ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ވަގުތު" ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލުމަށް ނިންމައިފިއެވެ.

"ނެސޯ" ވަގުތު ފުޓްސަލް ޗެލެންޖް 2021 ގެ ނަމުގައި އަންނަ އަހަރު މި ބާއްވާ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލުމަށް ނިންމުމާއެކު، މިއީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން އައްޑޫސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

މިކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗަށްފަހު ކުރިޔަށްދިޔަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު އަދި މުބާރާތުގެ ފައިނަލް މެޗުވެސް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ.

ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސެލް ޗެލެންޖް 2020: ފައިނަލް މެޗް: އެފްސީ އުސްގަނޑަ އަދި މައިލޯސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫ ސިޓީގައި ކޮންމެ އަހަރަކުވެސް ކުރިޔަށްދާ މި ޝަރަފުވެރި މުބާރާތުގައި މީގެކުރިންވެސް އައްޑޫއަށް ނިސްބަތްވާ ޓީމުތަކުގެ އިތުރުން އެހެން ރަށްތަކަށް ނިސްބަތްވާ ބައެއް ޓީމުތަކަށްވެސް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ގއ. ނިލަންދޫގެ ޓޮޕް ބްރަދާސް އާއި ފުވައްމުލަކުގެ ތިން ޓީމަކަށްވެސް ވަނީ ފުރުސަތު ދީފައެވެ. މިގޮތަށް ފުރުސަތު ދީފައިވަނީ މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން ވާދަވެރި އެހެން ބައެއް ޓީމުތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މުބާރާތުގެ ފުރަތަމަ 3 އަހަރު ޖުމްލަ 16 ޓީމަކަށް ފުރުސަތު ދީފައިވާއިރު އަންނަ އަހަރުގެ މުބާރާތުގައި ޖުމްލަ 24 ޓީމަކަށް ފުރުސަތުދޭން ވަނީ ނިންމާފައެވެ. އަންނަ އަހަރުގެ މުބާރާތުގެ ޖާގައެއް މިއަހަރުގެ މުބާރާތުގެ ކުއާޓާފައިނަލް ކުޅުނު 8 ޓީމަށް ކަށަވަރުވެފައިވާ އިރު ބާކީ 16 ޓީމަށް ޖާގަ ދޭނީ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ތާރީޚެއް ވަގުތު މެނޭޖްމަންޓުން ފަހުން އިއުލާނުކުރާނެ އެވެ.

އަންނަ އަހަރުގެ މުބާރާތުން ޖާގަ ކަށަވަރުވެފައި ވަނީ އައްޑޫއަށް ނިސްބަތްވާ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން އުސްގަނޑަ އާއި ރަނަރަޕް މައިލޯ ސިޓީ އެފްސީގެ އިތުރުން އެފްސީ ސްޕްރިންޓް، ޒެލޯން، އައްޑޫ އެއާޕޯޓް ރެކްރިއޭޝަން ކުލަބް (އޭއާރްސީ) އާއި އެފްސީ ބޭރުމަތިގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ، މިއަހަރުގެ މުބާރާތުގެ ތިންވަނަ ޓީމް މާލެގަން ސްޕޯޓްސް ކުލަބް އަދި ހޯދަޑު ސްޕޯޓްސް އެވެ.

މީގެއިތުރުން ކޮންމެ ޓީމަކަށް ބިދޭސީ ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތުވެސް ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ.

އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ވަގުތު ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ "ނެސޯ" އެވެ. ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން، ޕްރިންޓިން ޕާޓްނަރަކަށް ކޮންޓްރޯލް ޕީ، ސްޕޯޓްސް ޕާޓްނަރަކަށް މަޅި މޯލްޑިވްސް އަދި އޮފިޝަލް ބޯޅަ ސަޕްލައިކޮށްދޭ ފަރާތަކަށް ކިންގް ސްޕޯޓްސް ވަނީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުރިޔަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އުސްގަނޑަ އިން މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއަހަރުގެ މުބާރާތުގެ ފަހުރުވެރި ޗެމްޕިއަންކަން ހޯދާފައިވަނީ ފާއިތުވި އަހަރުގެވެސް ޗެމްޕިއަން އެފްސީ އުސްގަނޑައެވެ. އެޓީމު ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި މައިލޯ ސިޓީ އެފްސީގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. މެޗުގައި އުސްގަނޑަ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު އަޔާޒް (އަޔާ) އެވެ.