އަންނަ އާދީއްތަ ދުވަހު އައްޑޫސިޓީގައި ފަށާ "ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ ހުޅުވާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އާއި އެފްސީ ރޯދި ވާދަކުރަން ޖެހިއްޖެއެވެ.

ރޯދި އަކީ މި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ ޓީމެކެވެ. މިދިޔަ އަހަރު އުސްގަނޑަ ޗެމްޕިއަންކަން ހޯދީ އައްޑޫ ހިތަދޫގައި ކުޅުނު "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި 3-1ގެ ނަތީޖާއަކުން ޒެލޯން ބަލިކޮށްގެންނެވެ.

ޖުމްލަ 26 ޓީމާއެކު މި މުބާރާތް ކުރިޔަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމަކުން އެންމެ ގިނަ ޕޮއިންޓް ލިިބޭ ދެ ޓީމެއް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. ބާކީ އޮތް ހަތަރު ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ތިންވަނައިގައި އޮތް ޓީމު ކުޅުނު މެޗުތަކުގެ އެވްރެޖް ޕޮއިންޓްތަކުގެ އަދަދަށް ބެލުމަށްފަހު އެންމެ ގިނައިން ލިބޭ ހަތަރު ޓީމަށެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑެވެ. ހަވީރުގެ މެޗުތައް 16:00 ގައި ފަށާއިރު ރޭގަނޑުގެ މެޗުތައް ފަށާނީ 20:00 ގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ޑިސެމްބަރ 15 ގައި ނިމޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 24 އަށެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.