުރުން ލީގުގައި ރޭ އިންޓަމިލާންވެސް ވަނީ ޓޮރީނޯ އަތުން ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗު އިންޓަމިލާން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު އޭސީ މިލާން އެއްވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސަސުއޮލޯއަށް 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ރޯމާ އޮތީ 17 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި 16 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއެވެ. އިންޓަމިލާން އޮތީ ތާވަލުގެ ފަސްވަނައިގައެވެ.